09 Sep 2020, 14:08
އޮންލައިންކޮށް ކިޔަވައިދޭން ޓީޗަރުން އަހުލުވެރިކުރަން ތަމްރީން ޕްރޮގްރާމެއް ފަށައިފި އެވެ.
އިއްޔެ ފެށި އެ ޕްރޮގްރާމް ކުރިއަށްގެންދަނީ ކޮމަންވެލްތު އެޑިއުކޭޝަނަލް މީޑިއާ ސެންޓާ ފޯ އޭޝިއާ (ކެމްކާ) އާއި ނެޝެނަލް އިންސްޓްޓިއިޓް އޮފް އެޑިއުކޭޝަން ގުޅިގެންނެވެ.
އެ ޕްރޮގްރާމް އިފްތިތާހްކޮށްދެއްވީ ކުމްކާގެ ޑިރެކްޓާ ޕްރޮފެސާ މަދޫ ޕަހާރުއެވެ. އަދި އެ ޕްރޮގްރާމް ފައްޓަވައިދެއްވީ އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ރަޝީދުއެވެ. ޕްރޮގްރާމްގެ ސެޝަންތައް ނަގައިދެއްވަނީ ކެމްކާގެ ފެސިލިޓޭޓަރުންނެވެ.
ޒޫމް މެދުވެރިކޮށް މާދަމާގެ ނިޔަލަށް ކުރިއަށްގެންދާ އެ ސެޝަންގައި އެކި ސްކޫލްތަކާއި ތައުލީމީ ދާއިރާގެ 677 ބޭފުޅުން ބައިވެރިވެލައްވަ އެވެ.
އެ ސެޝަންތަކުގައި އޮންލައިންކޮށް ކިޔަވައިދިނުން ރާވާނެގޮތާއި އޭގެ ވައްޓަފާޅިއާއި ގޫގަލް ކްލާސްރޫމާއި ގޫގަލް ޓޫލްތަކާއި އޮންލައިންކޮށް ކިޔަވައިދިނުމުގައި ކުދިން އެސެސް ކުރާާނެގޮތްތަކާއި އަދި މުހިންމު ބައެއް އޮންލައިން ޓޫލްތައް ކިޔަވައިދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
އެފަދަ އިތުރު ޕްރޮގްރާމްތައް ކުރިއަށް އޮތް ތަނުގައި ގެންދާނެކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.