މޮސްކޯ (ސެޕްޓެމްބަރު 9): ރަޝިއާއިން އުފައްދައި ރަޖިސްޓްރީކޮށްފައިވާ ކޮވިޑް- 19ގެ ވެކްސިން އާންމުންގެ ގަޔަށް ޖަހަން ފެށުމުގެ ތައްޔާރީތައް އެގައުމުން ވާން ފަށަފައިފި އެވެ.

ރަޝިއާގެ ސިއްހަތާބެހޭ ވުޒާރާއިން ބުނީ މި ވެކްސިންގެ އާންމުންގެ ގަޔަށް ޖެހުމަށް ޓަކައި އޭގެ ފުރަތަމަ ބެޗު ރަޝިޔާގެ ސަރަހައްދުތަކަށް ފޮނުވުމުގެ މަސައްކަތް އިއްޔެ ފަށާފައިވާކަމުގަ އެވެ. ވެކްސިން ދިނުމުގެ ފުރަތަމަ ބުރު ފެށޭނީ އޭގެ ފުރަތަމަ ބެޗުގެ ވެކްސިން ރަޝިއާގެ ހުރިހާ ސަރަހައްދުތަކަށް ފޮނުވުމަށްފަހުގައި ކަމަށާއި އިއްޔެ އެވެކްސިން އާންމުކޮށް ނެރެފައިވާ ކަމަށް ރަޝިއާގެ ސިއްހަތާބެހޭ ވުޒާރާއިން ނެރުނު ބަޔާނެއް ބުނެ އެވެ.

"ސްޕޮޓްނިކް ވީ"ގެ ނަމުން ނަންދީފައިވާ މިވެކްސިން އުފައްދާފައި ވަނީ ވެކްސިން އުފައްދާ ރަޝިއާގެ އެންމެ މަޝްހޫރު މަރުކަޒު ކަމަށްވާ "ނިކޮލައި ގަމާލެޔާ ނެޝަނަލް ރިސާޗް ސެންޓަ ފޯ އެޕިޑެމިއޮލޮޖީ އެންޑް މައިކްރޯބަޔޮލޮޖީ" އިންނެވެ. މިއީ އެޕިޑެމިއޮލޮޖީ އާއި މައިކްރޯބަޔޮލޮޖީގެ ރިސާޗްތައް ކުރުމަށް ޓަކައި 1920 ވަނަ އަހަރު ގާއިމްކުރި ސެންޓަރެކެވެ. ދުނިޔޭގެ ގައުމުތަކުން ކޮވިޑް- 19 އަށް އުފައްދާ ވެކްސިންތަކުގެ ތެރެއިން ތަޖުރިބާގެ މަރުހަލާތައް ކަޑައްތުކޮށް ރަޖިސްޓްރީކުރި އެންމެ ފުރަތަމަ ވެކްސިންއަކީ "ސްޕޮޓްނިކް ވީ" ވެކްސިން އެވެ.

އެ ވެކްސިން އުފެއްދީ އަވަސްއަރުވާލައިގެން ކަމަށް ބުނެ ބައެއް ފަރާތްތަކުން ފެތުރި ޚަބަރުތަކަށް ރަޝިއާގެ ސައެންސްވެރިންނާއި ރިސާޗަރުންވަނީ އިލްމީގޮތުން ރައްދު ދީ އެ ވެކްސިން އަވަހަށް ނެރުމަށް މަގުފަހިވި ސަބަބު ބަޔާންކޮށް ދީފަ އެވެ. މިއާ އެކު ރަޝިއާގެ ވެކްސިން ގެ އިތުބާރުވަނީ އިތުރުވެގެން ގޮސްފަ އެވެ.

މޮސްކޯގެ މޭޔާ ސަރްގޭ ސޮބްޔަނިން

ރަޝިއާގެ މިވެކްސިންގެ އެއްބިލިޔަން ޑޯޒަށް ދުނިޔޭގެ ގައުމުތަކުން އޯޑަރުކޮށްފައިވާއިރު ރަޝިއާ އިން ވަނީ ވެކްސިން ބޭރު ގައުމުތަކަށް އެކްސްޕޯޓް ކުރުމުގެ ކުރިން ކުރަން ޖެހޭ އެންމެ ފަހުގެ ތަޖްރިބާ ވެސް ފަށައިފަ އެވެ. މިއީ ކްލިނިކަލް ތަޖްރިބާއެއް ނޫނެވެ. މި ތަޖްރިބާ ދިހަވަރަކަށް ދުވަހުގެ ތެރޭގައި ނިމޭނެ އެވެ. ރަޝިއާގެ ވެކްސިންގެ ކްލިނިކަލް ހުރިހާ ތަޖްރިބާތަކެއް ވަނީ ކާމިޔާބުވެފަ އެވެ.

ރަޝިއާ އިން އުފެއްދި ވެކްސިން އަށް އޯޑަރު ދީފައިވާ ގައުމުތަކުގެ ތެރޭގައި މެކްސިކޯ، ތަޖަކިސްތާން، ކިރުގިސްތާން، އާމީނިއާ، ބެލަރޫސް، ބްރެޒިލް، އިންޑިއާ، ޔުނައިޓެޑް އަރަބް އިމަރޭޓްސް ސައޫދީ އަރަބިޔާ ފިލިޕީންސް އަދި އިންޑޮނޭޝިޔާ އާއި އެފްރިކާގެ ބައެއް ގައުމުތައް ހިމެނެ އެވެ. މި އަހަރުގެ ޑިސެމްބަރުގެ ކުރިން މީގެ 200 މިލިއަން ޑޯޒް އުފެއްދުމުގެ މަސައްކަތް ރަޝިއާއިން ކުރަމުން ގެންދާއިރު އޭގެތެރެއިން 30 މިލިއަން ޑޯޒު ޚާއްސަކޮށްފައިވަނީ ރަޝިޔާގެ ރައްޔިތުންނަށެވެ.

ރަޝިއާގެ ސިއްހަތާ ބެހޭ ވުޒާރާއިން އިއްޔެ ވަނީ އެވެކްސިން އެގައުމުގައި އާއްމުކޮށް ބޭނުންކުރުމުގެ ރަސްމީ ހުއްދަ ދީފަ އެވެ. މިއާ އެކު ވެރިރަށް މޮސްކޯގައި "ސްޕޮޓްނިކް ވީ"ވެކްސިން ދިނުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ އެވެ. މޮސްކޯ ގެ މޭޔަރު ސަރްގޭ ސޮބްޔަނިން ވިދާޅުވިގޮތުގައި އެ ސިޓީގެ އާބާދީގައި ހިމެނޭ ގިނަބައަކަށް ވެކްސިން ދިނުމަށް މަދުވެގެން ތިންމަހާއި ހަތަރު މަހުގެ މުއްދަތެއް ނަގާނެ އެވެ.

ވެކްސިން ދިނުމުގެ މަސައްކަތް 24 ގަޑީއިރު ކުރިޔަށް ގެންދަން ރާވަމުން ގެންދާކަމަށް ވެސް ސޮބްޔަނިން ވިދާޅުވި އެވެ. (އާރުޓީ + ނޫސްއެޖެންސީތައް)