08 Sep 2020, 00:28
ގދ. ހޯނޑެއްދޫއިން ކޮވިޑް-19ގެ ޕޮޒިޓިވް ކޭސްތަކެއް ފެނި އެރަށުގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ފަށައި މިހާތަނަށް ނެގި ސާމްޕަލްތަކުން ބަލީގެ އަލާމާތްތައް ހުރި 60 މީހަކު ފެނިފައިވާ ކަމަށް ހެލްތު އިމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފިއެވެ.
ހޯނޑެއްދޫއިން ފުރަތަމަ ކޭސް އެއް ފެނިިފައިވަނީ މި މަހުގެ ތިންވަ ވަނަ ދުވަހުގައެވެ. އެ ދުވަހު ހަތަރު ކޭސްއެއް ފެނުނުއިރު އިތުރު ދެ ކޭސް އެއް ވަނީ ހަތަރު ވަނަ ދުވަހުގައެވެ. ދެން އަނެއްކާ ފަހުން ފެނުނު ދެ ކޭސްއާ ގުޅުންހުރި 19 ކޭސް އެއް ވަނީ ފަސް ވަނަ ދުވަހު ފެނިފައެވެ.
އެޗްއީއޯސީއިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ އެރަށުން ފެނުނު 21 ކޭސްގެ ކޮންޓެކްޓުންގެ ގޮތުގައި 111 މީހަކު ފާހަގަކުރެވިފައިވާ ކަމަށެވެ.
"މީގެތެރޭގައި ބަލީގެ އަލާމާތްތައް ހުރި 60 މީހެއް ހިމެނޭ. އޭގެތޭރެގައި އުމުރުން 50 އަހަރުން މަތީގެ ހަ ފަރާތެއް. އަދި އެއް އަހަރުން ދަށުގެ ދެ ކުދީން ހިމެނޭ،" ޑރ. ނަޒްލާ ވިދާޅުވިއެވެ.
އެ 111 ކޮންޓެކްޓުން މިހާރު ކަރަންޓީނުކޮށް ސާމްޕަލް ނަގައި ޓެސްޓު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ޑރ. ނަޒްލާ ވިދާޅުވީ ކޮވިޑް-19 ކޭސްތަކެއް އެރަށުން ފެނުމުން ވަނީ ރަށުގައި ފިޔަވަޅުތަކެއް އަޅާފައި ކަމަށެވެ.
އެގޮތުން ހޯނޑެއްދޫއާ ކޯސްވޭ އަކުން ގުޅިފައިވާާ ތިނަދޫގައިވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު ތިނަދޫގައި ހުންނަ ސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ޓީމުން ދަނީ ދެރަށުގައި މަސައްކަތް ކުރަމުން ކަމަށް އޭނާ ވިދާޅުވިއެވެ.
އެރަށަށް ބަލި ދިޔައީ ކިހިނެއްތޯ ބެލުމުގެ މަސައްކަތް ކުރަމުންގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ.