އާންމުންގެ މެދުގައި ބޮޑު މަޝްހޫރުކަން ހޯދި މިސްޓްރީ ސިލްސިލާ "ބްލެކް ވިޑޯޒް" ގެ ބޮލީވުޑް ވާޝަން ކުޅެން ބަތަލާ ޝިލްޕާ ޝެޓީގެ ކޮއްކޮ ޝަމީތާ ޝެޓީ ސޮއިކޮށްފި އެވެ.

ދެހާސް ވަނަ އަހަރު ނުކުތް ކާމިޔާބު ފިލްމު "މުހައްބަތޭން" އިން ބޮލީވުޑަށް ނުކުތް ޝަމީތާ އަށް ބޮލީވުުޑުން މާގިނަ ފުރުސަތުތަކެއް ލިބިފައެއްނުވެ އެވެ. ފަހުން ފަހުން އައިސް ޝަމީތާ އެއްގޮތަކަށް ވެސް ބޮލީވުޑު ފިލްމުތަކުން ފެނިފައެއްނުވެ އެވެ.

ގިނަ ދުވަސްތަކަކަށް ފަހު ޝަމީތާއަށް ވެބް ސީރީޒެއްގައި މަސައްކަތްކުރަން ލިބުނުއިރު އެ ވެބް ސީރީޒް ކުޅުމަށް އޭނާ ވަނީ މިހާރު ސޮއިކޮށް ޝޫޓިން ވެސް ފަށައިފަ އެވެ.

ކަލްކަތާ ގައި ޝޫޓިން ކުރިއަށްދާ ބްލެކް ވިޑޯޒްގައި ޝަމީތާގެ އިތުރުން ހަރަކާތްތެރިވާނެ ތަރިންނަކީ މޯނާ ސިންހް އަދި ސްވާސްޓިކާ މުކަރްޖީ އެވެ. ވެބް ސީރީޒަށް ސޮއިކުރުމަށް ފަހު ޝަމީތާ ބުނީ މި ސީރީޒު ކުޅުމަށް އެއްބަސްވީ މި ސީރީޒަކީ ވަރަށް ތަފާތު ސީރީޒަކަށް ވުމުން ކަމަށާއި އަދި ކުޅެލަން ވަރަށް ބޭނުންވާ ކަހަލަ ޖޯންރާއަކަށް ވުމުން ކަމަށެވެ.

ބިރްސާ ސެންގުޕްތާ ޑައިރެކްޓްކޮށް ގެނެސްދޭ ބްލެކް ވިޑޯޒްގެ ފުރަތަމަ ސީޒަން އާންމުންނަށް ފެންނަ ވަރުވާނީ އަންނަ ޑިސެމްބަރު މަހު އެވެ. ސީރީޒް ދައްކާނީ ޒީ5 އިންނެވެ.