ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް މުސާރައިގެ އިތުރުން ދެވޭ އިނާޔަތްތައް ޑްރަގް ކޯޓުގެ ފަނޑިޔާރުންނަށް ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ނިންމައިފި އެވެ.

މާލިއްޔަތު ކޮމެޓީން އެގޮތަށް ނިންމާފައި ވަނީ ޑްރަގް ކޯޓަށް އައްޔަންކުރާ ފަނޑިޔާރުންނަށް ރިސްކް އެލަވަންސް ކަނޑައަޅުއްވާ ދެއްވުމަށް އެދި ޖުޑީޝަލް ސަވިސް ކޮމިޝަން (ޖޭއެސްސީ) އިން މަޖިލީހަށް ފޮނުވި ސިޓީ އާމެދު ކޮމެޓީގެ މެންބަރުންގެ މެދުގައި މަޝްވަރާ ކުރެއްވުމަށް ކޮމެޓީގެ ބައްދަލުވުމެއް ބޭއްވުމަށްފަހު އެވެ.

އެ ކޮމެޓީން ނިންމާފައިވަނީ ކްރިމިނަލް ކޯޓުގެ ގާޒީންނަށް މުސާރައިގެ އިތުރުން ލިބިދެވޭ ރިސްކް އެލަވަންސް އާއި ލިވިން އެލަވަންސް އަދި އާއިލާއާއެކު މެޑިކަލް އެލަވަންސް ޑްރަގް ކޯޓުގެ ފަނޑިޔާރުންނަށް ވެސް ދިނުމަށެވެ.

މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ ދަށުން ޑްރަގު ކޯޓް އުފެދިފައިވީ ނަމަވެސް އެ ކޯޓް އަދި ހިނގައިގެންފައެއް ނުވެއެވެ. ޑްރަގް ކޯޓަށް ވަރަށް އަވަހަށް އިމާރާތެއް ހަމަޖައްސައިދޭނެ ކަމަށް ރައީސް އޮފީހުން ބުނެފައިވާއިރު ޖޭއެސްސީން ވަނީ އެ ކޯޓަށް ފަނޑިޔާރުން ހޯދަން އިއުލާން ކޮށްފަ އެވެ.

ޑްރަގު ކޯޓް އުފެދިފައިވާތީ ކްރިމިނަލް ކޯޓާއި ޖުވެނައިލް ކޯޓުން ވަނީ މަސްތުވާތަކެތީގެ މައްސަލަތައް ބެލުން ހުއްޓާލާފަ އެވެ.