ގދ. ތިނަދުއިން ކޮވިޑް-19 އަށް ޕޮޒިޓިވް ދެ ކޭސް ފެނުމާ ގުޅިގެން އެ ރަށުން އެ ބައްޔަށް ޓެސްޓު ކުރުމަށް ނެގި ހުރިހާ ރެންޑަމް ސާމްޕަލްވެސް ނެގެޓިވްވެއްޖެއެވެ.

ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ބުނިގޮތުގައި ދެ މީހަކު އެ ރަށުން ބައްޔަށް ޕޮޒިޓިވްވުމާ ގުޅިގެން އެ ރަށުގައި ކޮމިއުނިޓީ ސްޕްރެޑެއް އޮތްތޯ ބެލުމަށް ނެގުނު 77 ރެންޑަމް ސާމްޕަލްވެސް ވަނީ ނެގެޓިވްވެފައެވެ.

"މިހާތަނަށް ނެގުނު ހުރިހާ ރެންޑަމް ސާމްޕަލްއެއް އެއީ. 77 ސާމްޕަލްވެސް ނެގެޓިވް،" އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ސީނިއާ ކަސްޓަމާ ރިލޭޝަންްސް އޮފިސަރު ސާލިމް އަލީ "ސަން" އަށް ވިދާޅުވިއެވެ.

ތިނަދުއިން އެންމެ ފުރަތަމަ ކޮވިޑް-19 ކޭސްއެއް ފެނިފައިވަނީ އޯގަސްޓް 29 ވަނަ ދުވަހުއެވެ.

އެ ދުވަހު އެ ރަށުން ފެނުނު ކޭސްއަކީ މާލެއާއި ހުވަދު އަތޮޅާ ދެމެދު ދަތުރުކުރާ 'ދެރަހަ' ބޯޓުގައި މަސައްކަތްކުރާ ފަޅުވެރިއެކެވެ. އެ ކޭސްއާއި ގުޅިގެން ތިނަދޫގައި ވަނީ މޮނިޓަރިންގް ހާލަތުވެސް އިއުލާންކޮށްފައެވެ.

އެ ފަޅުވެރިޔާއާއި ކޮންޓެކްޓްވި 40 މީހަކު ތިނަދޫގެ ކަމާބެހޭ ފަރާތްތަކުން ވަނީ ފާހަގަކޮށް އެކަހެރިކޮށްފައެވެ. ފުރަތަމަ ޕޮޒިޓިވްވި ކޭސްއާއި ކޮންޓެކްޓްވި އިތުރު ކޭސްއެއްވެސް ސެޕްޓެމްބަރު އެއް ވަނަ ދުވަހު އެ ރަށުން ވަނީ ފެނިފައެވެ.

ތިނަދޫގައި އިއުލާންކުރި މޮނިޓަރިންގް ހާލަތު ސެޕްޓެމްބަރު ދެ ވަނަ ދުވަހުއެވެ.

ސާލިމް ވަނީ ތިނަދޫއިން ނެގި ރެންޑަމް ސާމްޕަލްތައް ނެގެޓިވްވި ނަމަވެސް އަދިވެސް އަމިއްލަ ސަލާމަތަށް ވިސްނައި، ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ދޫނުދީ އެންމެހާ އެންގުންތަކަށް ބޯލެނބުމަށް އެ ރަށުގެ ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.