09 Sep 2020, 10:57
ކޮރޯނާވައިރަސް، ކޮވިޑް-19އާ ދެކޮޅަށް ފްރޮންޓްލައިންގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ހާއްސަ އެލަވަންސެއްގެ ގޮތުގައި ދުވާލަކު، 500-200 ރުފިޔާއާ ދެމެދުގެ އަދަދެއް ދޭން ނިންމާ އެކަން އިއުލާނު ކުރީ މިއަހަރުގެ މެއި މަހުގެެ ހަތްވަނަ ދުވަހު އެވެ.
މުޅިން އަލަށް ދުނިޔެއިން ފެނުނު، ގައިން ގަޔަށް އަރާ، މި ނުރައްކާތެރި ބައްޔާއި ދެކޮޅަށް މަސައްކަތްކުރަން އެކި ވުޒާރާތައް ހިމަނައިގެން މަސައްކަތްތައް ފެށީ ރާއްޖެއިން ބަލި ފެނުމުގެ މާ ކުރިންނެވެ. ރާއްޖެއިން އެންމެ ފުރަތަމަ ކޮވިޑުގެ ކޭހެއް ފެނުނީ މާޗު މަހުގެ ހަތްވަނަ ދުވަހު އެވެ. އޭގެ ފަހުން އިއްޔެގެ ނިޔަލަށް ބައި އަހަރު (ހަ މަސް) ދުވަސް މި އެވެ.

މީހަކު ކަރަންޓީން މަރުކަޒަށް ގެންދިއުމަށް އެމްބިއުލައިންސްއަށް އަރުުމުގެ މަސައްކަތުގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ކޮވިޑު ރޯގާ އާއި ދެކޮޅަށް ކުރާ މަސައްކަތުގައި އެކި ފެންވަރުން ބައިވެރިވާ ފަރާތްތަކަށް އެލަވެންސް ދޭނެ ކަމަށް ސަރުކާރުން ބުނީ ކޮވިޑުގެ ފުރަތަމަ ކޭސް ރާއްޖެއިން ފެނުނު ދުވަހުން ފެށިގެން ގުނާނެ އެލަވެންސެއްގެ ގޮތުގަ އެވެ. ބައްޔަށް ޕޮޒިޓިވްވާ މީހުންނާ ސީދާގޮތުން ދިމާވާ މީހުންނަށް އެލަވެންސްގެ ގޮތުގައި ދެނީ 500 ރުފިޔާ އެވެ. މިއީ ހައިރިސްކު ކެޓަގަރީ އެވެ. އެފަދަ މީހުންނާ ސީދާގޮތުން ދިމާނުވި ނަމަވެސް ބަލި ޖެހިދާނެ ފަދަ މަސައްކަތް ކުރާ މީހުން ދެވަނަ ކެޓަގަރީގައި ހިމަނާފައިވާއިރު އެފަދަ މީހުންނަށް ދޭން ކަނޑައެޅީ 250 ރުފިޔާ އެވެ. އަދި ތިން ވަނަ ކެޓަގަރީއެއްގެ ގޮތުގައި އެންއީއޯސީގެ އޮޕަރޭޝަނުގައި ދުވާލަކު ހަ ގަޑިއިރަށްވުރެ ގިނައިން މަސައްކަތް ކުރާނަމަ ދުވާލަކަށް 200 ރުފިޔާ ދޭން ނިންމި އެވެ.

މެއި 24، 2020: "ތޫފާނު"ގެ ތެރެއިން އައި ހިމޭން ފިތުރު އީދު 1441 -- ސަން ފޮޓޯ/ ފަޔާޒު މޫސާ
މާޗު ހަތަކުން ފެށިގެން ޖުލައި 15 ގެ ނިޔަލަށް އެލަވެންސް ދޭންޖެހޭ މީހުންގެެ ތެރެއިން 2،948 މީހަކަށް، 33.5 މިލިއަން ރުފިޔާ މިހާރު ވަނީ ދީފަ އެވެ. ފްރަންޓްލައިން އެލަވެންސް ނުދެވި ވަނީ ކުރީ ސަފުގައި މަސައްކަތްކުރާ ފުލުހުންނަށާއި ސިފައިންނަށެވެ. އެފަރާތްތަކަށް އެލަވެންސްގެ ގޮތުގައި 80 މިލިއަން ދެން ޖެހޭކަމަށް ހިސާބުތައް ދައްކައެވެ. އެލަވެންސް ނުދެވިގެން އުޅެނީ އެލަވެންސް ދޭނެ އުސޫލަށް އެ ދެ މުވައްސަސާ އިން ބަދަލު ގެންނާތީ އެވެ. އެ ބަދަލުތައް އެޕްރޫވް ވީހާ އަވަހަކަށް އެލަވެންސް ދޭނެ ކަމަށް ފިނޭންސް މިނިސްޓްރީ އިން ވަނީ ބުނެފަ އެވެ.
