08 Sep 2020, 11:12
އަންކަރާ (ސެޕްޓެމްބަރު 7):ތުރުކީގެ އިސްތަންބޫލްގައިހުރި ސައޫދީ އަރަބިޔާގެ ކޮންސިއުލޭޓް ތެރޭގައި އެގައުމުގެ އިދިކޮޅު ލިޔުންތެރިއެއް ކަމަށްވާ ޖަމާލްއަލްޚާޝުގްޖީ 2017 ވަނަ އަހަރު ވަރަށް އަނިޔާވެރި ގޮތަކަށް މަރާލި ޖަރީމާގެ ޝަރީޢަތް ސައޫދީ ކޯޓުތަކުން ގެންދިޔަ ގޮތަށް ތުކުރީއާއި އދ. އިން ވަރަށް ބޮޑަށް ފާޑުކިޔައިފި އެވެ.
ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އެރުދުޣާންގެ އޮފީހުން ބުނީ ޚާޝުގްޖީގެ ގާތިލުންގެ ފަހަތުގައިތިބި މީހުން ގެ މައްޗަށް ޝަރީއަތް ނުހިންގައި އެކަމުގައި ހިމެނޭ ނިކަމެތި ފަރާތްތަކުގެ މައްޗަށް ޝަރީއަތް ހިންގައި މައްސަލަ ނިންމައި ކްލޯޒް ކޮށްލުމަކީ އިންސާފު ނޫންކަމުގައެވެ.
ތުރުކީގެ ރިޔާސަތުގެ މަސްއޫލުވެރިއެއްކަމަށްވާ ފަޚްރުއްދީން އެލްތޮން ސައޫދީ ސަރުކާރަށް ގޮވާލެއްވީ އެގަތުލު ހިންގުމުގެ ފަހަތުގައިވާ ފަރާތްތަކުގެ މައްޗަށް ތަހުގީގު ހިންގައި ހަގީގަތް ހާމަކޮށް އެފަރާތްތަކުގެ މައްޗަށް ދައުވާކޮށް ޚާޝުގްޖީގެ އާއިލާއަށް އިންސާފު ހޯދައި ދިނުމަށެވެ. އަދި ޚާޝުގްޖީގެ ގަތުލުގެ މައްސަލާގައި ތުރުކީން ހިންގާ ތަހުގީގް ތަކަށް އެއްބާރުލުން ދިނުމަށެވެ. އަދި ޚާޝުގްޖީ މަރާލުމަށްފަހު އޭނާގެ ހަށިގަނޑަށް ހެދިގޮތްވެސް ސައުދީ ސަރުކާރަށް އެނގޭނެކަމަށާ އެކަން ފޮރުވުމުގެ ބަދަލުގައި ސާފުކޮށްދިނުމަށްވެސް ތުރުކީގެ މަސްއޫލުވެރިޔާ ސައޫދީ ސަރުކާރަށް ގޮވާލެއްވިއެވެ.
ޝަރުޢީ ދާއިރާއިން ބޭރުގައި ހިންގާ ގަތުލުތަކާބެހޭ އދ. ގެ ޚާއްސަ މުގައްރިރު އަގްނެސް ކަލަމާޑް ވަނީ ސައޫދީ ކޮންސިއުލޭޓް ތެރޭގައި ޚާޝުގްޖީ މަރާލި ޖަރީމާގެ ޝަރީޢަތް ސައޫދީ ކޯޓުތަކުން ގެންދިޔައީ ވަރަށް ލަދުވެތި ގޮތަކަށް ކަމަށާ އެއީ އިންސާފާބެހޭ ޝަރުޢީ އެއްވެސް މިންގަނޑަކަށް ނުފެތޭ ޝަރީއަތެއްކަމަށް ސިފަކުރައްވާފައެވެ. ސައޫދީން ކުރިޔަށްގެންދިޔަ ތަހުގީގާއި ދައުވާ ބިނާކޮށްފައިވަނީ ޚާޝުގްޖީ ގެ ގަތުލުގެ ފަހަތުގައިވާކަމަށް ތުހުމަތު ކުރެވޭ ސައޫދީ އިސްމަސްއޫލުވެރިން ސަލާމަތްވާގޮތަށް ކަމަށްވެސް ކަލަމާޑް ސިފަކުރެއްވިއެވެ.

އަގްނެސް ކަލަމާޑް
ޚާޝުގްޖީ ގެ މަރާލުމުގެ ފަހަތުގައި ހުންނެވީ ސައޫދީ ގެ ބާރުގަދަ މީހާގެ ގޮތުގައި ސިފަކުރެވޭ އެގައުމުގެ ވަލީއުލްއަހްދު މުހައްމަދު ބިން ސަލްމާން ކަމަށް ތުރުކީގެ އިތުރުން އދ. ންނާ އަދި އެމެރިކާގެ ޖާސޫސީ އިދާރާ (ސީއައިއޭ) އިންވެސް ނުސީދާ ގޮތެއްގައި ތުހުމަތު ކުރެއެވެ. މިމައްސަލާގައި ތަހްގީގް ހިންގައި އަދި ދައުވާކޮށްފައިވަނީ އެޖަރީމާ ތަންފީޒު ކުރުމުގައި އަމަލީގޮތުން އުޅުނު މީހުންގެ ތެރެއިންވެސް ބައެއް މީހުންގެ މައްޗަށްކަމަށް އެފަރާތްތަކުން ދެކެއެވެ.
