09 Sep 2020, 09:33
ލަންޑަން (ސެޕްޓެމްބަރު 9) : އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީން ތައްޔާރުކުރި ކޮވިޑް-19 އާ ދެކޮޅު ވެކްސިންގެ ކްލިނިކަލް ތަޖުރިބާތައް ވަގުތީގޮތުން މެދުކަނޑާލައިފި އެވެ.
މި ވެކްސިން ތައްޔާރު ކުރުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރާ މަޝްހޫރު ކުންފުނި ކަމަށްވާ އަސްޓްރާ ޒެނެކާ އިން ބުނިގޮތުގައި ތަޖްރިބާތައް މެދުކަނޑާލީ ވެކްސިން ދިން މީހުންގެ ތެރެއިން އެކަކު ބަލިވުމުން ކަމަށާއި އޭނާ ބަލިވި ސަބަބު އަދި ނޭނގޭ ކަމުގަ އެވެ. އެ ސަބަބު އެނގެންދެން ތަޖުރިބާތައް މެދުކަނޑާލީ ކަމަށާއި ސަބަބު ސާފުވުމުން އަނެއްކާ ވެސް އެކަން ކުރިޔަށް ގެންދާނެކަމަށް އަސްޓްރާ ޒެނެކާ ގެ ތަރުޖަމާން ވިދާޅުވި އެވެ.
މިހާރު ކުރިޔަށް ގެންދަނީ މި ވެކްސިން ގެ ތިންވަނަ ތަޖްރިބާގައި ވެކްސިން ދިން މީހުންގެ ތެރޭގައި ހިމެނޭ އިނގިރޭސިވިލާތުގެ މީހެއްގެ ގައިން ގޮތްނޭންގޭ ބައްޔެއްގެ އަލާމާތްތަކެއް ފެނިގެން އެކަން ބަލައި ތަހްގީގް ކުރުމުގެ މަސައްކަތްކަމަށް އަސްޓްރާ ޒެނެކާ ގެ ތަރުޖަމާން އާ ހަވާލާދީ މީޑީއާ ރިޕޯޓްތައް ބުނެ އެވެ.
އޮކްސްފޯޑް ޔުނިވާސިޓީގެ ވެކްސިންގެ ކްލިނިކަލް ތަޖްރިބާގެ ފުރަތަމަ މަރުހަލާއާއި ދެ މަރުހަލާ ކާމިޔާބު ވެފައިވާއިރު މިހާރު ކުރިޔަށް ގެންދަނީ ތިންވަނަ މަރުހަލާގެ ތަޖުރިބާ އެވެ. މި ތަޖުރިބާގައި އިނގިރޭސިވިލާތުގެ އިތުރުން އެމެރިކާ، ބްރެޒިލް އަދި ދެކުނު އެފްރިކާގެ ވޮލަންޓިއަރުން ބޭނުންކުރެ އެވެ. ވޮލަންޓިއަރުންގެ އަދަދު 30 ހާހަށް އަރާއިރު ގޮތްނޭންގޭ ބައްޔެއްގެ އަލާމާތްތައް ފެނިފައިވަނީ އެ ތަޖުރިބާގައި ބައިވެރިވި އިނގިރޭސިވިލާތުގެ ރައްޔިތެއްގެ ހަށިގަނޑުންނެވެ.
އޮކްސްފޯޑް ވެކްސިން އަކީ ކޮވިޑް-19އާ ދެކޮޅަށް އުފައްދާ ވެކްސިން ތަކުގެ ތެރެއިން އެންމެ ބޮޑު އިތުބާރެއް ލިބިފައިވާ ވެކްސިން އެވެ. މި ވެކްސިންގެ އެންމެ ގިނަ ޑޯޒްތަކަށް އޯޑަރު ކުރި ގައުމުތަކުގެ ތެރޭގައި އޮސްޓްރޭލިއާ ހިމެނެ އެވެ. ނަމަވެސް، އޮސްޓްރޭލިޔާއިން ވަނީ ތިންވަނަ މަރުހަލާގައި މި ވެކްސިން އަށް ކުރިމަތިވި މައްސަލައާ މެދު އަދި ކަންބޮޑުނުވާކަން ހާމަކޮށްފަ އެވެ. އޮސްޓްރޭލިއާގެ ސިއްހަތާބެހޭ މަސްއޫލުވެރިއެއް ކަމަށްވާ ނިކް ކޯޓްސްވާޓް ވިދާޅުވި ގޮތުގައި އޮކްސްފޯޑް ގެ ވެކްސިންއަށް އޭނާގެ ގައުމުގެ ފުރިހަމަ އިތުބާރު އެބައޮތެވެ.
ކޮވިޑް އާ ދެކޮޅަށް އޮކްސްފޯޑް ޔުނިވާސިޓީން އުފައްދާ ވެކްސިންއަށް މީގެކުރިންވެސް ކްލިނިކަލް މައްސަލައެއް ދިމާވެގެން ތަހުލީލުތައް ދުވަސްކޮޅަކަށް މެދުކަނޑާލާފައިވެ އެވެ. ނަމަވެސް މައްސަލަ ދެނެގަތުމަށްފަހު އަލުން ތަހުލީލުތައްވަނީ ފަށާފަ އެވެ.(ނޫސްއެޖެންސީތައް)