10 Sep 2020, 08:06
ކޮވިޑު19 ގެ ޓެސްޓިން ކެޕޭސިޓީ އިތުުރު ކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން މިއަދުން ފެށިގެން ހުޅުމާލޭ ހޮސްޕިޓަލުގައި ޕީސީއާރު ޓެސްޓު ހަދަން ފަށާނެ ކަމަށް އެޗްއީއޯސީ އިން ބުނެފި އެވެ.
އެެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ރޭ ވިދާޅުވީ މިމަހުގެ ތެރޭގައި ފުޑް އެންޑް ޑްރަގް އޮތޯރިޓީގައިވެސް ޕީސީއާރު ޓެސްޓިން ފަށަން މަސައްކަތް ކުރަމުންދާ ކަމަށެވެ.
ކޮވިޑް19 ހުރިތޯ ބެލުމަށް ހަދާ ޕީސީއާރު ޓެސްތު ހެދުމުގެ އިންތިޒާމު ރާއްޖޭގައި ހަމަޖެހުނީ މިއަހަރުގެ ފެބްރުއަރީ މަހު އެވެ. އޭރު އެ މަސައްކަތް ފެށިއިރު ދުވާލެއްގެ މައްޗަށް ހެދެނީ މަދު ޓެސްޓެކެވެ. ނަމަވެސް ފާއިތުވ 24 ގަޑިއިރު ތެރޭ އެކަނިވެސް ރާއްޖޭގައި 1700 ޓެސްޓު ވަނީ ހަދައިފަ އެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގަައި ޓެސްޓިން ކެޕޭސިޓީ ހުރި މިންވަރުވެސް ޑރ. ނަޒްލާ ރޭ ހިއްސާ ކުރެއްވި އެވެ.
ހއ، ހދ އަދި ށ އަތޮޅު ހިމެނޭ ޒޯންގައި ދުވާލަކު 60 ޓެސްޓު. މިއަދަދު 200 އަށް އިތުރު ކުރަނީ.
- ނ، ރ، ބ އަދި ޅ. އަތޮޅު ހިމެނޭ ޒޯންގައި ދުވާލަކު 80 ޓެސްޓު.
- ގްރޭޓާ މާލެ ސަރަހައްދު އަދި ކ، އއ، އދ، ވ އަތޮޅު ހިމެނޭ ޒޯންގައި ދުވާލަކު 1000 އާއި 1300 އާއި ދެމެދު.
- މ، ފ، ދ، ތ އަދި ލ އަތޮޅު ހިމެނޭ ޒޯނުގައި ދުވާލަކު 40 ޓެސްޓު.
- ގއ، ގދ ހިމެނޭ ޒޯނުގައި ދުވާލަކު 40 ޓެސްޓު
- ފުވައްމުލައް އަދި އައްޑޫ ސިޓީ ހިމެނޭ ޒޯނުގައި ދުވާލަކު 60 ޓެސްޓު.
ޑރ. ނަޒްލާ ވިދާޅުވީ ކުޅުދުއްފުއްޓާއި ނ މާފަރުގައި ބަހައްޓާފައިވަނީ ޕީސީއާރު މެޝިން ކަމަށާއި މާފަރުގައި ހުރި މެޝިނަކީ ޕްރައިވެޓް ޕާޓީ އަކުން ބަހައްޓާފައިވާ މެޝެނެެއް ކަމަށެވެ. މާފަރު އެއާޕޯޓުގައި ސޮނޭވާގެ ފަރާތުން ބަހައްޓާފަިއވާ މެޝެނުން ރާއްޖެއިން ފުރާ ފަތުރުވެރިންގެ ޕީސީއާރު ޓެސްޓު ހަދާކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.
މީގެ އިތުރުން އުނގޫފާރާއި އޭދަފުށީގެ އިތުރުން ލ ގަމާއި ތިނަދޫގައި ޖީން އެކްސްޕާޓް މެޝިނުން ޓެސްޓު ކުރާއިރު އައްޑޫސިޓީގައި ވެސް ޕީސީއާރު ޓެސްޓު ކުރެވެ އެވެ.
ޑރ. ނަޒްލާ ވިދާޅުވީ ޑަބްލިއުއެޗްއޯގެ އެހީގައި ލިބިފައިވާ ޖީން އެކްސްޕާޓް މެޝިންތައް އިންސްޓޯލްކޮށް ޓެސްޓު ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށެވެ.
މި މެޝިންތައް ބަހައްޓަނީ ގއ ވިލިނގިލި، ފުވައްމުލަކު ސިޓީގެ އިތުރުން ޅ ނައިފަރުގައި ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.
މިވަގުތު 45،000 ޓެސްތު ކިޓާއި 11،000 ޖީން އެކްސްޕާޓް ކާޓްރިޖު އެބަހުރި ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.
އެކްޓިވް ސާވަލަންސް ޓެސްޓު ހެދުމުގެ މަސައްކަތްވެސް ކުރިއަށްދާނެ ކަމަށާއި، އަތޮޅު ތެރޭގައި އެކްޓިވް ސާވަލަންސް ވަރުގަދަ ކުރުމަށް މަސައްކަތް ކުރިއަށްދާ ކަމަށައި، މާލޭގައި ވެސް އެކްޓިވް ސާވަލަންސް ކުރާ އަދަދު ރިވައިޒް ކުރުމުގެ މަސައްކަތް ކުރާނެ ކަމަށް ވެސް ޑރ. ނަޒްލާ ވިދާޅުވި އެވެ.
"މީގެ ބޭނުމަކީ ބަލި އުޅޭ މިންވަރު ވަރަށް ރަނގަޅަށް ދެނެގަތުން،" ޑރ. ނަޒްލާ ވިދާޅުވި އެވެ.
ޑރ. ނަޒްލާ ވިދާޅުވީ އަލަމާތްތައް ނެތް މީހުން ވެސް ޓެސްޓު ކުރުމުން ބަލި ހުރިނަމަ އެކަން ދެނެގަނެވޭނެ ކަމަށާއި، އެފަދަ މީހުން އައިސޮލޭޓުކޮށް ކޮންޓެކްޓް ޓްރޭސް ކުރުމަކީ ބަލި ކޮންޓްރޯލު ކުރުމަށް އެޅޭނެ މުހިއްމު ފިޔަވަޅެއް ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.