09 Sep 2020, 07:38
ޒުވާން އެކްޓަރު ސުޝާންތު ސިންހް ރާޖުޕޫތު އަމިއްލަ މަރުވުމުގައި ހިއްވަރު ދިން ކަމުގެ ދައުވާ އޭނާގެ ދައްތަމެއް ކަމަށްވާ ޕްރިޔަންކާ ސިންހް އާއި މީތޫ ސިންހްގެ މައްޗަށް މުމްބާއި ފުލުހުން އުފުލައިފި އެވެ.
މުމްބާއި ފުލުހުން ހުށަހަޅާފައިވާ އެފްއައިއާރުގައި ބުނެފައިވަނީ އެ ދެމީހުންގެ މައްޗަށް ދައުވާކޮށްފައި ވަނީ ސުޝާންތު ގެންގުޅުން ބޭސްތަކެއް ގެންގުޅުމުގައި އަމަލުކޮށްފައިވާ ގޮތްތަކާ ގުޅިގެން ކަމަށެވެ. އެހެންނަމަވެސް އެ މައްސަލައިގައި އިތުރު މައުލޫމާތެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.
ސުޝާންތުގެ މަރާ ގުޅިގެން ބައެއް މީހުން ހައްޔަރުކޮށް ތަފާތުވާ މީހުންގެ މައްޗަށް ދަނީ އެކި ކަހަލަ ދައުވާ ކުރަމުންނެވެ. އެގޮތުން ވެސް އެންމެ ބޮޑު ސަމާލުކަމެއް އޮތީ ސުޝާންތު ކުރީން ރަށްޓެހިވެގެން އުޅުނު ރިއާ ޗަކްރޮބަތީ އަށެވެ.
ރިއާ ދަނީ އެކި ފަރާތްތަކަށް ގިނަ ތުހުމަތުތަކެއް ވެސް ކުރަމުންނެވެ. އެގޮތުން ދާދި ފަހުން ފުލުހަށް ހާޒިރުވެ ރިއާ ވަނީ ދިއްލީގެ ރާމް މަނޯހަރު ލޯހިއާ ހޮސްޕިޓަލުގެ ޑރ. ކަމަށްވާ ތަރުން ކުމާރާ ދެކޮޅަށް ތުހުމަތުތަކެއް ކޮށްފަ އެވެ.
އޭނާ ބުނި ގޮތުގައި ސުޝާންތުގެ ދައްތަ ޕްރިޔަންކާ ވަނީ ޑރ. ތަރުން ލައްވައި ސުޝަންތައް ބޭސް ހޯދުމަށް ފޯޖްކޮށްފައި ކަމަށާއި އެކަންތައް ކޮށްފައިވަނީ ޑރ. ތަރުންއަށް އެނގިގެން ކަމަށް ވެސް ރިއާ ބުނެ އެވެ.
ފުލުހުން ވަނީ ދާދި ފަހުން ސުޝާންތު މަރުވިއިރު އެގޭގައި މަސައްކަތްކުރި ހައުސް ކީޕާ ދިޕޭޝް ސާވަންތު ހައްޔަރުކޮށްފަ އެވެ.
ސުޝާންތުގެ މަރުގެ ތަހުގީގުގެ ދަށުން އޭނާ ހައްޔަރުކުރި އިރު އިއްޔެ ވަނީ ރިއާ ޗަކްރަބޯޓީ ހައްޔަރުކޮށް 13 ދުވަހުގެ ބަންދު ޖަހައިފަ އެވެ. ހުކުރު ދުވަހު ވަނީ ރިއާ ޗަކްރަބޯޓީގެ ކޮއްކޮ ޝޮވިކް ޗަކްރަބޯޓީ އާއި ސުޝާންތުގެ ހައުސް ކީޕިން މެނޭޖަރު ސެމިއުލް މިރަންޑާ ވެސް ހައްޔަރުކޮށްފަ އެވެ. އަދި ކޯޓުން އެދެމީހުންނަށް ވަނީ ހަތަރު ދުވަހުގެ ބަންދެއް ދީފަ އެވެ.