14 Jan 2012, 15:48
އިޒްރޭލުގެ ޖާސޫސީ އިދާރާ މޮސާޑްގެ އޮފިސަރުން، އެމެރިކާގެ ޖާސޫސީ އިދާރާ ސީއައިއޭގެ އޮފިސަރުންނަށް ވެގެން އީރާނަށް ޓެރަރިސްޓުން ރެކްރޫޓްކޮށްފައިވާ ކަން ހާމަވާ ލިއުންތަކެއް ލީކުވެއްޖެ އެވެ.
އެމެރިކާގައި ދެ މަހުން އެއް މަހު ނެރޭ މަޝްހޫރު މަޖައްލާ "ފޮރިން ޕޮލިސީ"ގައި މާކް ޕެރީ އިއްޔެ ލިޔެފައިވާ ލިއުމުގައި ބުނަނީ ޕާކިސްތާނުގެ ހަރުކަށި ޖަމާއަތެއް ކަމަށްވާ ޖުންދުﷲގެ ޓެރަރިސްޓުން އީރާނަށް ފޮނުވުމަށް، އެ ޖަމާއަތުގެ އިސް ފަރާތްތަކާ މޮސާޑްގެ އޮފިސަރުން ބައްދަލުކުރީ ސީއައިއޭގެ އޮފިސަރުން ކަމަށް ހެދިގެން ކަމަށާއި އެކަން ކުރީ ވަރަށް ފާޅުގައި އިނގިރޭސިވިލާތުގައި ކަމަށެވެ.
އެމެރިކާގެ ކުރީގެ ރައީސް ޖޯޖްޑަބްލިއު ބުޝްގެ ވެރިކަމުގެ އެންމެ ފަހު އަހަރު ހިންގާފައިވާ އެ ހަރަކާތްތައް ސީއައިއޭގެ ބައެއް އޮފިސަރުންނަށް އެނގިގެން އެ އިދާރާގެ ވެރިންނަށް އެކަން އަންގާފައިވާކަން ފޮރިން ޕޮލިސީ އަށް ލިބިފައިވާ ސީއައިއޭގެ މެމޯތަކުން އެނގޭ ކަމަށް އެލިއުމުގައިވެ އެވެ.
"އާއްމުކޮށްފައިވާ ރިޕޯޓްތަކާއި އެމެރިކާގެ އޮފިޝަލުންގެ ބަހުން އެނގިފައި ވަނީ އީރާނުގެ އޮފިޝަލުން އަވަހާރަކޮށްލައި، އެ ގައުމުގެ އަންހެނުންނާއި ކުޑަކުދިން މަރާލި ހަމަލާތައް ދީފައި ވަނީ މޮސާޑުން ރެކްރޫޓްކުރި ޖުންދުﷲ ޖަމާއަތުގެ ޓެރަރިސްޓުންނެވެ،" ފޮރިން ޕޮލިސީގައިވެ އެވެ.
ލިއުމުގައި އަދި ވަނީ ޖުންދުﷲ ޖަމާއަތާ އެންމެ އާދައިގެ މުއާމަލާތެއް ކުރުން ވެސް ސީއައިއޭގެ އޮފިސަރުންނަށް އެމެރިކާ އިން މަނާކޮށްފައިވާކަން ސީއައިއޭގެ މެމޯތަކުން އެނގޭ ކަމަށެވެ. ނަމަވެސް އިސްރާއީލުގެ މޮސާޑްގެ އޮފިސަރުންނަށް އެކަން އޮތީ އެހެން ނޫން ކަމަށް ފޮރިން ޕޮލިސީއަށް މައުލޫމާތުދިން ސީއައިއޭގެ ނަން ހާމަނުކުރާ ދެ އޮފިސަރުން ވެސް ބުނެފައިވެ އެވެ. އަދި މޮސާޑްގެ ހަރަކާތާ ގުޅޭ ގޮތުން ސީއައިއޭ އިން ބަދަލުކޮށްފައިވާ މެމޯތަކުން އެނގޭ ގޮތުގައި އެމެރިކާގެ ޕާސްޕޯޓްގައި ސީއައިއޭގެ އޮފިސަރުންގެ ގޮތުގައި އެތެރެވެ، ޖުންދުﷲގެ އިސްފަރާތްތަކާ އެކު މޮސާޑްގެ އޮފިސަރުން ބައްދަލުކޮށްފައި ވަނީ އިސްރާއީލާ ގާތްގުޅުމެއް އޮންނަ އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނުގަ އެވެ. އެހެންވީމާ އެއީ ސީއައިއޭގެ އޮފިޝަލުންނަށް ވަރަށް ފަސޭހައިން ފާހަގަ ކުރެވޭ ހިސާބުގައި ކުރި ކަމެއްކަން ފާހަގަ ކުރެވޭ ކަމަށް ލިއުމުގައިވެ އެވެ.
ފޮރިން ޕޮލިސީގައި ބުނަނީ މޮސާޑްގެ އެ ހަރަކާތާ ބެހޭ ގޮތުން އެމެރިކާގެ ސީއައިއޭ އާއި ރިޔާސީ ގަނޑުވަރު ވައިޓްހައުސްގެ އޮފިޝަލުންނާ ސުވާލު ކުރި ނަމަވެސް މަޖައްލާ ނެރުނު އިރު ވެސް އެއިން އެއްވެސް ފަރާތެއްގެ ބަހެއް ވަނީ ނުލިބި އެވެ. އަދި އިސްރާއީލް ސަރުކާރަށް ވެސް އެކަމާ ބެހޭ ގޮތުން ބަހެއް ބުނުމަށް ލިއުމުންނާއި ފޯނުން އެދުމުން ވެސް ވަނީ އެއްވެސް އެއްޗެއް ނުބުނެ އެވެ. އަދި ފޮރިން ޕޮލިސީގެ މައުލޫމާތު އެ ދެ ގައުމުން ދޮގުކޮށްފައި ނުވާކަން ވެސް ލިއުމުގައި ފާހަގަކޮށްފައިވެ އެވެ.