07 Sep 2020, 22:11
ރާއްޖެ އާއި އަވަށްޓެރި އިންޑިއާއާ ދެމެދު ގާއިމު ކޮށްފައިވާ 'އެއާ ޓްރެވެލް ބަބުލް'ގެ ދަށުން، ދެ ގައުމުގެ ދެމެދުގައި ކުރާ ވައިގެ ދަތުރުތައް އިތުރުކުރަން އެއްބަސްވެއްޖެއެވެ.
ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަން ބުނީ ދިއްލީ-ޓްރިވެންޑްރަމް އާއި މާލެ ދެމެދު ބޭއްވުނު އެއާ އިންޑިއާގެ ފްލައިޓަކާއި އެކު ދެ ގައުމުގެ ދެމެދުގައި އެއާ ޓްރެވަލް ބަބަލްއެއް ގާއިމުކުރީ މިދިޔަ އޯގަސްޓް މަހުގެ 25 ވަނަ ދުވަހު ކަމަށެވެ.
އިންޑިއާއިން މިހާތަނަށް ނުވަ ގައުމަކާ އެކު އެއާ ޓްރެވަލް ބަބަލް ގާއިމްކޮށްފައި ވީނަމަވެސް، ރާއްޖެއަކީ ދެކުނު އޭޝިއާގައި އިންޑިއާއިން ގާއިމްކުރި ފުރަތަމަ އެއާ ޓްރެވަލް ބަބަލްއެވެ.
ކޮވިޑް19 ގެ ހާލަތާ ގުޅިގެން އިންޑިއާގެ ބަޖެޓް އެއާލައިން އިންޑިގޯ އިން ރާއްޖެއަށް ކުރި ދަތުރުތައް މެދުކަނޑާލާފައި އޮތުމަށްފަހު، މި މަހުގެ ތިން ވަނަ ދުވަހުން ފެށިގެން އަލުން ވަނީ ދަތުރުތައް ފަށައިފައެވެ.
އަދި އިންޑިގޯ އިން ކޮޗިން އާއި މާލެ އާއި ދެމެދު ހަފްތާ އަކު ދެ ދަތުރު ކުރާގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން މާލެއާއި ޓްރިވެންޑްރަމް ދެމެދުގެ އިތުރު ދެ ފްލައިޓެއް އޮޕަރޭޓްކުރަން ފެށުމަށް މޯލްޑިވިއަން އިން ވަނީ ނިންމައިފައެވެ.
އެއާއެކު އިންޑިއާ އާއި ރާއްޖެ އާއި ދެމެދު ހަފްތާ އަކު ފަސް ދަތުރު ކުރެވޭނެއެވެ.
އިންޑިއާ އާއެކު އެއާ ޓްރެވަލް ބަބަލް ގާއިމްކުރުމަށް ހަމަޖެހިފައިވާކަން އިއުލާނުކުރީ އޮގަސްޓް 13 ވަނަ ދުވަހު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޑރ. އެސް. ޖެއިޝަންކަރްއާއި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ މެދުގައި ބޭއްވުނު ވާޗުއަލް ބައްދަލުވުމުގައެވެ.
އެއާ ބަބްލްއާއެކު ޝެޑިއުލް ފްލައިޓްތައް ދެ ގައުމުގެ މެދުގައި ފެށިގެންދާނެ ކަމަށެވެ ދަތުރުތައް ފެށިނަމަވެސް، ކޮވިޑް-19 އިން ރައްކާތެރިވުމަށް މިހާރު އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ދެ ގައުމުންވެސް ދަމަހައްޓަމުން ގެންދާނެ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީ އިން ވަނީ މީގެ ކުރިން ބުނެފަ އެވެ.
އެއާ ބަބްލްގެ ތެރެއިން އިންޑިއާގެ ފަތުރުވެރިންނަށް ރާއްޖެއަށް އައުމަށް ފަސޭހަ ވެގެންދާނެ އެވެ. މީގެ އިތުރުން ރާއްޖެއިން އިންޑިއާ އަށް ބޭސް ފަރުވާ އަށް ދާ މީހުންނަށްވެސް މި ދަތުރުތަކުގެ ސަބަބުން ބޮޑު ލުޔެއް ލިބިގެންދާނެ އެވެ.
ރާއްޖެއަށް ކޮންމެ އަހަރަކުވެސް އިންޑިއާއިން ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރާއިރު، އެއާ ބަބްލްގެ ތެރެއިން ގިނަ އަދަދެއްގެ އިންޑިއާގެެ ފަތުރުވެރިން ރާއްޖެ އަންނާނެ ކަމަށް ބެލެވެ އެވެ. މިދިޔަ އަހަރު ރާއްޖެ އަށް ދެވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ އިންޑިއާ އިންނެވެ.