ދިވެހިންގެ މެދުގައި ވެސް ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ ހިންދީ ޑްރާމާ ސިލްސިލާ "ކަސޯޓީ ޒިންދަގީ ކޭ" ނިންމާލަން ޕްރޮޑިއުސަރު އެކްތާ ކަޕޫރު ގަސްތުކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ކަސޯޓީގެ ދެވަނަ ބައި ކާމިޔާބުކަމާއެކީ ފެށުނު ނަމަވެސް އެ ސިލްސިލާ ފެށުނީއްސުރެ ދަނީ އެކި އެކި މައްސަލަތައް ދިމާވަމުންނެވެ. ޑްރާމާގައި އެންމެ ވަރުގަދަ އެއް ކެރެކްޓަރު ކަމަށްވާ ކޮމޯލިކާގެ ރޯލުން ޚީނާ ޚާން ވަކިވެގެން ދިޔުމަކީ އެކްތާއަށް ލިބުނު ވަރަށް ބޮޑު ގެއްލުމެކެވެ. އަދި ޚީނާގެ ރޯލު ކުޅެން އެހެން ވަރުގަދަ ތަރިއެއް ހޯދުންވީ އުނދަގޫކަމަކަށެވެ. ކޮމޯލިކާގެ ރޯލަށް އާ ތަރިއަކު ހަމަޖެހުމާ އެކު ޑްރާމާގައި ބަޖާޖުގެ ރޯލުން ފެނިގެންދާ ތަރި ޝޯ ދޫކޮށްލި އެވެ. އެއަށް ފަހު ބޮލީވުޑުގެ ތަރި ކަރަން ސިންހް ގްރޯވަރު ބަޖާޖްގެ ރޯލު ކުޅުނުއިރު އޭނާ ވެސް ވަނީ އެ ޝޯ ދޫކޮށްލައިފަ އެވެ. މިހާރު ބަޖާޖް ރޯލު ކުޅެނީ ޓީވީ އެކްޓަރު ކަރަން ޕަޓޭލް އެވެ.

އެއަށް ފަހު އިންޑިއާ ލޮކްޑައުންކުރުމާ އެކު ފިލްމީ މަސައްކަތްތައް އެއްކޮށް ހުއްޓުނުއިރު ހުރިހާ ޑްރާމާ ސިލްސިލާތަކެއްގެ މަސައްކަތްތައް ވެސް ވަނީ ހުއްޓިފަ އެވެ. އަލުން ޑްރާމާގެ ޝޫޓިން ފެށުނުތަނާ ޑްރާމާގެ ތަރި އަނޫރާގް (ޕާތު ސަމްތާން) އަށް ކޮވިޑުޖެހި މަސައްކަތްތައް ހުއްޓުނެވެ. އޭނާ ކޮވިޑުން ސަލާމަތްވެގެން އައިސް އިއުލާންކުރީ ކަސޯޓީ ދޫކޮށްލަން އުޅޭ ކަމަށެވެ. އޭނާ އެ އިއުލާންކުރުމުން ޕްރޭނާ (އެރިކާ ފެނާންޑިސް) ވެސް އެ ޝޯ ދޫކޮށްލަން ނިންމި އެވެ.

މިހުރިހާ ހުރަސްތަކަކާ އެކު މިހާރު އެކްތާ ނިންމީ ޑްރާމާ އެއްކޮށް ނިންމާލާށެވެ. އުފާވެރި ނިންމުމެއް ކަސޯޓީ 2 އިން ފެނިގެންދާއިރު އެ ޝޯގެ ފަހު އެޕިސޯޑު ދައްކާނީ އަންނަ މަހު ތިނެއްގައި ކަމަށް ރިޕޯޓްތައް ބުނެ އެވެ.