08 Sep 2020, 08:08
ޔުކުރެއިން/ އޭޕީ (ސެޕްޓެމްބަރު7) --- ބެލަރޫސްގައި މިހާރު ކުރިއަށްދާ މުޒާހަރާތައް ފުޅާވެ އެގައުމުގެ ރައީސް އެލެކްޒެންޑްރާ ލުކަޝެންކޯގެ އިސްތިއުފާ ދިނުމަށް އެދި އެގައުމުގެ 100،000 އަށް ވުރެ ގިނަ މީހުން މަގުތަކަށް ނިކުމެއްޖެ އެވެ.
ބެލަރޫސްގައި އެންމެ ފަހުން ބޭއްވި އިންތިހާބްގައި މިހާރުގެ ރައީސް ކާމިޔާބުކުރެއްވީ ވޯޓު އޮޅުވާލައިގެންކަމަށް އެތައް ބަޔަކު ދަނީ ބުނަމުންނެވެ. އެ މައްސަލާގައި އެގައުމުގެ ރައްޔިތުން މުޒާހަރާތައް ކުރަމުންދާތާ މިހާރު މިއީ ފަސް ވަނަ ހަފްތާ އެވެ.
ލުކަޝެންކޯގެ ބެލަރޫސްގެ ވެރިކަން 1994 އިން ފެށިގެން ދަނީ ކުރައްވަމުންނެވެ.
ބެލަރޫސްގެ އިންޓީރިއާ މިނިސްޓރު އޮލްގާ ޗެމަޑޮނޯވާ ވިދާޅުވީ މުޒާހަރާތައް ކުރަމުންދަނީ ބޮޑެތި ސިޓީތަކުގައި ކަމަށެވެ. ވިއެސްނާ ހިއުމަން ރައިޓްސް އޯގަނައިޒޭޝަންގެ ހެޑް އެލެސް ބިއެލިއާޓްސްކީ ވިދާޅުވީ ބެލަރޫސްގެ މިންސްކްގައި ލައްކައެއްހާ މީހުން މުޒާހަރާއަށް ނިކުމެފައިވާ ކަމަށެވެ.
މުޒާހަރާކުރާ މީހުންނާ ދެކޮޅަށް ބެލަރޫސްގެ ސިފައިން ދަނީ ވަރަށް ބޮޑަށް ބާރުގެ ބޭނުން ވެސް ކުރަމުންނެވެ. އެގޮތުން 7000 މީހުން މިހާރު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.
ބެލަރޫސްގެ އިދިކޮޅުން އެކުލަވާލައިފައިވާ ކޯޑިނޭޝަން ކައުންސިލްގެ ލީޑަރު މަރީއާ ކޮލެސްނިކޯވާ ވިދާޅުވީ ފުލުހުން ކިތަންމެ ގިނައިން ވޯޓާ ކެނޮންއާއި ހަތިޔާރު ބޭނުންކޮށް މީހުން ހައްޔަރުކުރި ނަމަވެސް މުޒާހަރާތަކަށް މީހުން ނުކުތުން ނުހުއްޓުވޭނެ ކަމަށެވެެ.--އޭޕީ--