ޚާޝުގްޖީގެ މަރުގެ މައްސަލަ ސައޫދީން އަމިއްލައަށް ތަހުގީގް ކުރުމަށްފަހު ޖިނާއީ ކޯޓަށް ހުށަހެޅި ދައުވާގެ ހުކުމްތައް އިއްޔެ އިއްވާފައިވާއިރު ކުށް ސާބިތުވެގެން ހުކުމް އިއްވާފައިވަނީ އޭގެތެރެއިން 8 މީހެއްގެ މައްޗަށެވެ. އެ 8 މީހުންނަކީ ޚާޝުގްޖީ މަރާލުމުގެ ޖަރީމާ އަމަލީގޮތުން ތަންފީޒު ކުރި މީހުންކަމަށްވިޔަސް އެމީހުންގެ މައްޗަށް އިއްވާފައިވަނީ ޖަލު ހުކުމެވެ. މަރުގެ ހުކުމެއް ނޫނެވެ.
ފަސް މީހެއްގެ މައްޗަށް ވަނީ 20 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު ބާކީ ތިބި ތިން މީހުންގެ ތެރެއިން އެކަކަށް 10 އަހަރުގެ ޖަލު ހުކުމެއް އިއްވި އިރު ދެމީހަކަށް ވަނީ 7 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. މި ހުކުމަށްފަހު ސައޫދީ ޕަބްލިކް ޕްރޮސެކިއުޝަނުން ބުނެފައިވަނީ ޚާޝުގްޖީގެ މަރުގެ މައްސަލައިގެ ޕަބްލިކް އަދި ޕްރައިވެޓް ކޭސްތައް މިހާރު ބަންދުކޮށްފައިވާ ކަމުގައެވެ. ސައޫދީ އަކީ މަރަށް މަރުހިފާގޮތަށް ޝަރީއަތް ހިންގާ ގައުމެއް ނަމަވެސް ޚާޝުގްޖީ މަރާލުމުގައި އަމަލީގޮތުން ބައިވެރިވި މީހުންގެ ތެރެއިން އެކަން ސާބިތުވި މީހުންގެ މައްޗަށްވެސް މަރުގެ ހުކުމް އިއްވާފައެއް ނުވެއެވެ.
ޚާޝުގްޖީއަކީ ސައޫދީ ސަރުކާރަށް ސިޔާސީގޮތުން ފާޑު ވިދާޅުވާ ބޭފުޅަކެވެ. އިސްތަންބޫލްގައިހުރި ސައޫދީ ކޮންސިއުލޭޓް ތެރޭގައި އޭނާ މަރާލާފައިވަނީ ސައޫދީ ސަރުކާރުގެ ވަރަށް އިސްފަރާތްތަކުން ދުރާލައި ރާވައިގެން އެޖަރީމާ ހިންގުމަށްޓަކައި މަރާމީހުންގެ ޓީމެއް ސާމާނާއެކު ސައޫދީ ސަރުކާރުގެ ޚާއްސަ ޖެޓެއްގައި އިސްތަންބޫލަށް ފޮނުވައިގެންކަމާއި އެކަން ސައޫދީ ސަރުކާރުން ކުރީ ޑިޕްލޮމެޓިކް އިމްތިޔާޒުތަކުގެ ބޭނުން ހިފައިގެންކަން ތުރުކީންނާއި އދ. ންނާ އަދި ސީއައިއޭން ހިންގި ތަހްގީގް ތަކުން ހާމަވެފައިވެއެވެ.
ޚާޝުގްޖީގެ ގަތުލު ރާވައި ހިންގުމުގެ ފަހަތުގައިވާ އިސް މޭސްތިރިއަކީ ސައޫދީ ވަލިއުލްއަހްދު މުހައްމަދު ބިން ސަލްމާން ކަމަށްވެސް އެފަރާތްތަކުން ނުސީދާ ގޮތެއްގައި ތުހުމަތު ކުރެއެވެ. ތުރުކީ ހިންގި ތަހްގީގްތަކުން ވަނީ ޚާޝުގްޖީ މަރާލީ ދިރިހުއްޓައި އޭނާގެ ހަށިގަނޑު ކަރަންޓް ކީހަކުން ބުރިކޮށްގެންގެންކަމާއި އޭނާގެ ހަށިގަނޑުގެ ބުރިކޮށްފައިވާ ބައިތައް އެސިޑް ބޭނުންކޮށްގެން ގިރުވާލުމަށްފަހު ނަރުދަމާގެ ނިޒާމުގެ ތެރެއިން ނައްތާލިކަމުގެ ހެކި ލިބިފައެވެ. އަދި ކަށިތައް ކުދުކުދި ކުރުމަށްފަހު ވަޅުލާފައިވަނީ ތުރުކީގެ އަނަތޯލިޔާގެ ޖަންގަލީގެ ހިސާބެއްގައި ކަމާއި އެކަން ކޮށްފައިވަނީ ޑިޕްލޮމެޓިކް ވެހިކަލްތައް ބޭނުން ކޮށްގެން ކަމަށްވެސް ތަހްގީގްތަކުން ހާމަވާކަމަށް ތުރުކީގެ މަސްއޫލުވެރިން ވިދާޅުވެފައިވެއެވެ.
މި ޖަރީމާއާ ގުޅިގެން ސައޫދީގެ އަގު އިސްލާމީ ދުނިޔޭގައި ވެއްޓުމުގެ އިތުރުން ސައޫދީ ސަރުކާރުން ހުރިހާ ކަމެއްގައި ބަރޯސާވާ އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުގައިވެސް ވަރަށް ބޮޑަށް ވެއްޓިގެންގޮސްފައިވާ ކަމަށް ނޫސްރިޕޯޓްތައް ބުނެއެވެ. (ނޫސްއެޖެންސީތައް)