ވޮޝިންޓަން (ސެޕްޓެމްބަރު 9): އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ނަން އަންނަ އަހަރުގެ ނޮބެލް ސުލްހައިގެ އިނާމަށް ހުށަހަޅައިފި އެވެ.

އެމެރިކާގެ ފޮކްސް ނިއުސްއިން ރިޕޯޓު ކުރި ގޮތުގައި ޓްރަމްޕްގެ ނަން ނޮބެލް އިނާމަށް ހުށަހެޅީ ނޯވޭގެ ޕާލިމެންޓު މެމްބަރެއް ކަމަށްވާ ކްރިސްޓިއަން ޓީބްރިން-ޔެދާ އެވެ. އޭނާ ވިދާޅުވި ގޮތުގައި ޓްރަމްޕަށް ސުލްހައިގެ އިނާމު ހައްގު ވަނީ އިސްރާއީލާއި ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)އާ ދެމެދު ގުޅުން ގާއިމު ކުރުވުމަށްޓަކައި އޭނާ ކުރައްވާ މަސައްކަތްތަކުގެ ސަބަބުންނެވެ.

"ސުލްހައިގެ އިނާމަށް ނަން ހުށަހަޅާފައިވާ ގިނަ މީހުންނަށް ވުރެ އިތުރަށް ޓްރަމްޕް ވަނީ ގައުމުތަކުގެ މެދުގައި ސުލްހަ ގާއިމު ކުރަން މަސައްކަތް ކުރައްވާފައި ކަމަށް އަޅުގަނޑު ގަބޫލު ކުރަން،" މެމްބަރު ޓީބްރިން-ޔެދާ ވިދާޅުވި އެވެ.

އެމެރިކާއިން މެދުވެރިވެގެން އިސްރާއީލާއި ޔޫއޭއީއާ ދެމެދު ބޭއްވި މަޝްވަރާތަކަށް ފަހު އެ ދެ ގައުމުން ވަނީ ގުޅުންތައް ގާއިމު ކުރަން ނިންމާފައިވާކަން މިދިޔަ މަހު އިއުލާންކޮށްފަ އެވެ. އަދި އަންނަ އަންގާރަ ދުވަހު ވައިޓް ހައުސްގައި ބާއްވާ ރަސްމިއްޔާތެއްގައި ދެ ގައުމުން ސުލްހައިގެ އެއްބަސްވުމެއްގައި ސޮއި ކުރާނެކަން އިއްޔެ އެމެރިކާ ސަރުކާރުން ވަނީ އިއުލާންކޮށްފަ އެވެ.

މީގެ ކުރިން 2018 ވަނަ އަހަރުވެސް ޓީބްރިން-ޔެދާ، ޓްރަމްޕްގެ ނަން ސުލްހައިގެ އިނާމަށް ހުށަހެޅި އެވެ. އެއީ އެ އަހަރު ޓްރަމްޕް ސިންގަޕޫރުގައި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުންއާ ބައްދަލު ކުރެއްވުމުންނެވެ. ނަމަވެސް އެފަހަރު ސުލްހައިގެ އިނާމު ލިބުނީ ކޮންގޯގެ ޑޮކްޓަރެއް ކަމަށްވާ ޑެނިސް މުކްވެގީ އަށާއި އިރާގުގެ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ އެކްޓިވިސްޓެއް ކަމަށްވާ ނާދިއާ މުރާދަށެވެ. އެ ދެ މީހުންނަށް ސުލްހައިގެން އިނާމު ދިނީ ހަނގުރާމައިގައި ޖިންސީ އަނިޔާ ކުރުން ހުއްޓުވުމަށް އެމީހުން ކުރާ މަސައްކަތްތައް ފާހަގަކޮށެވެ.