14 Jan 2012, 12:34
އިންޑިޔާގެ އޭޝިޔަން ކޮލެޖު އޮފް ޖާނަލިޒަމްގައި ހިންގާ ދެ ހަފުތާގެ ޓްރެއިނިން ޕްރޮގްރާމެއްގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖޭގެ ނޫސްވެރިޔަކަށް ހުޅުވާލައިފި އެވެ.
އެމްޖޭއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އަންނަ މާޗް މަހުގެ 26 އިން އޭޕްރީލް 6 އަށް އެ ކޮލެޖުގައި ބާއްވާ "ފްރީޑަމް އެންޑް ރެސްޕޮންސިބިލިޓީ އިން މީޑިޔާ" ތަމްރީން ޕްރޮގްރާމެއްގައި ބައިވެރިވުމުގެ ފުރުސަތު ނޫސް އިދާރާތަކާއި ރޭޑިއޯ އަދި ޓީވީތަކުގައި މަސައްކަތް ކުރާ ނޫސްވެރިންނަށް ހުޅުވާލާފައިވާ ކަމަށެވެ.
ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ކޮންމެ ވެސް އެއް ފަރާތަކަށް އެ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެ ކަމަށް ވެސް އެމްޖޭއިން ބުންޏެވެ.
އެ ޕްރޮގްރާމުގައި ބައިވެރިވުމުގެ މައިގަނޑު ޝަރުޠުތައްކަމުގައި ބަލާނީ، މިހާރު ވެސް މަސައްކަތް ކުރާ ނޫސްވެރިއަކަށް ވުމާއި އެ ނޫސްވެރިއަކު މަސައްކަތް ކުރާ އިދާރާއަކުން، އެ ނޫސްވެރިއަކު މިފަދަ ތަމްރީނު ޕްރޮގްރާމެއްގައި ބައިވެރިވުމަށް އިޢުތިރާޒު ނުކުރުމާއި ނޫސް އިދާރާއެއްގައި މަސައްކަތް ކުރާތާ މަދުވެގެން ދެ އަހަރު ވެފައި ވުމެވެ.
އެ ތަމްރީނު ޕްރޮގްރާމުގެ އިންޑިއާ އަށް ދަތުރުކުރުން ފިޔަވައި ހުރިހާ ޚަރަދެއް ދިނުމަށް ހަމަޖެހިފައި ވަނީ، ތަމްރީނު ޕްރޮގްރާމު އިންތިޒާމް ކުރާ ފަރާތުން ކަމަށް އެމްޖޭއޭ އިން ބުންޏެވެ.
އެ ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ، މައިގަނޑު ޝަރުޠުތައް ފުރިހަމަވާ ނޫސްވެރިން މި މަހުގެ 19 ވަނަ ދުވަހުގެ ކުރިން ސިޓީ ލާން ޖެހޭނެ ކަމަށް އެމްޖޭއޭ އިން ބުންޏެވެ.