07 Sep 2020, 19:01
ޑޮލަރު ހޯދައިދޭނެކަމަށްބުނެ މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލަތައް ހުށަހަޅާ މިންވަރު އިތުރުވަމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިއަދު ބުނީ މަކަރާއި ހީލަތުން ޑޮލަރު ހޯދުމުގެ އިތުރުން އޮންލައިންކޮށް ވިޔަފާރިކޮށް، އޮންލައިން ޓްރާންސްފާ ކުރުމަށްފަހު ނުބައި ސްލިޕެއް ފޮނުވާ މައްސަލަތައްވެސް ހުށަހެޅޭ މިންވަރު އިތުރުވެފައިވާ ކަމަށެވެ.
މިފަދަ މައްސަލަތައް އިތުރުވެފައިވާކަން ފާހަގަކުރެވިފައިވަނީ ކޮވިޑްގެ ހާލަތާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކާއެކު އޮންލައިންކޮށް ވިޔަފާރިކުރާ ފަރާތްތައް އިތުރުވެ ގިނަ ވިޔަފާރިތަކުން އޮންލައިން ޓްރާންސްފާ ގަބޫލުކުރަން ފެށުމުންކަން ފާހަގަކުރެވިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މިކަމާ ގުޅިގެން ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ޑެޕިއުޓީ ހެޑް އިންސްޕެކްޓާ އޮފް ޕޮލިސް އަހްމަދު ހަނީފް ވިދާޅުވީ ޑޮލަރު ހޯދުމަށް މުއާމަލާތުކުރާ ފަރާތުގެ ފުރިހަމަ މައުލޫމާތު ވެސް ނޭނގޭކަން ތަހުގީގަށް ފާހަގަވެފައިވާ ކަމަށެވެ.
އެހެންކަމުން މިފަދަ މައްސަލަތަކަށް ހުރިހާ ފަރާތްތަކުން ވެސް ހާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
އެގޮތުން ފައިސާގެ މުއާމަލާތެއް ކުރާނަމަ މުއާމަލާތުކުރާ ފަރާތުގެ ސައްހަ މައުލޫމާތު ހޯދައި ޔަގީން ކުރުމަށްފަހު ނޫނީ ފައިސާގެ މުއާމަލާތު ނުކުރުމަށާއި އެފަދަ ފަރާތްތަކާ ފޯނުން މުއާމަލާތުކުރުމުގެ ބަދަލުގައި އެމީހަކާ ބައްދަލުކޮށް، ކާކުކަން ރަނގަޅަށް ބެލުމާއި ފައިސާ ޖަމާކުރަން ފޮނުވާ އެކައުންޓަކީ ރަނގަޅު އެކައުންޓް ނަންބަރުތޯ ޔަގީންކުރުމަށް ވެސް ފުލުހުން އިރުޝާދުދެއެވެ.
އަމިއްލަ ފަރާތްތަކުގެ އިތުރުން ވިޔަފާރިތަކުންވެސް ފައިސާ ޓްރާންސްފާ ކުރެވޭނެ އިންތިޒާމްތައް ހަމަޖައްސާފައިވާކަން ފާހަގަކޮށް ފުލުހުން ބުނީ ވިޔަފާރިތަކުންވެސް ކަސްޓަމަރުންނަށް މުދާ ވިއްކުމަށްފަހު ފައިސާ ޓްރާންސްފާ ކުރުމަށް ބުނެފައިވާ އެކައުންޓަށް ޖަމާކޮށް ސްލިޕް ފޮނުވިނަމަވެސް އެކައުންޓަށް ފައިސާ ޖަމާވިތޯ ޔަގީންކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެދޭ ކަމަށެވެ.
އަދި ފައިސާ ޖަމާވިކަން ޔަގީންކުރުމަަށްފަހު ނޫނީ މުދާ ޑެލިވަރީ ނުކުރުމަކީ ކުރެވިދާނެ ކަމެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.