14 Jan 2012, 14:15
ރާއްޖެއަކީ، ޒަމާނުއްސުރެވެސް އާއިލާގެ ތެރޭގަޔާއި ޖަމާއާތުގެ ތެރޭގައި އަންހެނުން ވަރަށް މުހިންމު ދައުރެއް އަދާކުރަމުންދާ ގައުމެއް ކަމުގައި ނައިބު ރައީސް ޑރ މުހައްމަދު ވަހީދު ވިދާޅުވެއްޖެ އެވެ.
ނައިބު ރައީސް މިހެން ވިދާޅުވީ، ބ. ހިތާދޫގެ ހިދާ ޖަމްއިއްޔާ އާއި ޔޫ.އެން.ޑީ.ޕީ ގުޅިގެން ހިތާދޫ އަންހެނުންނަށް އަމާޒުކޮށް ހިންގުނު އަންހެނުންގެ ކޮމިޓީއަށް އަންހެނުން ތަމްރީނު ކުރުމުގެ ޕްރޮގްރާމްގެ ނިމުން ފާހަގަކުރުމަށް ހިތާދު ސްކޫލުގައި ރޭ ބޭއްވި ހަފްލާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ނައިބު ރައީސް ވިދާޅުވި ގޮތުގައި، އެކި ފަހަރުމަތިން އަންހެން ބޭފުޅުން ވަނީ ރާއްޖޭގެ ވެރިކަން ކުރައްވާފަ އެވެ. އަދި ހުރިހާ ދައުރެއްގައި ވެސް ގައުމުގެ ވަރަށް މުހިންމު މަގާމުތަކެއް އަންހެން ބޭފުޅުން ވަނީ ފުރުއްވާފަ އެވެ. ހަމައެއާއެކު ވަރަށް ކުރިއްސުރެ ގާނޫނު ހަދާ މަޖިލީހުގައި ވެސް އަންހެން ބޭފުޅުން ވަނީ ތަމްސީލު ކުރައްވާފަ އެވެ.
އަންހެނުންނަކީ ރާއްޖޭގެ ތަރައްގީގަޔާއި ރާއްޖެ ކުރިއެރުމަށް މަސައްކަތް ކުރުމަށްޓަކައި ވަރަށް މުހިންމު ވާޖިބުތަކެއް އަދި ހިދްމަތްތަކެއް ކޮށްދީފައިވާ ބައެއްކަން ނައިބު ރައީސް ފާހަގަކުރެއްވި އެވެ. އަދި ދެންވެސް ލިބޭ ކޮންމެ ފުރުސަތެއްގައި އަންހެން ގައުމަށް މުހިންމު ހިދުމަތްތަކެއް ކޮށްދެމުން ގެންދާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ވެސް ނައިބު ރައީސް ވިދާޅުވި އެވެ.
ނައިބު ވިދާޅުވީ، ކޮންމެ ރަށެއްގެ ވެސް އަންހެނުން ކުރިއަރުވާ ކޮމިޓީތަކުން ކޮށްދީފައިވާ ހިދުމަތްތަކަކީ، ރާއްޖޭގެ ތާރީހު ލިޔާ ހުރިހާ ފަރާތްތަކުން ފާހަގަކުރާނޭ ހިދްމަތްތަކެއް ކަމަށެވެ. އަދި އަންހެނުންގެ ކޮމިޓީއަށް އަންހެނުން ތަމްރީނު ކުރުމަށްޓަކައި މިފަދަ ތަމްރީނު ކޯސްތަކެއް ޔޫ.އެން.ޑީ.ޕީ.އާއި އެކިއެކި އަމިއްލަ ޖަމާއަތްތަކުން ރާއްވަވައިގެން ހިންގަވާތީ އެފަރާތްތަކަށް ނައިބު ރައީސް ތަހުނިޔާ ވިދާޅުވި އެވެ. ކޮމިޓީތައް އުފެދިގެންދާއިރު މިފަދަ ތަމްރީނު ޕްރޮގްރާމެއްގެ ސަބަބުން، ކޮމިޓީތަކުން ކުރަންޖެހޭ މަސައްކަތްތައް އެކޮމިޓީތަކަށް ވަރަށް ރަނގަޅަށް ސާފުވާނެ ކަމަށާއި، މި ތަމްރީނުގެ ސަބަބުން ހިތާދޫ އަންހެނުންގެ ކޮމިޓީއަކީ ލާމަސީލު ކޮމިޓީއަކަށްވާނޭ ކަމަށް ދެކެވަޑައިގަންނަވާ ކަމުގައި ވެސް ނައިބު ރައީސް ވިދާޅުވި އެވެ.
ނައިބު ރައީސް ވިދާޅުވީ އަންހެނުންގެ ކޮމިޓީއަކީ، ހަމައެކަނި އަންހެނުންގެ ތަރައްގީއަށްޓަކައި މަސައްކަތްކުރާ ބައެއް ނޫން ކަމާއި، އެއީ، މުޅި ރަށުގެ އަދި މުޅި ޖަމާއަތުގެ ތަރައްގީއަށްޓަކައި މަސައްކަތްކުރާ ބައެއްކަން ފާހަގަކުރެއްވި އެވެ. އަދި އަންހެނުންގެ ކޮމިޓީ އުފެދުމާއެކު، ރަށްކުރިއެރުވުމަށްޓަކައި ރަށު ފެންވަރުގައި އަންހެނުންގެ ހަރަކާތްތައް އިތުރުވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައިވެސް ނައިބު ރައީސް ވިދާޅުވި އެވެ.
ނައިބު ރައީސް ހިތާދުއަށް މި ކުރެއްވި ދަތުރުފުޅުގައި، ހިތާދޫ ރަށު ކައުންސިލާ ބައްދަކުރެއްވި އެވެ.
މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ނައިބު ރައީސް މިއަދު ހެނދުނު ވަނީ މާލެ ވަޑައިގެންފަ އެވެ.