ފާއިތުވި ހަފްތާއިން ފެށިގެން ކޮވިޑް19 ގެ ކޭސްތައް ފެންނަ މިންވަރު އޭގެ ކުރީ ހަފްތާތަކާ އަޅާ ބަލާއިރު ދަށްވާން ފަށާފައިވާކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ވިދާޅުވީ ބަލި ޖެހޭ މީހުންގެ އަދަދު ދަށްވާން ފަށާފައިވަނީ ބަލި ކޮންޓްރޯލު ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ރައްޔިތުން އެއްބާރުލުން ދޭތީ ކަމަށެވެ.

"ނިމިގެން ދިޔަ ހަފްތާގައި ޖުމްލަ ޕޮޒިޓިވްވީ މީހުންގެ އަދަދު މިވަނީ އެގެ ކުރީ ހަފްތާ އަށްވުރެ ކޮންމެވެސް މިންވަރަކަށް ދަށްވެފަ. ބަލިޖެހޭ މީހުންގެ އަދަދު ދަށާސް މިދަނީ ތިބޭފުޅުންގެވެސް ވަރަށްބޮޑު އެއްބާރުލުމަކާ އެކު. އެޗްޕީއޭގެ ގައިޑްލައިންތަކަށް ގިނަ ބަޔަކު ސަމާލުކަންދީ އަމަލު ކުރަމުން ދާތީވެ،" ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ މިހާހިސާބަށް އާދެވުނީ ހުރިހާ ރައްޔިތުންނާ ކޮވިޑާ ދެކޮޅަށް މަސައްކަތްކުރަމުންދާ ހުރިހާ ފަރާތްތަކެއްގެ ބޮޑެތި ގުރުބާނީތަކަކާ އެކު ކަމަށެވެ.

"އެހެން ނަމަވެސް އަޅުގަނޑުމެން ހަމަ ފާހަގަކޮށްލަން ބޭނުން ޕޮޒިޓިްވާ މީހުންގެ އަދަދު ކޮންމެވެސް ވަރަކަށް ދަށްވި ނަމަވެސް މިހާރު ކުރައްވަމުން ގެންދަވާ ކަންތަކަށް ފަރުވާ ކުޑަ ނުކުރެއްވުމަށް. އެއީ ކުރިއަސް އޮތްތަނުގައި ވެސް އަޅުގަނޑުމެންނަށް ހިފެހެއްޓޭނީ ހަފްތާއަކުން ހަފްތާއަކުން ކޭސްތައް ފެންނަ މިންވަރު މަދުވެގެން. މިހާރުވެސް މިހުރި ރައްކާތެރިކަމުގެ ފިޔަވަޅުތަކުގައި ހިފަހައްޓައިގެން،" ޑރ. ނަޒްލާ ވިދާޅުވިއެވެ.

އޮގަސްތުމަހުގެ ތެރޭ ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު އުޅުނީ އެވްރެޖުކޮށް ދުވާލަކު 120 އާއި 180 އާއި ދެމެދުއެވެ. ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހު 255 މީހަކު ޕޮޒިޓިވްވިއެވެ.

ނަމަވެސް މިދިޔަ ހަފްތާ އިން ފެށިގެން ޕޮޒިޓިވްވާ މީހުންގެ އަދަދު ވަނީ ކުރީ ހަފްތާ އަކަށްވުރެ ދަށްވާން ފަށައިފައެވެ. އެގޮތުން ފާއިތުވި ދެތިން ދުވަހު ޕޮޒިޓިވްވީ މީހުންގެ އަދަދު އުޅެނީ 100 އިން ދަށުގައެވެ.

ކޮވިޑު ކޮންޓްރޯލު ކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅާފައިވާއިރު އެޗްއީއޯސީ އިން ބުނީ މި ފިޔަވަޅުތަކަށް ގިނަ ބަޔަކު ތަބާވާ ކަމަށެވެ. އަދި މި ފިޔަވަޅުތަކުގެ ނަތީޖާ އާއެކު މި މަހުގެ ފަހުކޮޅުންފެށިގެން ކޭސްތައް ދަށްވާން ފަށާނެ ކަމަށް ވެސް އެ ސެންޓަރުން ވަނީ ބުނެފައެވެ.

ރާއްޖެއިން މިހާތަނަށް 8،834 މީހުން ކޮވިޑަށް ޕޮޒިޓިވްވި އިރު 6،288 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 31 އަށް އަރައިފައެވެ.