09 Sep 2020, 07:28
ބޮލީވުޑުގައި މިހާރު އެންމެ ގަދައަށް ފިޔަޖަހަމުން އަންނަ އެއް ތަރި ޓައިގާ ޝްރޮފް އޭނާގެ ފުރަތަމަ ލަވަ ރިލީޒްކުރުމަށް ތައްޔާރުވެއްޖެ އެވެ.
މި ލަވަވެގެންދާނީ އެކްޓަރު ޓައިގާގެ އަޑުން ކިޔުމަށްފަހު ރިލީޒްކުރާ ފުރަތަމަ ލަވައަށެވެ. "އަންބިލީވަބަލް"ގެ ނަމުން ނަންދީފައިވާ އެ ލަވައިގެ ޕޯސްޓަރެއް މިހާރު އާންމުކޮށްފައިވާއިރު ޓައިގާ ވަނީ ފިލްމުތަކުގެ އެކި އެކި އިންޓަވިއުތަކުގައި އޭނާގެ ލަވަކިޔުމުގެ ހުނަރު ދައްކާލާފަ އެވެ. ލަވަކިޔުމަށް ނުހަނު ޝައުގު ހުންނަ ޓައިގާ ލަވައިގެ ޕޯސްޓަރު ރިލީޒްކުރުމަށްފަހު ބުނީ އޭނާ ކުޅޭ ފިލްމުތަކަށް އޭނާގެ އަޑުން ލަވަކިޔަން ވަރަށް ބޭނުންވާކަމަށެވެ.
ލަވައިގެ ޓީޒާއެއް ވެސް އަވަސްމުސްތަގުބަލެއްގައި ދައްކާލާނެ ކަމަށާއި މި ތަޖުރިބާ އަކީ ވަރަށް ތަފާތު ތަޖުރިބާއެއް ކަމަށްވެސް ޓައިގާ ވަނީ ބުނެފައެވެ. ޕުނީތު މަލްހޯތުރާގެ ޑައިރެކްޝަނުގެ ދަށުން މި ލަވަ ކޮރިއޮގްރާފުކޮށްދިނީ ޕަރޭޝް އެވެ.
ޓައިގާ އެންމެ ފަހުން ފެނިގެންދިޔައީ ބާގީ 3 އަކުންނެވެ. އެ ފިލްމުގައި އޭނާ އާއެކު ހަރަކާތްތެރިވީ ޝްރައްދާ ކަޕޫރު، އަންކިތާ ލޯކަންޑޭ އަދި ރިތޭޝް ދޭޝްމުކް އެވެ. އެ ފިލްމަށް ބޮޑު ތަރުހީބެއް ވަނީ ލިބިފަ އެވެ.