10 Sep 2020, 07:55
ކޮވިޑު19 އަށް ފަރުވާ ހޯދަމުންދާ މީހުންގެ ތެރެއިން ހަތަރު މީހަކަށް މިވަގުތު ފަރުވާދެމުންދަނީ ވެންޓިލޭޓަރުގައި ކަމަށް އެޗްއީއޯސީ އިން ބުނެފި އެވެ.
ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް11 ގެ އައިސީޔޫގައި ފަރުވާ ދެމުންދާ ދެ ބަލިމީހަކު މިވަގުުތު އޮތީ ވެންޓިލޭޓަރުގައި ކަމަށެވެ. އަދި ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދާ 11 މީހުންގެ ތެރެއިން ފަސް މީހަކު ތިބީ އައިސީޔޫގައި ކަމަށާއި އޭގެ ތެރެއިން ދެ މީހަކަށް ފަރުވާދެނީ ވެންޓިލޭޓަރުގައި ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.
މިވަގުތު ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދާ މިހާރު ބައްޔަށް ފަރުވާދެމުންދަނީ 2،509 މީހުންނަށެވެ. އޭގެ ތެރެއިން 1034 މީހުން އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބިއިރު، ހޮސްޕިޓަލުތަކުގައި ތިބީ 127 މީހުންނެވެ.
ޑީއެޗް 11 ގެ އައިސީޔޫގައި ތިބި ދެ މީހުންނާއި ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ތިބި 111 މީހުންގެ އިތުރުން ދެން ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން ފަރުވާ ދެމުންދަނީ؛
ޑީއެޗް16 ގައި ހަތަރު މީހަކަށް
- ޑީއެޗް 20 ގައި އެކަކަށް
- ޕްރައިވެޓް ވޯޑް 5 ގައި ދެ މީހަކަށް
- އޭދަފުށީ މެެޑިކަލް ފެސިލިޓީގައި އެކަަކަށް
- ގދ ވިލިނގިލީ މެޑިކަލް ފެސިލިޓިގައި ހަތަރު މީހަކަށް
- ލ. ގަން މެޑިކަލް ފެސިލިޓީގައި ދެ މީހަކަށް
މިހާތަނަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންހެ ޖުމްލަ ވަނީ 8،834 އަށް އަރައިފަ އެވެ. ޖުމްލަ 6،288 މީހަކު ބަލިން ރަނގަޅުވެފައިވާއިރު 31 މީހަކު ވަނީީ ބަލީގައި މަރުވެފަ އެވެ.