08 Sep 2020, 16:02
ބީއެމްއެލްގެ ލޯނު ފަސްކޮށްދިނުމަށް އެދި ދެވަނަ ފަހަރަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ބީއެމްއެލް އިން ބުނީ އެ ބޭންކުން ނަގާފައިވާ ލޯނާއި ފައިނޭންސިން އަށް ފައިސާދެއްކުން ދެވަނަ ފަހަރަށް ފަސްކުރުމަށް ހުޅުވާލާ ފުރުސަތުގެ ދަށުން ސެޕްޓެމްބަރު މަހު ފައިސާ ދައްކަން ފަށަންޖެހޭ ކަސްޓަމަރުންނަށް އެ ފުރުސަތު މިއަދު ހުޅުވާލާފައިވާ ކަމަށެވެ.
މި ފުރުސަތު ލިބޭނީ މިހާރުވެސް ލޯނު ފަސްކޮށްދިނުމަށް އެދި ހުށަހަޅާފައިވާ ކަސްޓަމަރުންނަށް ކަމަށް ބެންކުން ބުންޏެވެ.
ބީއެމްއެލްގެ ވެބްސައިޓްގައިވާ މޮރެޓޯރިއަމް ޕޯޓަލް މެދުވެރިކޮށް، ލޯނު އަނބުރާ ދެއްކުން ދެވަނަ ފަހަރަށް ފަސްކޮށްދިނުމަށް އެދި ހުށަހަޅެނޭއެވެ.
މި ޕޯޓަލްގައި ފައިސާ ދެއްކުން ދެވަނަ ފަހަރަށް ފަސްކޮށްދެވޭނެ ލޯނުގެ ތަފްސީލާއި ލޯނަށް ފައިސާ ދައްކަންޖެހޭ އަދަދުތައް ހިމެނިފައިވާނެ ކަމަށާއި ދެވަނަ ފަހަރަށް ލޯނަށް ފައިސާ އަނބުރާދައްކަން ޖެހޭ އަދަދުތަކުގެ ތަފްސީލް ފެންނާނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.
ލޯނު އަނބުރާދެއްކުން ދެވަނަ ފަހަރަށް ފަސްކުރުމަށް އެދި ހުށަހަޅާ ހުށަހެޅުން އެޕްރޫވްވުމާއެކު ޑިސެމްބަރު މަހާ ހަމަޔަށް ބޭންކަށް އެއްވެސް ފައިސާ އެއް ދައްކާކަށް ނުޖެހޭނެެއެވެ.
އޮކްޓޯބަރު މަހާއި ނޮވެމްބަރު މަހު ފައިސާ ދައްކަން ފަށަންޖެހޭ ކަސްޓަމަރުންނަށް އެ ފުރުސަތު އަށެއް އޮކްޓޯބަރު އަދި އަށެއް ނޮވެމްބަރުގައި ހުޅުވާލާނެއެވެ.
ބީއެމްއެލް އިސްލާމިކް މެދުވެރިކޮށް ނަގާފައިވާ ފައިނޭންސަށް ފައިސާދެއްކުން ފަސްކޮށްދިނުމަށް އެދި ދެވަނަފަހަރަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމާ ބެހޭ މައުލޫމާތު ފަހުން ހާމަކުރާނެ ކަމަށްވެސް ބީއެމްއެލް އިން ބުންޏެވެ.
ލޯނަށް އަނބުރާދައްކަން ޖެހޭ ފައިސާ ފަސްކޮށްދިނުމަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ލޯނަށް ފައިސާ ދެއްކޭނެ ކަސްޓަމަރުން ދެވަނަ ފަހަރަށް ފައިސާދެއްކުން ފަސްކޮށްދިނުމަށް އެދި ކޮންމެހެން ހުށަހަޅަން ނުޖެހޭނެ ކަމަށްވެސް ބޭންކުން ބުންޏެވެ.