08 Sep 2020, 09:51
މޮސްކޯ (ސެޕްޓެމްބަރު 8): ރަޝިއާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ ކޯމާއެއްގައި އޮންނަތާ ދުވަސްކޮޅެއްވީ ފަހުން މިހާރު ހޭ އަރައިފި ކަމަށް އޭނާއަށް ފަރުވާ ދޭ ޑޮކްޓަރުން ވިދާޅުވެއްޖެ އެވެ.
ޖަރުމަނުގެ ބާލިންގައި ނަވަލްނީއަށް ފަރުވާ ދޭ ހޮސްޕިޓަލުން ބުނި ގޮތުގައި ވެންޓިލޭޓަރާ ގުޅާފައި އޮތް ނަވަލްނީއާ ވާހަކަ ދެއްކުމުން އޭނާއަށް އެކަން ދެނެގަނެވެ އެވެ. އަދި އޭނާގެ ހާލު ދަނީ ރަނގަޅުވަމުންނެވެ.
ނަވަލްނީގެ ތަރުޖަމާނު ކިރާ ޔަރުމީޝް ވިދާޅުވި ގޮތުގައި ޑޮކްޓަރުން ދެން ބަލާނީ ވެންޓިލޭޓަރާ ނުލައި އޭނާއަށް އޮވެވޭ ގޮތް ހެދުމަށެވެ.
އުމުރުން 44 އަހަރުގެ ނަވަލްނީއަށް ކުއްލި ފަރުވާ ދޭން ޖެހުނީ މިދިޔަ މަހުގެ 20ގައި ސައިބީރިއާއިން މޮސްކޯއަށް ދިޔަ ފްލައިޓެއްގައި ހުންނަވަނިކޮށް ހޭނެތުމުންނެވެ. އޭގެ ފަހުން އޭނާ ޖަރުމަނަށް ގެންދިޔައީ ސައިބީރިއާގެ އޮމްސްކްގެ ހޮސްޕިޓަލެއްގައި ދެ ދުވަހަށް ފަރުވާ ދިނުމަށް ފަހު އެވެ.
ޖަރުމަނުން ނަވަލްނީއަށް ފަރުވާ ދިން ޑޮކްޓަރުން ބުނި ގޮތުގައި އޭނާއަށް ވިހަ ދީފައިވާކަން ޓެސްޓުތަކުން އެނގެ އެވެ. އަދި އެގައުމުގެ ސަރުކާރުން ވަނީ ނަވަލްނީއަށް ދީފައި ވަނީ ނޮވިޗޮކް ގުރޫޕުގެ ކެމިކަލް ނާވް އޭޖެންޓެއް ކަމަށާއި އެކަމާ ބެހޭ މައުލޫމާތު ރަޝިއާއިން ދިނުމަށް ގޮވާލާފަ އެވެ.
އޭގެ ފަހުން މިދިޔަ ހޯމަ ދުވަހު ރަޝިއާގެ ސަރުކާރުގެ ތަރުޖަމާނަކު ވަނީ އެ މައްސަލައިގައި ރަޝިއާ ކުށްވެރި ކުރުމަކީ ތާކުންތާކު ނުޖެހޭ ކަމެއް ކަމަށް ވިދާޅުވެފަ އެވެ.
ސޯވިއެޓް ޔޫނިއަންއިން 1980ގެ އަހަރުތަކުގެ ތެރޭގައި، ފިނި ހަނގުރާމައިގެ ދުވަސްވަރު އުފެއްދި ނޮވިޗޮކް ކެމިކަލް ހަތިޔާރަކީ 2018 ވަނަ އަހަރު އިނގިރޭސިވިލާތުގައި ރަޝިއާގެ ކުރީގެ ޖާސޫސެއް ކަމަށްވާ ސާގީ ސްކްރިޕަލް އާއި އޭނާގެ ދަރިފުޅަށް ހަމަލާ ދޭން ބޭނުން ކުރި ކެމިކަލް ކަމަށް އިނގިރޭސިން ބުނެ އެވެ.