14 Jan 2012, 14:05
ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އަށާއި ވިޔަފާރީގެ ދާއިރާ އަށް ހިދްމަތްތަކެއް ކުރައްވާފައިވާ ކަނޑި އަހުމަދު އިސްމާއީލް މަނިކު އަވަހާރަވެއްޖެ އެވެ.
ކަނޑި އަހުމަދު އިސްމާއީލް މަނިކު އަވަހާރަވީ، އާލަސްކަންފުޅާ އުޅުއްވާތާ ދުވަސްކޮޅެއްވުމަށް ފަހު ސްރީލަންކާގެ ނަވަލޯކާ ހޮސްޕިޓަލުގައި މިއަދު ހެނދުނު އެވެ.
ރައީސް އޮފީހުން ބުނީ އެ ޚަބަރު ލިބިވަޑައިގަތުމާ ގުޅިގެން ކަނޑި އަހުމަދު އިސްމާއީލް މަނިކުގެ އަނބިކަނބަލުން، ނިޝާން އިއްޒުއްދީނުގެ އިއްޒަތްތެރި ވެރިޔާ މުއުމިނާ ހަލީމަށް ރައީސް މިއަދު ހެނދުނު ފޯނުން ގުޅުއްވައި އެ ޚަބަރު އެއްސެވީ ވަރަށް ފުން ހިތާމައާ އެކުގައި ކަމަށް ވިދާޅުވެ، މުއުމިނާ ހަލީމަށާއި ބޭފުޅުންނަށާއި އާއިލާ އަށް ވަރަށް އިހުލާސްތެރިކަމާ އެކު ތައުޒިޔާ ވިދާޅުވެފައިވާ ކަމަށެވެ.
އަދި ކަނޑި އަހުމަދު އިސްމާއީލް މަނިކު، ދިވެހި ސަރުކާރަށާއި ރައްޔިތުންނަށް ކޮށްދެއްވާފައިވާ އިހުލާސްތެރި ހިދުމަތްތަކުގެ އަގު ސަރުކާރުން ވަޒަން ކުރައްވާ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ.
ކަނޑި އަހުމަދު އިސްމާއީލް މަނިކު އަވަހާރަވުމާ ގުޅިގެން، ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ރައީސްގެ ފަރާތްޕުޅުން ހާއްސަ މަންދޫބަކު ސްރީލަންކާއަށް ފޮނުއްވުމަށް ރައީސް ހަމަޖައްސަވާފައިވާ ކަމަށާއި އެގޮތުން ރައީސްގެ ހާއްސަ މަންދޫބެއްގެ ގޮތުން ޖަނާޒާގައި ބައިވެރިވެވަޑައިގެންނެވުމަށް، ވަޑައިގެންނަވާނީ މިނިސްޓަރު އޮފް ޓޫރިޒަމް އާޓްސް އެންޑް ކަލްޗާ ޑރ. މަރިޔަމް ޒުލްފާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެކަމަނާ މިރޭގެ ވަގުތެއްގައި ސްރީލަންކާއަށް ވަޑައިގަންނަވާނެ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ. މަރްހޫމް ކަނޑި އަހުމަދު އިސްމާއީލް މަނިކަކީ، 1972 ވަނަ އަހަރު ރާއްޖޭގެ ފަތުރުވެރިކަން ފެށުނީއްސުރެ، ފަތުރުވެރިކަމުގެ ދާއިރާގައި ހިދްމަތް ކުރައްވަމުން އަންނަ ބޭފުޅެކެވެ. އަދި 1972 ވަނަ އަހަރު ޓޫރިޒަމް ފެށުނުއިރު، މާލެއަތޮޅު ބަނޑޮސް ތަރައްޤީ ކުރެއްވުމުގެ މަސައްކަތުގައި އެންމެ އިސް ބޭފުޅެއްގެ ގޮތުން 1974 ވަނަ އަހަރާ ހަމައަށް މަސައްކަތްޕުޅު ކުރެއްވި އެވެ.
އަދި 1974 ން 1976 އާ ހަމައަށް މާލެ އަތޮޅު ވިލިނގިލީ ރިޒޯޓުގެ މެނޭޖަރެއްގެ ގޮތުގައި ހުންނެވުމަށް ފަހު، 1976 ގައި ސަރުކާރުން ވިލިނގިލި ކުއްޔަށް ދެއްވަން ނިންމެވުމާ ގުޅިގެން، ވިލިނގިލި ކުއްޔަށް ހިއްޕަވައި އެތަން ތަރައްޤީ ކުރައްވައި 1979 ވަނަ އަހަރާ ހަމައަށް އެ ރިޒޯޓު ހިންގެވި އެވެ. މީގެއިތުރުން މާލެއަތޮޅު އެނބޫދޫ، ރިޒޯޓަކަށް ތަރައްޤީ ކުރެއްވުމުގެ މަސައްކަތްވެސް ކުރެއްވި އެވެ.
"ކައިމޫ ޓްރެވަލްސް އެންޑް ހޮޓެލް ސާވިސަސް ޕްރައިވެޓް ލިމިޓެޑް"ގެ ނަމުގައި ކުންފުންޏެއް އުފައްދަވައި، އެކި ރިޒޯޓުތަކާއި ހޮޓާތައް ގެންދަވަނީ ހިންގަވަމުންނެވެ. ރާއްޖެއަށް ފަތުރުވެރިކަން ތައާރުފު ކުރެއްވި ބޭފުޅެއްގެ ހައިޝިއްޔަތުން އެކަން ފާހަގަކުރައްވައި މިނިސްޓްރީ އޮފް ޓޫރިޒަމުން ދެއްވި އެވޯޑު 1997 ވަނަ އަހަރު ކަނޑި އަހުމަދު އިސްމާއީލް މަނިކަށް ވަނީ ލިބިވަޑައިގެންފަ އެވެ.
އަދި ފަތުރުވެރިކަމުގެ ދާއިރާއިން އާންމު ހިދްމަތުގެ ހިތްވަރު ދިނުމުގެ އިނާމު 1997 ވަނަ އަހަރު އަދި އެ ރޮނގުން ޝަރަފުވެރިކަމުގެ އިނާމު 2005 ވަނަ އަހަރު ކަނޑި އަހުމަދު އިސްމާއީލް މަނިކަށް ވަނީ ލިބިވަޑައިގެންފަ އެވެ.