08 Sep 2020, 22:45
ގދ. ހޯނޑެއްދޫއިން ކޮވިޑް19 ޕޮޒިޓިވް އިތުރު 10 މީހަކު ދެނެގަނެވިފައިވާ ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފިއެވެ.
ހޯނޑެއްދުއިން ފުރަތަމަ ފެނުނު ކޭސްތައް ފެނިިފައިވަނީ މި މަހުގެ ތިން ވަނަ ދުވަހު އެވެ. އެ ދުވަހު ޕޮޒިޓިވްވެފައިވަނީ ކަރަންޓީނުގައި ތިބި ހަތަރު މީހެކެވެ.
އޭގެ އިތުރުން ނެގުނު ރެންޑަމް ސާމްޕަލްތަކުން އިތުރު ދެ ކޭސް އެއް ވަނީ މިމަހުގެ ހަތަރު ވަނަ ދުވަހު ފެނިފައެވެ. އަދި އެ ދެ ކޭސްއާ ގުޅުންހުރި 19 ކޭސް އެއް އޭގެ ފަހުން ސެޕްޓެމްބަރު ފަސް ވަނަ ދުވަހުވެސް ވަނީ ފެނިފައެވެ.
އެޗްއީއޯސީން މިރޭ ބުނީ، އެ ރަށުން ނެގި އިތުރު 10 މީހެއްގެ ސާމްޕަލްގެ ނަތީޖާ ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ފަސް އަންހެނުންނާއި ފަސް ފިރިހެނުންނެވެ.
ޕޮޒިޓިވްވި މީހުންގެ ތެރޭގައި ފަސް އަހަރުގެ ކުއްޖަކާއި 13 އަހަރުގެ ކުއްޖަކާއި، 19 އަހަރުގެ ދެ މީހުންނާއި 28 އަހަރުގެ މީހަކާއި 41 އަހަރުގެ މީހަކާއި 62 އަހަރުގެ މީހަކާއި 67 އަހަރުގެ މީހަކާއި 80 އަހަރުގެ މީހަކު ހިމެނެއެވެ.
އެޗްއީއޯސީން ބުނީ ޕޮޒިޓިވްވި މީހުންގެ ތެރެއިން އަށް މީހުންނަކީ ކުރިން ޕޮޒިޓިވްވި ކޭސްތަކުގެ ޑައިރެކްޓް ކޮންޓެކްޓުން ކަމަށާއި، އަދި ދެ މީހުންނަކީ ސެކަންޑަރީ ކޮންޓެކްޓުން ކަމަށެވެ.
މިއަދު ޕޮޒިޓިވްވި މީހުންނާއެކު، އެރަށުން ޕޮޒިޓިވްވި މީހުން އަދަދު ވަނީ 35 އަށް އަރައިފައެވެ. އެ ރަށް އޮތީ މޮނިޓަރިންގެ ހާލަތުގައެވެ.
ގދ. ހޯނޑެއްދުއިން ކޮވިޑް-19ގެ ޕޮޒިޓިވް ކޭސްތަކެއް ފެނި އެރަށުގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ފަށައި މިހާތަނަށް ނެގި ސާމްޕަލްތަކުން ބަލީގެ އަލާމާތްތައް ހުރި 60 މީހަކު ފެނިފައިވާ ކަމަށް އެޗްއީއޯސީ އިން ރޭ ވަނީ ބުނެފައެވެ.
އޭގެތެރޭގައި އުމުރުން 50 އަހަރުން މަތީގެ ހަ މީހަކާއި އެއް އަހަރުން ދަށުގެ ދެ ކުދީން ހިމެނެއެވެ.
އެ ރަށުން ޕޮޒިޓިވްވި މީހުންގެ ތެރެއިން ހާލުދެރަވި ދެ މީހަކު ވަނީ ގއ. ވިލިނގިލީގައި ހުންނަ ފެސިލިޓީއަށް ބަދަލުކޮށްފައެވެ.