ކަނޑުފޭރޭ މީހުންގެ އުނދަގުލާ ހެދި މާލޭ ފަޅުގައި ނުފުރިފައި އޮތް އެމެރިކާގެ ޕެސިންޖަރުލައިން 12 ދުވަސް ފަހުން ފުރައިފި އެވެ.

އެ ފެސިންޖަރުލައިންގެ ލޯކަލް އޭޖެންޓް، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އޭގެންޓް ]މާޔާ[ގެ އޮފިޝަލަކު މިއަދު ވިދާޅުވީ މިދިޔަ ޑިސެމްބަރު މަހުގެ 29 ގައި ރާއްޖެ އައި އެ ޕަސެންޖިރު ލައިން ފުރީ މި މަހުގެ 10 ވަނަ ދުވަހު ކަމަށާއި އެ ބޯޓް ފުރީ އެމެރިކާގައި ހުންނަ އެޖެންޓް ބޯޓަށް ސެކިއުރިޓީ ހަމަޖައްސައިދިނުމުން ކަމަށެވެ. އަދި ވިދާޅުވީ ރާއްޖޭގެ ސަރަހައްދުން ބޯޓް ނުކުތުމަށް ފަހު ކަނޑުފޭރޭ މީހުންގެ ނުރައްކާ ބޯޓަށް ކުރިމަތިވެދޭނެ ކަމަށް ލަފާކުރެވޭ ސަރަހަދުން ފެށިގެން ސެކިއުރިޓީން ބޯޓް އޯވާޓޭކް ކުރާނެ ކަމަށެވެ.

"ބޯޓުން ސެކިއުރިޓީ ބޭނުންވާ ހިސާބުން ފެށިގެން ސެކިއުރިޓީން ހަވާލުވާނެ، އެއީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރުވީމާ ދެން އެމީހުން ބޯޓް ޓޭކް ކުރާނެ،" އޮފިޝަލް ވިދާޅުވި އެވެ.

މިބޯޓްގެ މަންޒިލަކީ ސީސެލްސް ކަމުގައިވާ އިރު އެބޯޓަށް ނުފުރި މާލޭގައި ބަނދަރުކޮށްފައި އޮތް އިރު ބޯޓްގެ ޕަސެންޖަރުންތައް ވަނީ ވައިގެ މަގުން ސީސެލްސް އަށް މީގެ ހަފްތާއެއް ކުރިން ފޮނުވާލާފަ އެވެ.