ދިއްލީ (ސެޕްޓެމްބަރު 8): އިންޑިއާ އާއި ޗައިނާ ގުޅޭ ބޯޑަރުގައި ދެ ގައުމުގެ ސިފައިން ބަޑި ޖެހި ކަމުގެ ތުހުމަތު އެއް ގައުމުން އަނެއް ގައުމުގެ މައްޗަށްކޮށްފި އެވެ.

ޗައިނާގެ ގްލޯބަލް ޓައިމްސްއިން ރިޕޯޓު ކުރި ގޮތުގައި އެގައުމާއި އިންޑިއާ ވަކިކޮށްދޭ ލައިން އޮފް އެކްޝުއަލް ކޮންޓްރޯލް (އެލްއޭސީ) ހުރަސްކޮށް އިއްޔެ އިންޑިއާގެ ސިފައިން ވަނީ ޗައިނާގެ ސިފައިންނަށް އިންޒާރު ދިނުމުގެ ގޮތުން ބަޑި ޖަހާފަ އެވެ. އަދި އެގައުމުން އިންޒާރަށް ރައްދު ދިން ކަމަށް ބުނި ނަމަވެސް އެއީ ކޮންކަހަލަ ރައްދެއް ކަމެއް ގްލޯބަލް ޓައިމްސްއިން ހާމަ ނުކުރެ އެވެ.

"އިންޑިއާއިން އެފަދައިން އަމަލު ކުރުމުން، ދެ ގައުމުން ހަދާފައިވާ އެއްބަސްވުންތަކާ ހިލާފުވެ، އެ ސަރަހައްދުގެ މައްސަލަ ވަނީ އިތުރަށް ހޫނުވެފަ،" ޗައިނާގެ ޕީޕަލްސް ލިބަރޭޝަން އާމީ (ޕީއެލްއޭ)ގެ ތަރުޖަމާނަކު ވިދާޅުވި އެވެ.

ނަމަވެސް އިންޑިއާއިން ވަނީ އެ ވާހަކަތައް ދޮގުކޮށްފަ އެވެ. އަދި އެގައުމުގެ ސިފައިންނަށް ބިރު ދެއްކުމުގެ ގޮތުން ބަޑި ޖެހީ ޗައިނާގެ ސިފައިން ކަމަށާއި އެގައުމުގެ ސިފައިން އެލްއޭސީ ހުރަސްކޮށް، ބަޑި ޖެހުން ފަދަ ހަމަނުޖެހުން އުފެދޭނެ ކަމެއް ނުކުރާ ކަމަށް ބުނެފަ އެވެ.

ޗައިނާ އާއި އިންޑިއާއިން ބަޑި ޖެހި ކަމަށް ބުނާ ވާހަކަތަކަކީ ތެދަކަށްވާ ނަމަ އެ ވާނީ އެލްއޭސީގައި ފާއިތުވި 45 އަހަރު ތެރޭ ބަޑި ޖެހި ފުރަތަމަ ފަހަރަށެވެ. އެ ބޯޑަރު ސަރަހައްދުގައި މިދިޔަ ޖޫން މަހުގެ މެދުތެރޭގައި ދެ ގައުމުގެ ސިފައިންގެ މެދުގައި ތަޅާފޮޅުމެއް ހިނގާ، އިންޑިއާގެ 20 ސިފައިން ވަނީ މަރުވެފަ އެވެ. އަދި ޗައިނާގެ ސިފައިންތަކެއްވެސް މަރުވި ކަމަށް ހަބަރު ފެތުރުނު ނަމަވެސް އެކަމާ ބެހޭ ތަފްސީލެއް އެގައުމުން ނުދެ އެވެ.