ކޮވިޑް19 އާއި ދެކޮޅަށް ކުރާ މަސައްކަތުގައި ބައިވެރިވާ ކޮންމެ ފަރުދަކުވެސް ކުރަނީ ގައުމީ މަސައްކަތެކެވެ އަމިއްލަ ސިއްހަތު ކޮމްޕްރޮމައިޒްކޮށް ގައުމީ ގޮވާލުމަކަށް އިޖާބަދީގެން ގިނަ ބަޔަކު މަސައްކަތަށް ނިކުތީ ލިބޭނެ އެލަވެންސެއްގެ ބޭނުމުގައި ނޫންކަން ޔަގީނެވެ. ސުވާލަކީ ކޮވިޑު19 އާއި ގުޅިގެން ގައުމުގެ އިގްތިސޯދު ބޮޑު އަނދަވަޅަކަށް ވެއްޓެމުންދާއިރު ބައިތުލްމާލުން ހަރަދުކޮށްގެން ބޮޑު އެލަވެންސެއް ދިނުން މިވަގުތު މުހިއްމު ހެއްޔެވެ؟

މާލޭގެ ގެއަކުން ކޮވިޑް19އަށް ޓެސްޓްކުރުމަށް ސާމްޕަލް ނެގުމަށް ކަމާބެހޭފަރާތްތަކުން ހަރަކާތްތެރިވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ
އެލަވެންސްގެ މައްސަލާގަައި ކުރާ ޝަކުވާތަކަށް ނިމުމެއް ނާންނައިރު، ބައެއް މީހުންނަށް ލިބެންވާ މިންވަރަށްވުރެ އިތުރަށް އެލަވެންސްގެ ގޮތުގައި ފައިސާ ދޭކަމަށްވެސް ތުހުމަތު ކުރެއެވެ. އެކަމަކު ފިނޭންސް މިނިސްޓްރީ އިން ބުނީ ފައިސާ ދޫކުރަނީ އެންއީއޯސީގެ ހާއްސަ ޓީމަކުން ބަލައި އެޕްރޫވް ކުރުމުން، ފިނޭންސް މިނިސްޓްރީ އިންވެސް ބަލަންޖެހޭ ކަންތައް ބެލުމަށްފަހު ކަމަށެވެ.
ކޮވިޑުގެ މަސައްކަތުގައި ދަރުބާރު ގޭ އެތެރޭ އިދާރީ މަސައްކަތްކުރާ މުވައްޒަފުން ދުވާލަކު ހަ ގަޑިއަރަށް ވުރެ ގިނައިން މަސައްކަތް ކޮށްފިނަމަ 200 ރުފިޔާގެ އެލަވެންސް ދޭއިރު، ރާއްޖެިއން ބޭރުން އަންނަ މީހުންނާ އެންމެ ފުރަތަމަ ބައްދަލުވާ އެއާޕޯޓުގެ މުވައްޒަފުންގެ ތެރެއިން ފްރަންޓްލައިންގައި މަސައްކަތްކުރާ ބައެއް މީހުންނަށް އެލަވެންސްގެ ގޮތުގައި އެއްވެސް ފައިސާއެއް ނުލިބޭ ކަމަށް ބުނި މީހުންނާވެސް ވާހަކަ ދެކެވިއްޖެއެވެ.
ދުނިޔޭގެ ހުރިހާ ގައުމަކަށް ކޮވިޑު ފެތުރިފައިވާއިރު، ގިނަ ގައުމުތަކުގައި ކޮވިޑުގެ ފްރޮންޓްލައިނުގައި މަސައްކަތްކުރާ މީހުންނަށް އިނާޔަތްތަކެއް ދެއެވެ. ނިއުޒިލެންޑުގައި މިފަދަ ފަރާތްތަކަށް އިނާޔަތެއްގެ ގޮތުގައި ބައެއް ސުޕަމާކެޓުތަކުން ވިޔަފާރި ކުރާއިރު ހާއްސަ ޑިސްކައުންޓެއް ދެމުން ދެއެވެ. ނައިޖީރިއާގައި ފައިސާގެ އިނާޔަތްދޭއިރު، އެ ފައިސާ ނުލިބިގެން ސިއްހީ މަސައްކަތްތެރިން އިހުތިޖާޖުވެސް ކޮށްފައި އެބަހުއްޓެވެ.
