14 Jan 2012, 15:55
މިމަހު 25 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފާ އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސްގެ މަޤާމަށް މުޙައްމަދު ހާނިމް އާއި މުޙައްމަދު ތޮލާލް ކުރިމަތި ލާން ނިންމައިފި އެވެ.
ރައީސްގެ މަޤާމަށް ކުރިމަތިލާނެކަން ހާނިމް އާއި ތޮލާލް މިއަދު ވަނީ ސަންއަށް ކަށަވަރު ކޮށްދީފަ އެވެ.
މިހާރު ވެސް އެތުލެޓިކްސް އެސޯސިއޭޝަންގެ އެކްސްކޯ މެންބަރެއްގެ ގޮތުގައި ހަރަކާތްތެރިވަމުން އަންނަ ތޮލާލް މިއަދު ބުނީ، ރައީސްގެ މަޤާމަށް ކުރިމަތިލަނީ ޒިފިޔަސް ސްޕޯޓްސް ކުލަބްގެ ފަރާތުން ކަމަށެވެ. އަދި ރައީސްގެ މަޤާމަށް ކުރިމަތިލާން ނިންމީ ރާއްޖޭގެ އެތުލެޓިކްސްއަށް އިތުރު ކުރިއެރުންތަކެއް ހޯދާދިނުމުގެ އަޒުމުގައި ކަމަށެވެ.
"ރައީސްގެ މަޤާމަށް ކުރިމަތި ލަނީ ވަރަށް އަޒުމާ އެކު. އެތުލެޓިކްސްގެ ކުރިމަގު ބައްޓަން ކުރުމުގެ އުންމީދުގައި." ތޮލާލް ބުންޏެވެ.
ތޮލާލްގެ އިތުރުން 2008 ވަނަ އަހަރު ވެސް ރައީސް ކަމަށް ކުރިމަތިލި ހާނިމް ބުނީ، މިދައުރުގެ ރައީސް ކަމަށް ކުރިމަތިލާން ނިންމީ ރާއްޖޭގެ އެތުލެޓިކްސް އަށް އިތުރު ކުރިއެރުންތަކެއް ހޯދާދިނުމުގެ ވިސްނުމާއެކުގައި ކަމަށެވެ.
ދެ ހާސް އަށް ވަނަ އަހަރު ބޭއްވި އިންތިހާބުން ހާނިމް ކެޓީ މިހާރުގެ މާލޭ މޭޔަރު މައިޒާން އަލި މަނިކު (އަލިބެ)އާއި ވާދަކޮށް އެންމެ ވޯޓެއްގެ ތަފާތުން ނެވެ.
މި މަހު ފަހުކޮޅު އިންތިހާބު ބޭއްވުމަށް ހަމަޖައްސައި، އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފައިވާ އިރު، އެ އެސޯސިއޭޝަންގެ ނައިބް ރައީސް ކަމަށް ވެސް ތިން ފަރާތެއް ވަނީ ކުރިމަތިލައިފަ އެވެ.
ނައިބް ރައީސް ކަމަށް ކުރިމަތިލައިފައިވާ ތިން ފަރާތަކީ މިހާރު ވެސް އެއެސޯސިއޭޝަންގެ ނައިބް ރައީސްގެ މަޤާމް އަދާކުރަމުން އަންނަ މޫސާ ރަސީދު (އެސްޕީ) އާއި 18 އަހަރު އެތުލެޓިކްސް އެސޯސިއޭޝަންއަށް ހިދުމަތް ކޮށްދެއްވާފައިވާ މާދިޙް އިސްމާއީލް އަދި އަހުމަދު ޝަގީފް (ރިވަރިން) ނެވެ.
މިހާރުގެ ނައިބް ރައީސް އެސްޕީ ބުނީ، މިފަހަރު ވެސް ކުރިމަތި ލަނީ ޕޮލިސް ކުލަބުން ކަމަށެވެ. އަދި ނިމިގެން ދިޔަ ދައުރަށް ވުރެ، މިދައުރު އިތުރު ކުރިއެރުންތަކެއް އެތުލެޓިކްސްއަށް ހޯދައިދޭން ބޭނުންވާކަމަށް އެސްޕީ ވަނީ ބުނެފަ އެވެ. އަދި އޭނާ ވަނީ އައިޑަބަލް އޭ އެފް ލެވަލް ދެ ކޯޗުން ކޯސް ފުރިހަމަ ކޮށްފަ އެވެ.
މާދިހް ބުނީ، މިދައުރުގެ ނައިބް ރައީސްކަމަށް ކުރިމަތިލާން ނިންމީ ވޭތުވެ ދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭ އެތުލެޓިކްސްއަށް އެއްވެސް ކަހަލަ ކުރިއެރުންތަކެއް ލިބިފައި ނުވާކަމަށް ޤަބޫލް ކުރެވޭތީވެ، އެކަން ރަނގަޅުކުރުމުގެ އުންމީދުގައި ކަމަށެވެ. އަދި މިފަރުގެ އިންތިހާބުގައި ވާދަކުރާނީ ބީޖީ ސްޕޯޓްސް ކުލަބްގެ ނަމުގައި ކަމަށް އޭނަ ބުންޏެވެ.
ރައީސް އާއި ނައިބު ރައީސް އަކު އިންތިހާބުކުރާ މިޖަލްސާގައި އާންމު ހަތަރު މެންބަރު އިންތިހާބު ކުރެ އެވެ.
އެގޮތުން އެއީ އަންހެން މެންބަރަކާއި ތިން ފިރިހެން މެންބަރުންނެވެ. އާންމު މެންބަރުންގެ ތެރޭގައި ވާދަކުރާނެ ކަމަށް މުހައްމަދު ސުޖާއު ބުނެފައި ބުނެފައިވާ އިރު، އޭނާ ވަނީ 1991 އިން 1996 ރާއްޖޭގެ އެތުލެޓިކްސްއަށް ހިދުމަތް ކޮށްދީފަ އެވެ. އަދި އޭނާ އަކީ މިހާރު ވެސް އެތުލެޓިކްސް އެސޯސިއޭޝަންގެ އެކްސްކޯ މެންބަރެކެވެ.
އިންތިހާބުގައި ބައިވެރިވުމުގެ ފުރުސަތު މި މަހު 17ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލައިފައިވާ އިރު، މިފަހަރުގެ އިންތިހާބު ބޭއްވުމަށް ހަމަޖައްސާފައި ވަނީ މާލޭ ސިޓީ ހޯލުގަ އެވެ.