ދަނޑުވެރިކަމުގެ މަސައްކަތް ކުރަން ގ. އައިމާ އަހުމަދު އަބްދުލް އަޒީޒު ކުށްޔަށް ހިފާފައިވާ ގއ. ފުނަދޫގެ ކުލި ދެ މަސް ދުވަހުގެ ތެރޭގައި މީރާ އަށް ދެއްކައި ހަލާސްކުރަން ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

ސިވިލް ކޯޓުން މިގޮތަށް ހުކުމްކުރީ ފިޝަރީޒް މިނިސްޓްރީ އާއި އަޒީއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ލީޒް ރެންޓް ނުދެއްކުމުން އެ ފައިސާ ހޯދަން މީރާ އިން ދައުވާކުރި މައްސަލަ ބެލުމަށްފަހު މިދިޔަ ހޯމަ ދުވަހު އެވެ.

އެ ފައިސާ، ތިން އަހަރު ދުވަހުގެ މުއްދަތަށް ބަހައިގެން ދެއްކުމަށް ނޮވެމްބަރު29 ،2011 ގައި ވަޒީރުންގެ މަޖިލީހުން ނިންމާފައިވާތީ މިވަގުތަށް ދައްކަންޖެހޭ ފައިސާއެއް ނެތްކަމަށް އަޒީ ވަނީ ޝަރީއަތުގައި ބުނެފަ އެވެ.

ނިހާޔަތު އިއްވެވި ހުކުމްގައި ބުނަނީ މީރާއިން ދައުވާކޮށްގެން ސަރުކާރަށް ހޯދަންޖެހޭ މަދަނީ ދަރަނީގެ ފައިސދާއެއް ދެއްކުމާއި ގުޅޭގޮތުން ދަރަނިވެރިއާއަށް ގޮތްތަކެއް ހަމަޖައްސައިދީ ނުވަތަ އެ ފައިސާ ދައްކަންޖެހޭ ގޮތުގެ މައްޗަށް ގޮތްތަކެއް އެކަށައެޅުމުގެ ބާރު ގާނޫނީ ގޮތުން ވަޒީރުންގެ މަޖިލީހަށް ލިބިފައި ނުވާކަމަށެވެ.

ހުކުމްގައި ބުނަނީ މާޗް 25 ، 2009 އިން ފެށިގެން ޖޫން 25 ، 2011 ގެ ނިޔަލަށް ލީސް ރެންޓްގެ ގޮތުގައި ދައްކަންޖެހޭ 574998ރ. އާއި ފައިސާ ދައްކަންޖެހޭ ތާރީޚުތަކުގައި ނުދެއްކުމުން އެއްބަސްވުން ބާތިލް ކުރެވުނު ދުވަހާއި ހަމަޔަށް ކޮންމެ ދުވަހަކަށް ދައްކަންޖެހޭ ކުލީގެ 0.5 ޕަސެންޓުން ހިސާބު ކުރުމުން ޖޫރިމަނާގެ ގޮތުގައި 1،119،241.66ރ. އާއެކު ޖުމްލަ 1،694،239.66ރ. މިދިޔަ އަންގާރަ ދުވަހުން ފެށިގެން ދެމަސް ދުވަސްތެރޭގައި ދައްކައި ހަލާސްކުރުމަށް އަޒީގެ މައްޗަށް ހުކުމް ކުރާ ކަމަށެވެ.