14 Jan 2012, 14:36
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބުދުﷲ، ވިކްޓަރީ ސްޕޯޓްސް ކުލަބުގެ ޗެއާޕާސަން ކަމާ ހަވާލުވެ ވަޑައިގަތީ ސިޔާސީ ވެގެނެއް ނޫން ކަމަށް އެ ޓީމްގެ މެނޭޖަރު އަހުމަދު އަޔާޒު (އަޔާ) ބުނެފި އެވެ.
މި އަހަރުގެ ފުޓްބޯޅަ މޫސުމަށް ވިކްޓަރީގެ ޗެއާޕާސަން ކަމާއި ހަވާލުވި އީވާ އަބުދުﷲ އަކީ ސިޔާސީ ބޭފުޅެއް ނޫން ކަމަށް ވިދާޅުވެ، ސަން އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ވިކްޓަރީގެ މެނޭޖަރު އަޔާ ބުނީ، އީވާ އަކީ ވިކްޓަރީގެ ބޭފުޅެއް ކަމަށާއި އެބޭފުޅާ ކުލަބްގެ ޗެއާޕާސަން ކަމާއި ހަވާލުވީ ކޮންމެހެން ސިޔާސީ ވެގެނެއް ނޫން ކަމަށެވެ. އަދި އެބޭފުޅާ މަޤާމާއި ހަވާލުވީ ސިޔާސީ ކުލަ ކުލަބުގެ ތެރޭގައި ޖެއްސުމުގެ ނިޔަތުގައި ނޫން ކަމަށް ވެސް އަޔާ ބުންޏެވެ.
"ސިޔާސި ފިކުރަކީ މުޅިން އެހެން އެއްޗެއް. ކުޅިވަރަކަށް ސިޔާސީ އެއް ނުވާންނާނެ. ވިކްޓަރީގެ ތެރޭގައި ސިޔާސީއެއް ނެތް. ޗެއާޕާސަންކަމާއި އީވާ ހަވާލުވީ ކޮންމެހެން އެމްޑީޕީ ވެގެނެއް ނޫން. އެއީ ގ.ކެނަރީގެ އަޅުގަނޑުމެންގެ ބޭފުޅެއް." އަޔާ ބުންޏެވެ.
އަޔާ ބުނީ، ޗެއާޕާސަންކަމާ އީވާ ހަވާލުވި ކަމުގައި ވިޔަސް، ކުލަބްގެ އެއްވެސް ކުޅުންތެރިޔަކު ސިޔާސީ އޮއިވަރުގައި ނުޖެހޭނެ ކަމަށެވެ. އަދި އީވާ ޗެއާޕާސަންކަމާއި ހަވާލުވުމުން ކުލަބް ތަކުން ވިކްޓަރީއަށް ދައްކަމުން އެދާ ސިޔާސީ އިގިލި އެހެން ކުލަބްތަކަށް ދެއްކުން މާރަނގަޅު ވާނެ ކަމަށް އަޔާ ބުންޏެވެ.
"ވިކްޓަރީއަކީ ސިޔާސީ ކުލަބެކޭ ބުނެ އިނގިލި ދިއްކުރުމުގެ ބަދަލުގައި އެހެން ކުލަބަކަށް އެ އިނގިލި ދެއްކުން މާ ރަނގަޅު" އަޔާ ބުންޏެވެ.
ވިކްޓަރީގެ ޗެއާޕާސަން ކަމާ އީވާ ހަވާލުވެ ވަޑައިގަތީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު އެވެ.