10 Sep 2020, 07:42
ދިއްލީ (ސެޕްޓެމްބަރު 9): ރަޝިއާގެ ކޮރޯނާވައިރަސް ވެކްސިން ޓެސްޓު ކުރުމަށާއި ފުޅާ ދާއިރާއެއްގައި އުފެއްދުމަށް އެގައުމުން އިންޑިއާގެ އެހީއަށް އެދިއްޖެ އެވެ.
އިންޑިއާގެ ނެޝަނަލް އެކްސްޕާޓް ގުރޫޕް އޮން ވެކްސިން އެޑްމިނިސްޓްރޭޝަން ފޯ ކޮވިޑް-19ގައި އިސްކޮށް ހުންނަވާ ޑރ. ވީ ކޭ ޕޯލް ވިދާޅުވި ގޮތުގައި ރަޝިއާއިން ވަނީ ދެ ކަމެއްގައި އިންޑިއާގެ އެހީއަށް އެދިފަ އެވެ. އެއީ ސްޕަޓްނިކް ފަހެއްގެ ނަން ދީފައިވާ އެގައުމުގެ ވެކްސިން އިންޑިއާގެ ކުންފުނިތަކުން އުފެއްދުމަށާއި އެ ވެކްސިންގެ ތިން ވަނަ ފިޔަވަހީގެ ޓެސްޓުތައް އެގައުމުގައި ކުރިއަށްގެންދިޔުމަށެވެ.
"ރަޝިއާ ސަރުކާރުން ވަނީ ދެ ކަމެއްގައި އެހީއަށް އެދިފައި. އެއީ ފުރަތަމަ ކަމަކަށް، ފެންވަރު ރަނގަޅު ވެކްސިންތައް އުފެއްދުމަށް މަޝްހޫރު އިންޑިއާގެ ކުންފުނިތައް ލައްވާ ވެކްސިން އުފެއްދުން... ރަޝިއާއިން ވަނީ އެ ވެކްސިންގެ ފުރަތަމަ އަދި ދެވަނަ ފިޔަވަހީގެ ޓެސްޓުތައް ހަދާ، އޭގެ ނަތީޖާ މިދިޔަ ހަފްތާގައި ލާންސެޓް ޖާނަލްގައި ޝާއިއުކޮށްފައި. އަދި ތިން ވަނަ ފިޔަވަހީގެ ޓެސްޓުތައް އިތުރަށް ހަދަން ޖެހިއްޖެ ނަމަ އިންޑިއާގައި އެ ޓެސްޓުތައް ހަދަން [ރަޝިއާއިން އެދުނު]،" ޕޯލް ވިދާޅުވި އެވެ.
ރަޝިއާގެ ގަމަލެޔާ ރިސާޗް އިންސްޓިޓިއުޓް އޮފް އެޕިޑެމިޔޮލޮޖީ އެންޑް މައިކްރޯބަޔޮލޮޖީއިން އުފެއްދި ސްޕަޓްނިކް ފަހެކާ ބެހޭ މައުލޫމާތު އެގައުމުން އިންޑިއާއާ މިހާރު ހިއްސާކޮށްފައިވާ ކަމަށް އެގައުމުގެ ނޫސްތަކުން ރިޕޯޓު ކުރި އެވެ. އަދި އެ ވެކްސިންގެ ފުރަތަމަ ދެ ފިޔަވަހީގެ ޓެސްޓުތަކުން އެނގުނު ގޮތުގައި އޭގެއިން ކޮރޯނާވައިރަހުން ރައްކާތެރިކޮށްދޭ އެންޓިބޮޑީތައް އުފެދުނު ކަމަށް އިންޑިއަން އެކްސްޕްރެސްއިން ރިޕޯޓު ކުރި އެވެ.
