ދުރުދުރުގައި ތިބެވޭގޮތަށް އޯޕަން އެއާ ކްލާސްރޫމްތަކެއް ބޮޒްނިއާގެ އަވަށެއްގެ ސްކޫލެއްގައި ހަދައިފި އެވެެ.

ބޮޒްނިއާގެ މެދުތެރޭ އޮންނަ ކަސޫނީ ވިލެޖްގައި ޓީޗަރުން އެ ކްލާސްރޫމްތައް ތައްޔާރުކުރީ ހޫނު މޫސުމުގައި ލިބުނު ޗުއްޓީތެރޭގަ އެވެ.

"މި މޮޑެލްގެ ކްލާސްރޫމްތަކާއެކު ދަރިވަރުންނަށާާއި ޓީޗަރުންނަށް ސާފު ވައި ލިބޭނެ. އެކަމާމެދު ފަހުރުވެރިވަން" ކަސޫނީ ސްކޫލްގެ ލެންގުއޭޖް ޓީޗަރު މިރުޒާ ބެގޮވިކް ވިދާޅުވި އެވެ.

އެ ސްކޫލްގައި 1000 އެއްހާ ދަރިވަރުން ދަނީ ކިޔަވަމުންނެވެ.

އޯޕަން އެެއާ ކޮންސެޕްޓްގެ ކްލާސްރޫމްތައް ހެދުމުގެ ވިސްނުން މީގެ ކުރިންވެސް ހުރިކަމަށް އެ ސްކޫލުން ބުނެ އެވެ. އަދި ކޮވިޑާ ގުޅިގެން އެ ޕްރޮޖެކްޓްގެ މަސައްކަތް އަވަސްވެ އެކަމަށް އެހީގެ ފަންޑުތައް ލިބިގެން ދިޔަކަމަށްވެސް އެ ސްކޫލުން ބުންޏެވެ. އެކަމަށް ބޭނުންވާ ކޮންސްޓްރަކްޝަން ސާމާނު ދީފައިވަނީ އެ ސިޓީގެ މޭޔަރެވެ.

އެ ކްލާސްރޫމްގެ މަސައްކަތް ވަނީ އެއް މަސް ދުވަހުން ނިންމައިފަ އެވެ. މީގެ ކުރިން ކޮރޯނާއާ ގުޅިގެން ދަރިވަރުން ކިޔަވަމުން ދިޔައީ އޮންލައިންކޮށެވެ.

މޫސުންތަންދޭގޮތުން އެ ކްލާސްރޫމްތައް ބޭނުންކުރާނެކަމަށް ވަނީ ބުނެފަ އެވެ.

އެގޮތަށް ކިޔަވާއިރު މާސްކު އެޅުން ކޮންމެހެން މަޖުބޫރެއް ނޫނެވެ.

ބޮޒްނިއާގައި މިހާތަނަށް 21,961 މީހުންނަށް ކޮވިޑް ޖެހިފައިވާއިރު ބަލީގައި 669 މީހުން ވަނީ މަރުވެފައެވެ. --ރޮއިޓާސް