14 Jan 2012, 13:17
ދައުލަތަށާއި ސަރުކާރަށް ނިސްބަތްވާ ގޮތަށް ރައްޔިތު މީހާ ދައްކަވާ ވާހަކަތައް ތަހްގީގު ކުރުމަށް ވުރެ މިއަދު ސަރުކާރުން ބަލަން ޖެހޭ މުހިންމު ކަންތައް އެބަހުރި ކަމަށް ރައްޔިތުން މަޖިލީހުގެ ފުވައްމުލަކު މެދުދާއިރާގެ މެންބަރު ޝިފާގު މުފީދު ވިދާޅުވެއްޖެ އެވެ.
ސަރުކާރު ހިންގާ އެމްޑީޕީގެ މެންބަރު ޝިފާގު ރާއްޖެ އިން ބޭރުގައި ހުންނަވައިގެން ސަން އަށް ދެއްވި އިންޓަވިއުއެއްގައި، ގައުމީ ޕާޓީގެ ބައެއް މެންބަރުން ފުލުސް އޮފީހަށް ހާޒިރު ކުރެއްވި މައްސަލައަށް އިޝާރާތް ކުރައްވައި ޝިފާގު ވިދާޅުވީ ދައުލަތުގެ އެންމެ އިސް ފަރާތަކީ ރައްޔިތުން ކަމަށްވާ އިރު ރައްޔިތުންގެ ހައްގުތައް ހިމާޔަތް ކުރުމަށް ވުރެ އިސްކަންދޭން ޖެހޭ ކަމެއް އޮންނާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
"އަޅުގަނޑުމެނަށް މިއަދު މި ފެންނަނީ އާ މައްސަލަތަކެއް ނެރިގެން ތަހްގީގު ކުރުމަށް މަސައްކަތް ކުރާތަން. އިއްޔެ ވިހޭ ކުއްޖެއް މިއަދު ނުހިނގައިގެން އެކަމާ ކަންބޮޑުވެގެން އުޅޭކަހަލަ މަންޒަރެއް. ސިޔާސީ ފަރާތަކުން ދައްކާ ވާހަކަތަކާ ގުޅިގެން އެ މީހުންގެ ތަހްގީގު ކުރުމަށް ދައުލަތުގެ އެންމެ އިސްފަރާތް ކަމަށްވާ ރައީސުލްޖުމްހޫރިއްޔާ މަސައްކަތް ކުރައްވާތަން. ރައްޔިތުންތަކެއްގެ ހައްގުތައް ހިމާޔަތްކުރުމަށް ސަރުކާރުން ބަލަން ޖެހޭ ކަންކަން އެބަހުރި،" ޝިފާގު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެތައް އަހަރުތަކެއް ވެފައި ހުރި މައްސަލަތައް ޕީޖީ އޮފީހުގައި ކުރިއަށް ނުގޮސް ހުރި ކަމަށާއި ސަރުކާރާ ދެކޮޅަށް ރައްޔިތު މީހާ ދައްކާ ވާހަކަތައް ތަހުގީގު ކުރުމަށް ވުރެ، އެ ކަންކަން އަވަސް ކުރުން މާ އަވަސް ކުރުން މާ ރަނގަޅުވާނެ ކަމަށެވެ.
"މީގެ 28 އަހަރު ކުރިން ތުހުމަތެއްގައި ހައްޔަރު ކުރިން ފުވައްމުލަކު މީހަކު މަރުވެ ދިޔައީ ޖަލުތެރޭގައި. އޭގެ ސަބަބުން ދެ ކުދިން ޔަތީމްވެގެން ދިޔައީ. އޭނަގެ މައްޗަށް ކުރެވުނު ތުހުމަތު ތަކަށްވީ ގޮތެއް ނޭނގޭ. އެ މައްސަލަ އަށްވީ ގޮތް އެމީހާގެ އާއިލާ އަށް އެނގެން އެބަ ޖެހޭ. މި ކަހަލަ ކަންތައްތަކެއް ހުރި އިރު މިކަން ކަމަށް އިސްކަން ނުދީ ކޮން ކަމަކާތޯ މި އުޅެނީ،" ޝިފާގު ސުވާލު ކުރެއްވި އެވެ. "ރައްޔިތުންގެ ހައްގުތައް ހިމާޔަތް ކުރުން ނޫންތޯ މިއަދު އިސްކަން ދޭންވީ. ސަރުކާރަށް ފާޑުކިޔާ ފަރާތްތަކުގެ ތަހްގީގުތޯ މިއަދު ނުކުރެވި އޮތީ،" އޭނާ ވިދާޅުވި އެވެ.
ސާބިތު ނުހިފޭ ވާހަކަ ދައްކަވާ ކަމަށް ބުނެ، ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އަންގަވައިގެން ގައުމީ ޕާޓީގެ ނައިބު ލީޑަރު ޑރ. މުހައްމަދު ޖަމީލު އަހުމަދާއި އެ ޕާޓީގެ ކައުންސިލް މެންބަރު ސަންދާނު އަހައްމައިދީ ފުލުސް އޮފީހަށް ހާޒިރުކޮށްފައިވާ އިރު ސަންދާނު އަހައްމަދީ އާއި ގައުމީ ޕާޓީގެ ނައިބު ލީޑަރު އަބްދުލް މަތީން މުހައްމަދު ވަނީ ހައްޔަރުކުރުމަށް ފަހު ދޫކޮށްލާފަ އެވެ.