ޑރ. ޕޯލް ވިދާޅުވި ގޮތުގައި އިންޑިއާގައި ސްޕަޓްނިކް ފަހެއް އުފެއްދުމަށް އެގައުމުގެ ބައެއް ކުންފުނިތަކުން ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. އަދި އެ ވެކްސިންގެ ޓެސްޓުތައް އެގައުމުގައި ކުރިއަށްގެންދިޔުމަށް ބޭނުންވާ ހުއްދަތަކާއި ގަވާއިދުތަކާ ބެހޭ ކަންތައްތައް ސަރުކާރުން ބަލަމުންދާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ރަޝިއާ އިން ސްޕަޓްނިކް ފަހެކަށް ހާއްސަކޮށްފައިވާ ވެބްސައިޓުގައިވާ ގޮތުން އެ ވެކްސިންގެ ތިން ވަނަ ފިޔަވަހީގެ ޓެސްޓުތައް އިންޑިއާގެ އިތުރުން ސައުދީ އަރަބިއާ، ޔޫއޭއީ، ބްރެޒިލް އަދި ފިލިޕީންސްގައި ވެސް ކުރިއަށްގެންދިޔުމަށް އެގައުމުން ވަނީ ރާވާފަ އެވެ. އަދި މިދިޔަ މަހު އެގައުމުން ރެޖިސްޓާ ކުރި އެ ވެކްސިން ހޯދުމަށް 20 ގައުމަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށާއި އޭގެ ތެރޭގައި އިންޑިއާ، ޔުނައިޓެޑް އެރެބް އެމިރޭޓްސް، ސައުދީ އަރަބިއާ، އިންޑޮނޭޝިއާ، ފިލިޕީންސް، ބްރެޒިލް އަދި މެކްސިކޯ ހިމެނޭ ކަމަށް ވެބްސައިޓުގައިވެ އެވެ.
ރަޝިއާއިން އުއްމީދު ކުރަނީ މި މަސް ތެރޭ ވެކްސިން ފުޅާ ދާއިރާއެއްގައި އުފައްދަން ފެށުމަށް ފަހު، މިއަހަރު ނިމޭ ތަނަށް 200 މިލިއަން ޑޯޒް އުފެއްދޭނެ ކަމަށެވެ.
ރަޝިއާއިން އެ ވެކްސިން ރެޖިސްޓާ ކުރި ގޮތް އަވަސް ވުމުން އެގައުމާއި ހުޅަނގުގެ ބައެއް ގައުމުތަކުގެ މާހިރުން ވަނީ ވެކްސިން ކާމިޔާބު ވާނެ މިންވަރާ ބެހޭ ގޮތުން ޝައްކު އުފައްދާފަ އެވެ.
ލާންސެޓް ޖާނަލްގައިވާ ގޮތުން ރަޝިއާއިން ވެކްސިންގެ ތިން ވަނަ ފިޔަވަހީގެ ޓެސްޓުތައް ކުރިއަށްގެންދާ އިރު އޭގައި އެކި އުމުރުފުރަ އާއި ބަލި ޖެހުމުގެ ނުރައްކާ އެކި މިންވަރަށް ހުންނަ 40،000 މީހުން ބައިވެރި ކުރާނެ އެވެ. ތިން ވަނަ ފިޔަވަހީގެ ޓެސްޓުތައް އާއްމު ގޮތެއްގައި ދިގު މުއްދަތަކަށް ދެމިގެންދާނެ އެވެ.
އެމެރިކާގެ ނެޝަނަލް އިންސްޓިޓިއުޓްސް އޮފް ހެލްތު (އެންއައިއެޗް) އާ ގުޅިގެން އެގައުމުގެ މޮޑާނާ ކުންފުނިން އުފެއްދި ކޮރޯނާވައިރަސް ވެކްސިންގެ ތިން ވަނަ ފިޔަވަހީގެ ޓެސްޓުތައް މިދިޔަ ޖުލައި މަހު ވަނީ ފަށާފަ އެވެ. އެ ޓެސްޓުތަކުގައި ކޮރޯނާވައިރަސް ޖެހުމުގެ ނުރައްކާ އޮތް 30،000 މީހުން ބައިވެރިވާން ހަމަޖެހިފައިވާ އިރު، ޓެސްޓުތައް ނިމޭނީ އޮކްޓޯބަރު 2022ގައި ކަމަށް މޮޑާނާއިން ބުންޏެވެ. ނަމަވެސް އޭގެ ކުރިން ޓެސްޓުތަކުގެ ވަގުތީ ނަތީޖާތައް ލިބުން އެކަށީގެންވެ އެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ފެތުރެން ފެށި އާ ބާވަތުގެ ކޮރޯނާވައިރަހަށް މިހާތަނަށް 27 މިލިއަން މީހުން ޕޮޒިޓިވްވެ، ބަލީގައި 898,020 މީހަކު ވަނީ މަރުވެފަ އެވެ. އަދި އެ ބަލިން 18 މިލިއަން މީހުން ވަނީ ރަނގަޅުވެފަ އެވެ.