މޮސްކޯ (ޖަނަވަރީ 14) : މާސް ޕްލެނެޓަށް ފޮނުވި ރަޝިޔާގެ ޢިލްމީ ދިރާސާތަކާބެހޭ އުޅަނދު "ޝާދް" އަށް ކުރިމަތިވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މާދަމާގެ ވަގުތެއްގައި އެ އުޅަނދު ދުނިޔޭގެ ސަތަޙަށް ވެއްޓޭނެކަން ރަޝިޔާއިން ހާމަކޮށްފިއެވެ.

ރަޝިޔާގެ ފަޒާއާބެހޭ އިދާރާ "ރޮސް ކޮޒްމޮސް" ބުނިގޮތުގައި ގިނަޢަދަދެއްގެ ރޮކެޓް ފިއުލް ހިމެނޭ މިއުޅަނދު، މާސް އަށް ފޮނުވީ މާސްގެ ވަށައިގެން އެނބުރޭ ހަނދެއްކަމަށްވާ "ފޯބްސް" ގެ ބިމަށް ތިރިކޮށް އެބިމުން ވެލި ގެނައުމަށެވެ.
14 ޓަނުގެ މިއުޅަނދުގައި 11 ޓަނުގެ ރޮކެޓް ފިއުލް ހުންނާނެ ކަމަށާއި މިއުޅަނދަށް ޓެކްނިކަލް މައްސަލައެއް ދިމާވީ ބިމުގެ އޯބިޓެއް ހުރަސްކުރުމުގެ ތެރޭގައި ކަމަށް ރޮސްކޮޒްމޮސް ބުނެއެވެ.

މާސްއަށް ފޮނުވުމަށްޓަކައި ރަޝިޔާއިން މިއުޅަނދު ޖައްވަށް ފޮނުވާލާފައިވަނީ މިދިޔަ ނޮވެމްބަރ މަހުގެ 8 ވަނަ ދުވަހުއެވެ. މިއުޅަނދު ޖައްވަށް ފޮނުވާލިއިރުވެސް އެއަށް ޓެކްނިކަލް މައްސަލައެއް ކުރިމަތިވި ކަމަށް ރަޝިޔާގެ ޖައްވީ އިދާރާ ބުނެއެވެ.

ރަޝިޔާގެ ފަޒާއާބެހޭ އިދާރާ ބުނާގޮތުން މިއުޅަނދު މަދަމާގެ ވަގުތެއްގައި ބިމަށް ވެއްޓޭއިރު ވެއްޓޭނީ ކޮންތާކަށްކަން ކަނޑައެޅިގެން ބުނަން ނޭންގޭ ކަމުގައެވެ. ނަމަވެސް ދުނިޔޭގެ (އާރތް) ގެ 73 އިންސައްތައަކީ ފެން ކަނޑުގެ ކަމަށްވާއިރު މިއުޅަނދު ވެއްޓޭނެކަމަށް ބޮޑަށް ބެލެވެނީ ކަނޑަށް ކަމަށް ރަޝިޔާގެ ޖައްވީ އިދާރާ ރޮސްކޮޒްމޮސް ގެ ސައެންސްވެރިން ބުނެއެވެ.

ފަޒާގެ މަތީ ފަށަލަތަކުން އައިސް މިއުޅަނދު ބިމުގެ ވައިގެ ފަށަލައަށް ވަނުމާއެކު އޭގެ ބޮޑުބައި އަނދައި އަޅިއަށްވާނެ ކަމަށާ ނަމަވެސް ބައެއްބައިތައް އަޅިއަށްނުވެ ބިމާހަމައަށް ވާސިލްވާނެ ކަމަށްވެސް ރޮސްކޮޒްމޮސް ބުނެއެވެ. މިއާއެކުވެސް މިއުޅަނދުގެ ސަބަބުން އިންސާނުންނަށާއި ތަކެއްޗަށް ގެއްލުމެއް ލިބުމުގެ ފުރްސަތަކީ މުޅިންނެތް ފުރްސަތެއްނޫން ކަމަށް ރިޕޯޓްތައް ބުނެއެވެ. (ރޮއިޓާސް)