މެލޭޝިއާގެ ފްރޮންޓްލައިން މަސައްކަތްތެރިންގެ އެލަވެންސްގެ މައްސަލަވެސް ހޫނުވިއެވެ. އެ ގައުމުގައި ފްރޮންޓްލައިންގައި މަސައްކަތް ކުރާ ސިއްހީ މަސައްކަތްތެރިންނަށް މެއި މަހުން ފެށިގެން 300-600 ރިންގެޓުގެ އެލަވެންސެއްދެ އެވެ. ނަމަވެސް މި އެލަވެންސްގެ އިންސާފުވެރިކަމާމެދު އޮތީ ސުވާލު އުފެދިފަ އެވެ. މެލޭޝިއާގައި ދޭ އެލަވެންސްގެ ކަންތައްވެސް އޮތީ ބޮޑު ހައިޖާނުގަނޑަކަށް ވެފައެވެ. ޕާކިސްތާނުގައި ދިން ކޮވިޑު19 އެލަވެންސް ހައްގު ނޫން ބަޔަކަށް ދިން ކަމަށް ބުނާ ވާހަކަތައްވެސް ހޫނުވި އެވެ.

އޮގަސްޓު 23، 2020: މާލޭ ސަރަހައްދުގައި ކޮވިޑް-19ގެ ކޭސްތައް އިތުރުވަމުންދާތީ މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ރޭގަނޑު 8:00އިން ފެށިގެން ފަތިހު 5:00 ވަންދެން އެއްގަމު އުޅަނދު ދުއްވަން މަނާ ކުރުން -- ސަން ފޮޓޯ -- ފަޔާޒު މޫސާ
ރާއްޖެ ފަދަ ގައުމެއްގެ އިގްތިސޯދު ނުރައްކަލުގެ ތެރޭގައި އޮތްއިރު، ބޭރުން ލޯނު ނަގައިގެން ގައުމުގެ އިގްތިސޯދު ހަމައަކަށް އެޅުވުމަށް މަސައްކަތްކުރާއިރު، އަދި ސެންޓްރަލް ބޭންކު މެދުވެރިކޮށް އޮގްތިސޯދުގައި ދައުރުކުރާ ފައިސާގެ އަދަދު އިތުރުކޮށްގެން އިގްތިސޯދު ދެމެހެއްޓުމުގެ މަސައްކަތް ކުރާއިރު، މި ދަނޑިވަޅުގައި ސިއްހީ މަސައްކަތްތެރިންގެ މަސައްކަތުުގެ އަގު ވަޒަންކޮށް ދޭ "ރިވޯޑު" ނަން ފައިނޭންޝަލް ބެނެފިޓެއްގެ ގޮތުގައި ދޭން ވިސްނުމަކީ ކުރަންޖެހޭ ކަމެކެވެ.
މިސާލަކަށް އަމއިްލަ ވިޔަފާރިތަކާއި ސަރުކާރުގެ ވިޔަފާރި ކުންފުނިތައް ގުޅިގެން މިފަދަ މަސައްކަތްތެރިންނަށް ހާއްސަ ޑިސްކައުންޓު ސްކީމުތައް ތައާރަފު ކުރެވިދާނެއެވެ. ނޫންނަމަ ފްރޮންޓްލައިން މަސައްކަތްތެރިންނާއި އެފަރާތްތަކުގެ އާއިލާތަކަށް ފައިދާވާނެ، މާލީ އިނާޔަތްތައް ނޫން އެހެން ހާއްސަ އެހެން އިނާޔަތްތައް މި ހާލަތުގައި ދޭން ވިސްނިދާނެއެވެ.
މި ވަގުތަކީ ބޮޑު ބަލިމަޑުކަމަކާއެކު މާލީގޮތުން ގައުމަށް ބޮޑު ގޮންޖެހުމެއް ކުރިމަތިވެފައިވާ ވަގުތެކެވެ. ބޮޑެތި ޝަކުވާތަކެއް ކުރިމަތިވާ ފްރޮންޓްލައިން އެލަވެންސް ދޭން ފުރަތަމަ ކަމަކަށް އިއުލާނު ކުރެވުމަކީ އޭރު އެޅުނު ނުރަނގަޅު ފިޔަވަޅެކޭ ބުނެވިދާނެއެވެ.
ގައުމުގެ އިގްތިސާދު އޮންނާނެ ކަމަށް ލަފާކުރެވުނު ހާލަތަށްވުރެ އިގްތިސޯދު މިވަނީ ގޯސްވެފަ އެވެ. ހަމަހަމަ ކަމެއް ނެތި ދޭ އެލަވެންސްގެ ޝަކުވާ އަކަށް ނިމުމެއް ނެތެވެ. އަނެއްކޮޅުން މި އެލަވެންސް ދިނުން މިހާރު ހުއްޓާލެވޭކަށްވެސް ނެތެވެ. ކޮވިޑުގެ ބަލިމަޑުކަން ފިލާ ދަންދެން މި މަސައްކަތުގައި އުޅޭ މީހުންނަށް މި އެލަވެންސް ދޭން ވަނީ ނިންމައިފަ އެވެ. ކޮންމެ މަހަކު އެތައް މިލިއަން ރުފިޔާއެއްގެ އެލަވެންސް ދޭނެ ހަކަތަ އިގުތިސާދުގައި އެބަހުރިތޯ މިއީ މިހާރު ކުރެވޭ ސުވާލެވެ.