08 Sep 2020, 17:47
އިންޑިއާ އަސްކަރިއްޔާގެ ދެ ބޯޓެއް މިއަދު ހެނދުނު ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސީ އިމިގްރޭޝަނަށް އެންގުމަކާ ނުލާ ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކޮށްފިއެވެ.
އިންޑިއާގެ އަސްކަރިއްޔާގެ ބޯޓު ހަނިމާދޫ އެއާޕޯޓްގައި ޖައްސާފައިވަނީ މިއަދު ހެނދުނު 10:25 ގަ އެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގައި މިއަދު ޖެއްސި އިންޑިއާ އަސްކަރިއްޔާގެ ޑޯނިއާ ބޯޓު މި މަހުގެ 16 އާ ހަމައަށް ރާއްޖޭގައި އޮންނާނެ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.
އިމިގްރޭޝަނުން ބުނީ އިމިގްރޭޝަނަށް އެންގުމަކާ ނުލާ މިއަދު ހަނިމާދޫ އެއާޕޯޓަށް އަސްކަރީ މަތިންދާބޯޓެއް ޖެއްސިކަމަށް ބުނެ، ހަބަރު ފަތުރާ ބައެއް ނޫސްތަކުގައި ލިޔެފައިވާ ލިޔުންތަކަކީ ސައްހަ މައުލޫމާތެއް ނޫންކަމަށެވެ.
އަދި އެ އުޅަނދަށް އިމިގްރޭޝަން ކްލިއަރެންސް ދީފައިވަނީ، އިމިގްރޭޝަނަށް ހުށަހަޅަންޖެހޭ ލިޔެކިޔުން ފުރިހަމަކޮށް، ހޯދަންޖެހޭ ހުއްދަތައް ހޯދާފައިވުމުން ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
އެމްއެންޑީއެފް އިން ބުނީ އެ ބޯޓު ރާއްޖެ އައިސްފައިވަނީ ސިލްސިލާކޮށް ރާއްޖޭގެ އީއީޒެޑް ބެލުމަށް އެމްއެންޑީއެފް ކޯސްޓް ގާޑުގެ ސިފައިންނާ ގުޅިގެން ކުރިއަށް ގެންދާ އޮޕަރޭޝަކަށް ކަމަށެވެ.
މިއަދު ދެ ބޯޓެއް ޖެއްސި ނަމަވެސް، ބެކް ފްލައިޓު މިހާރު ފުރާފައިވާ ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.
ކޯސްޓްގާޑާއި ގުޅިގެން ކުރިއަށް ގެންދާ އޮޕަރޭޝަނަކަށް އިންޑިއާގެ ބޯޓެއް ރާއްޖެ އައިސްފައިވާކަން އެމްއެންޑީއެފުން ހާމަކުރި ނަމަވެސް އައީ ކިހާ ސިފައިނެއް ކަމެއް ހާމަކޮށްފަ އެއް ނުވެއެވެ.
ސަވަޔަލެންސް ޕެޓްރޯލް އަށް އިންޑިއާ ސިފައިންގެ ޑޯނިއާ ފްލައިޓު ޖުލައި މަހުގެ 31 ވަނަ ދުވަހުވެސް ވަނީ ރާއްޖެ އައިސްފަ އެވެ. އެ ބޯޓު އަނބުރާ ދިޔައީ ކޮންއިރަކު ކަމެއް ސާފެއް ނުވެ އެވެ.
އިންޑިއާގެ އެ ބޯޓު ރާއްޖެ އައިސްފައިވާ މި ދަނޑިވަޅަކީ، އިދިކޮޅު ފަރާތްތަކުން 'އިންޑިއާ އައުޓު' ގެ ނަމުގައި ސޯޝަލް މީޑިއާގައި ކެމްޕެއިން ހިންގަމުންދާ ދުވަސްކޮޅެކެވެ.