އައްޑޫ ސިޓީގައި ތިމޭވެށީގެ ގޮތުން ހިމެނޭ ހާއްސަ ހަތަރު ސަރަހައްދެއް ހިމާޔަތްކުރަން ނިންމައިފިއެވެ.

އެ ސަރަހައްދުތަކުގެ ތެރޭގައި ކޮޑަ ކަނޑަ އާއި ކަނޑިހެރަ، ހިތަދޫ މާކިޅި އާއި މެދެއާރަ އަދި ފެހެލެ ކިޅި، ހުޅުދޫ މާފިށި ކިޅިއާއި (ކޭވަކާ ގޮނޑޮ)، ހުޅުދޫ އަދި މީދޫގެ މެދަށް އޮންނަ މަތިކިޅި ސަރަޙައްދު ހިމެނެއެވެ.

މިއަދު މެންދުރު ވާޗުއަލްކޮށް ބޭއްވި ވަޒީރުންގެ މަޖިލީހުގައި އެންވަޔަރަމަންޓް މިނިސްޓްރީން ހުށަހަޅި ކަރުދާހަކަށް ވަޒީރުންގެ މެދުގައި މަޝްވަރާކުރުމަށްފަހު އެބޭފުޅުންގެ ލަފަޔާ އެއްގޮތަށް އެ ސަރަހައްދުތައް ހިމާޔަތްކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިހާރު ވަނީ ނިންމަވައިފައެވެ.

ހިމާޔަތްކުރަން ނިންމި ހަތަރު ސަރަހައްދަކީ އައްޑޫ ސިޓީ ބަޔޮސްފިއާ ރިޒާވަކަށް ހެދުމަށް މިދިޔަ އަހަރު ސެޕްޓެންބަރު ގައި ޔުނެސްކޯ އަށް ހުށަހެޅިފައިވާ، ތިމާވެށީގެ ގޮތުން ޚާއްސަ ސިފަތަކެއް ލިބިގެންވާ ސަރަޙައްދުތަކެއްވެސް މެއެވެ.

އައްޑޫ ސިޓީ ބަޔޮސްފިއާ ރިޒާވަކަށް ހެދުމަށް ޔުނެސްކޯއަށް ހުށަހަޅާފައިވަނީ އައްޑޫ ސިޓީގެ 97 ޕަސެންޓް ރައްޔިތުން އެގޮތަށް ބޭނުްންވާތީކަމަށް އެންވަޔަރަމަންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވިއެވެ.

އެ ތަންތަން ހިމާޔަތްކުރުމުގެ ކަންކަން ކުރިއަށް ގެންދާއިރު، އައްޑޫ ސިޓީގެ އުމްރާނީ ތަރައްގީއާ ގުޅޭ މަޝްރޫޢުތަކަށް ހުރަސްނޭޅޭނެ ފަދަ ގޮތަކަށް ކަންކަން ހަމަޖެއްސެވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ވަނީ ނިންމައިފައެވެ.

ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން 1 ރަށާއި 1 ފަރާއި 1 ކަނޑޫފާ ރައްކާތެރިކުރުމަށް ސަރުކާރުން ވެފައިވާ ވައުދުގެ މަތިން ފުރަތަމަ ފިޔަވަހީގެ ދަށުން ތިލަދުންމަތީގެ (ހއ، ހދ، ށ އަދި ނ އަތޮޅުގެ) 11 ސަރަޙައްދަކާއި ފުވައްމުލަކު އިރުދެކުނު ފަރާތުގައިވާ ފަރިކެޑަ ސަރަޙައްދު ވަނީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ހިމާޔަތްކޮށްފައިވާ ސަރަޙައްދުތަކެއްގެ ގޮތުގައި ކަނޑައަޅުއްވައި ގެޒެޓްކޮށްފައެވެ.