14 Jan 2012, 14:24
ހއ. އުލިގަމުގައި އެމްޓީޑީސީ އިން ހަދާ ސިޓީ ހޮޓަލުގެ މަސައްކަތް ހުއްޓިފައިވާތާ ދެ އަހަރަށް ވުރެ ގިނަ ދުވަސްވުމާ ގުޅިގެން އެ ރަށުގެ ޒުވާނުން އިސްވެ ތިބެ ކުރި މުޒާހަރާއާ ގުޅިގެން 18 އަހަރުން ދަށުގެ ކުއްޖަކާއި އިތުރު ހަތަރު މީހަކު ހައްޔަރު ކޮށްފި އެވެ.
އެމްޑީޓީޑީސީ އާއި ކުރީގެ އުލިގަމު ރަށްކުރިއަރުވާ ކޮމިޓީއާ ދެމެދު ވެފައިވާ އެއްބަސް ވުމާ ހިލާފަށް އެމްޓީޑީސީ އިން އަމަލުކޮށްފައި ވާތީ އެކަން އެމްޓީޑީސީ އާއި ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުމުގެ ގޮތުން ކުރި މުޒާހަރާއާ ގުޅިގެން ފަސް މީހަކު ހައްޔަރުކޮށްފައިވާ ކަން އުލިގަމް ކައުންސިލްގެ ރައީސް އިމާދު އަބުދުﷲ ވެސް މިއަދު ވަނީ ކަށަވަރުކޮށްދެއްވާފަ އެވެ.
ފުލުހުން ބުނީ އުލިގަމުގައި ކުރި މުޒާހަރާ އާ ގުޅިގެން ފަސް މީހަކު ހައްޔަރު ކުރީ އެމްޓީޑީސީ ސަރަހައްދަށް ވަންނަން އޮންނަ ސަރަހައްދުގައި ފެންސު ޖަހައި ބަންދުކުރުމާ ގުޅިގެން ކަމަށެވެ. އަދި ކޯޓު އަމުރެއްގެ ދަށުން އެމީހުން ހައްޔަރުކޮށް އިތުރަށް ސާފު ކުރަން ޖެހޭ ކަންތައްތަކެއް ހުރުމުން ފަސް ދުވަސް އަނެއްކާ ވެސް މުއްދަތު އިތުރު ކޮށްފައިވާ ކަމަށް ވެސް ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ.
މީގެ ތިން ދުވަސް ކުރިން ކުރި މުޒާހަރާ އާ ގުޅިގެން ފަސް މީހަކު ހައްޔަރުކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެރޭ ކަމަށް އިމާދު ވިދާޅުވި އެވެ. އިމާދު ވިދާޅުވީ ހައްޔަރު ކުރި މީހުންގެ ތެރޭ ކުޑަކުއްޖަކު ވެސް ހިމެނޭ ކަމަށެވެ. ނަމަވެސް ފުލުހުން އެކަން ކަށަވަރުކޮށެއް ނުދެ އެވެ.
އުލިގަމު ކައުންސިލްގެ ރައީސް އިމާދު ވިދާޅުވީ އެ ރަށުން ފަސް މީހަކު ހައްޔަރު ކުރީ އެމްޓީޑީސީގެ އުލިގަމު ފަޅިއަށްވާ ގޮތަށް ހުރި ސަރަހައްދު ދަނޑިން ބަންދުކޮށްފައި ހުރުމުން ކަމަށެވެ. އިމާދު ވިދާޅުވީ ފުރަތަމަ އެކަން ކުރީ ކޮންބައެއްގެ އިޒުނައާ އެކުކަން ނޭނގުނު ނަމަވެސް މައުލޫމާތު ސާފުކުރި އިރު އެކަން ކޮށްފައި ވަނީ ކައުންސިލް މެމްބަރުންގެ ތެރެއިން ބިންތަކާ ބެހޭ ކައުންސިލް މެމްބަރުގެ ހުއްދައާ އެކު ކަމަށެވެ. އަދި އެ ހުއްދަ އެ ގޮތަށް ދެއްވީ ގިނަ ޒުވާނުންތަކެއްގެ އެދުމުގެ މަތިން ކަމަށް ވެސް އިމާދު ވިދާޅުވި އެވެ.
އުލިގަމުގައި އެމްޓީޑީސީ އިން ސިޓީ ހޮޓާ ގާއިމް ކުރުމަށް ބިން ދޫކުރިތާ ހަތަރު އަހަރުވެގެން ދިޔަ އިރު އެތަނުގެ މަސައްކަތް ނުކުރާތާ ދެ އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށާއި އަދި ސިޓީ ހޮޓަލާއި ރަށުގެ މީހުން ދިރިއުޅޭ އަވަށާއި ދެމެދު ފާހަކޮށްފައިވާ ގްރީން ޒޯން ސަރަހައްދު ވެސް އެމްޓީޑީސީ އިން ވެރިކޮށްގެން އުޅޭ ކަމަށް އުލިގަމުން ކައުންސިލުން ވަނީ ބުނެފަ އެވެ.