ގާހިރާ (ސެޕްޓެމްބަރު 8): މިސްރުގެ ކުރީގެ ރައީސް މުހައްމަދު މުރުސީގެ ދަރިކަލުން އަބްދުﷲ އަވަހާރަވީ ގުދުރަތީ ސަބަބަކާ ހެދި ނޫން ކަމަށާއި ބަޔަކު އޭނާ އަވަހާރަކޮށްލީ ކަމަށް އެ އާއިލާގެ ވަކީލުން ތުހުމަތު ކުރައްވައިފި އެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު ހަތަރެއްގައި އަބްދުﷲ އަވަހާރަވީ ބައްޕާފުޅު އަވަހާރަވިތާ ތިން މަސް ފަހުންނެވެ. މިސްރުގެ ސަރުކާރުން އޭރު ނެރުނު ރިޕޯޓެއްގައިވާ ގޮތުން އަބްދުﷲ އަވަހާރަވީ އޭނާގެ ކާރު ދުއްވަނިކޮށް ކުއްލިއަކަށް ހިތް ހުއްޓިގެންނެވެ. އަދި އޭނާ ވަގުތުން ހޮސްޕިޓަލަކަށް ގެންދިޔަ ނަމަވެސް ފުރާނަ ސަލާމަތް ކުރެވޭ ގޮތެއް ނުވި އެވެ.

މީގެ އިތުރުން އޭރު މިސްރުގެ ބައެއް މީޑިއާތަކުން ވަނީ އަބްދުﷲގެ މަރުގައި ޝައްކު ކުރެވޭ ކަމެއް ނެތް ކަމަށާއި އޭނާއަކީ ސިއްހީ މައްސަލަތައް ހުންނަ މީހެއް ކަމަށް ރިޕޯޓުކޮށްފަ އެވެ.

ނަމަވެސް މިދިޔަ އާދިއްތަ ދުވަހު މުރުސީގެ ގާނޫނީ ޓީމުން ވަނީ ބަޔަކު އަބްދުﷲ އަވަހާރަކޮށްލީ ކަމަށް ބުނާ މައުލޫމާތުތަކެއް އެ ޓީމަށް ލިބިފައިވާކަން އިއުލާންކޮށްފަ އެވެ. އަދި އަބްދުﷲގެ ހަށިގަނޑަށް "ނުރައްކާތެރި މާއްދާއެއް" އިންޖެކްޓު ކުރި ކަމަށާއި އޭނާ ހޮސްޕިޓަލަށް ގެންދިޔައީ އަވަހާރަވި ފަހުން ކަމަށް ބުނެފަ އެވެ.

"އާ މައުލޫމާތުން އެނގޭ ގޮތުގައި އަބްދުﷲގެ ހަށިކޮޅަށް ނުރައްކާތެރި މާއްދާއެއް އިންޖެކްޓު ކުރުމުގެ ސަބަބުން އޭނާ އަވަހާރަވީ އަދި އޭގެ ފަހުން އޭނާ ގެންދިޔައީ 20 ކިލޯމީޓަރު (12 މޭލު) ދުރުގައި ހުރި ހޮސްޕިޓަލަކަށް. އެއަށް ވުރެ ކައިރި ހޮސްޕިޓަލަކަށް ނުގެންދިޔައީ ގަސްތުގައި،" މުރުސީގެ ގާނޫނީ ޓީމުން ނެރުނު ބަޔާނުގައިވެ އެވެ.

އެ ޓީމުން ވަނީ އެ ހާދިސާއާ ބެހޭ މައުލޫމާތު ދައުލަތުގެ ބައެއް އިސް ފަރާތްތަކަށް އެނގޭ ކަމަށް ބުނެ، އެ މައްސަލައިގެ މިނިވަން ތަހުގީގެއް ކުރުމަށް ގޮވާލާފަ އެވެ.

އަބްދުﷲއަކީ މުރުސީގެ ބޭފުޅުންގެ ތެރެއިން މިސްރުގެ ސަރުކާރަށް އެންމެ ބޮޑަށް ފާޑު ވިދާޅުވި ބޭފުޅާ އެވެ. އަދި އޭނާއަކީ މުރުސީގެ ޝަރީއަތުގައި އޭނާ އެންމެ ބޮޑަށް ދިފާއު ކުރެއްވި ބޭފުޅާ އެވެ.

މިދިޔަ އަހަރުގެ ޖޫން 17އިގައި މުރުސީ އަވަހާރަވީ ފަލަސްތީނުގެ ހަމާސްއަށް ޖާސޫސުކޮށްދިން ކަމުގެ ދައުވާގައި ޝަރީއަތް ކުރިއަށް ގެންދިޔުމަށް ކޯޓަށް ހާޒިރުކޮށްފައި ވަނިކޮށެވެ. އަދި އަބްދުﷲ ތުހުމަތު ކުރެއްވި ގޮތުގައި ރައީސް އަބްދުލްފައްތާހު އަލް ސީސީއާ ގުޅުން ހުރި ބަޔަކު ގަސްތުގައި މުރުސީ އަވަހާރަކޮށްލީ އެވެ.

ޑިމޮކްރެޓިކް އިންތިހާބެއް ކާމިޔާބުކޮށް ވެރިކަމަށް ވަޑައިގެންނެވި ފުރަތަމަ ރައީސްގެ ގޮތުގައި 2012 ވަނަ އަހަރު މުރުސީ ވެރިކަން ފެއްޓެވީ، އޭގެ ކުރީ އަހަރު މިސްރުގައި ކުރި މުޒާހަރާތަކުގައި ރައީސް ހުސްނީ މުބާރަކުގެ ވެރިކަން ވައްޓާލި ފަހުންނެވެ.

ނަމަވެސް މުރުސީގެ ވެރިކަމަށް އެއްމެ އަހަރެއްވީ ތަނާ އޭނާއާ ދެކޮޅަށް ބޮޑެތި މުޒާހަރާތައް ބާއްވައި، އެގައުމުގެ އަސްކަރިއްޔާއިން ވެރިކަން ވައްޓާލި އެވެ. އަދި އޭރުގެ އަސްކަރިއްޔާގެ ވެރިޔާ ކަމަށްވާ ސީސީ ރައީސްކަމަށް ވަޑައިގެންނެވި އެވެ.

މުރުސީގެ ވެރިކަން ވައްޓާލި ފަހުން އެކި މައްސަލަތަކުގައި އޭނާގެ މައްޗަށް ޖަލު ހުކުމާއި މަރުގެ ހުކުމްވެސް ކުރި އެވެ.