މިއަދު ވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވީ 83 މީހުން ކަމަށް އެޗްޕީއޭ އިން ބުނެފިއެވެ.

މި ފަހުން ވަނީ ޕޮޒިޓިވްވި މީހުންގެ އަދަދު 100 އިން ދަށްވާން ފަށައިފައެވެ. އެގޮތުން އިއްޔެ ޕޮޒިޓިވް ވެފައިވަނީ 98 މީހުންނެވެ.

އެޗްޕީއޭ އިން މިއަދު އާންކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ޕޮޒިޓިވްވި 83 މީހުންގެ ތެރޭގައި 61 ދިވެހީންގެ އިތުރުން 22 ބިދޭސީން ހިމެނެއެވެ.

މިއަދު ޕޮޒިޓިވްވި 83 މީހުންގެ ތެރެއިން އެކަކު ފިޔަވާ ހުރިހާ ކޭސްތަކަކީ މާލޭ ސަރަހައްދުން ފެނިފައިވާ ޕޮޒިޓިވް ކޭސްތައް ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެޗްޕީއޭއިން ބުނެފައިވަނީ މިއަދު ފެނުނު ކޭސްތަކާއެކު ރާއްޖެއިން ވައިރަސް އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 8،667 އަށް އަރާ ކަމަށެވެ. އަދި 6،052 މީހަކު މިހާރު ބަލީން ރަނގަޅު ވެފައިވާއިރު އެކްޓިވް ކޭސްތަކުގެ އަދަދަކީ 2،580 ކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.

ރާއްޖެއިން ކޮވިޑް އަށް ޓެސްޓުކުރުމަށްޓަކައި މިހާތަނަށް ވަނީ 122،148 ސާމްޕަލް ނަގާފައި ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 142 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލްގަ އެވެ.

މާލެ ސަރަހައްދުން ބޭރުން ކޭސްތައް ފެނިފައިވަނީ މީހުން ދިރިއުޅޭ 35 ރަށަކުންނާއި 22 ރިސޯޓަކުންނެވެ. ރިސޯޓުތަކުން ފެނުނު ކޭސްތަކުގެ ތެރޭގައި ހިމެނެނީ 19 ޓޫރިސްޓުންނާއި 48 މުވައްޒަފުންނެވެ.

ރާއްޖެއިން ކޮވިޑް19 ޖެހުނު މީހުންގެ ތެރެއިން 29 މީހަކު ވަނީ މަރުވެފަ އެވެ.