08 Sep 2020, 13:31
އެމްއެންޑީއޭފްއާ ގުޅިގެން ކުރިއަށް ގެންދާ އޮޕަރޭޝަނަކަށް މިއަދު ރާއްޖެ އައި އިންޑިއާ އަސްކަރިއްޔާގެ ދެ ބޯޓުގެ ފޮޓޯ އާއި ވީޑިއޯ ނެގި ކަމަށް ބުނެ ބަޔަކު ހައްޔަރު ކޮށް ވީޑިއޯ ޑިލިޓް ކުރިވިކަމަށް ބުނެ ފަތުރަމުން ދަނީ ދޮގު ހަބަރެއް ކަމަށް ފުލުހުން ބުނެފި އެވެ.
މިއަދު 10:25ގައި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގައި ޖައްސާފައިވާ އިންޑިއާގެ އަސްކަރިއްޔާ ދެ ބޯޓުގެ ފޮޓޯ އާއި ވީޑިއޯ ގިނަ ފަރާތްތަކަކުން ވަނީ ސޯޝަލް މީޑިއާގައި އާންމުކޮށްފަ އެވެ.
އެ ބޯޓު ވީޑިއޯއެއް ހިއްސާ ކުރުމުން ނައިފަރު ދާއިރާގެ މެންބަރު އަހަމްދު ޝިޔާމް ވެސް ވަނީ ފުލުހުންނަށް އެފަދަ ތުހުމަތުތަކެއް ކުރައްވާފަ އެވެ. ޝިޔާމް ވިދާޅުވީ އެ ބޯޓުތަކުގެ ފޮޓޯ އާއި ވީޑިއާ ހިއްސާ ކުރިކަމަށް ތުހުމަތުކޮށް ހަނިމާދޫ ދެ ރައްޔިތަކު ހައްޔަރުކޮށް ފޮޓޯ އާއި ވީޑިއޯ ހުރިކަމަށް ބުނެ ޑިލިޓް ކުރަން އެދިފައިވާ ކަމަށެވެ. އަދި އެކަން އޭނާ ސިފަ ކޮށްފައިވަނީ އަޅުވެތިކަމެއްގެ ގޮތުގަ އެވެ.
ފުލުހުން މިއަދު ބުނީ އިންޑިއާ އަސްކަރިއްޔާގެ ދެ ބޯޓުގެ ފޮޓޯ އާއި ވީޑިއޯ ހިއްސާކުރި ކަމަށް ތުހުމަތުކޮށް ބަޔަކު ހައްޔަރުކޮށް އެ މަންޒަރުތައް ޑިލިޓް ކުރުވި ކަމަށް ބައެއް ފަރާތްތަކާއި ހަވާލާދީ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ކަމަށާއި ނަމަވެސް އެފަދަ މައްސަލައަކާއި ގުޅިގެން އެއްވެސް ފާރާތަކާއި ފުލުހުން އެއްވެސް ކަހަލަ މުއާމަލާތެއް ކޮށްފައި ނުވާ ކަމަށެވެ. އަދި އެއްވެސް މީހަކު ހައްޔަރު ކޮށްފައިނުވާނެ ކަން ވެސް ފުލުހުން ވަނީ ހާމަކޮށްފަ އެވެ.
އެމްއެންޑިއެފްއާ ގުޅިގެން ކުރިއަށް ގެންދާ އޮޕަރޭޝަނަކަށް މިއަދު ރާއްޖެ އައި އިންޑިއާ އަސްކަރިއްޔާގެ ދެ ބޯޓުގެ ތެރެއިން އެއް ބޯޓު މިއަދު ފުރާނެ ކަމަށް ދިވެހި އަސްކަރިއްޔާއިން ވަނީ ބުނެފަ އެވެ. އަދި މިމަހުގެ 16 ވަނަ ދުވަހާއި ހަމައަށް ދެވަނަ ބޯޓު ރާއްޖޭގައި އޮންނާނެ ކަމަށް ވެސް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.