07 Sep 2020, 18:55
މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)ގެ "ވޯޓާ ސެކިއުރިޓީ ޕްލޭނިން"ގެ ދަށުން މާލޭގައި ފެން ރައްކާ ކުރާ އިތުރު ދެ ތާންގި ބެހެއްޓުމުގެ މަސައްކަތް ފަށައިފި އެވެ.
މިއަދު އެ މަސައްކަތް ރަސްމީކޮށް ފަށްޓަވައިދެއްވާފައިވަނީ އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހުގެ އިތުރުން ކުންފުނީގެ މެނޭޖްމެންޓް ބޭފުޅުންނެވެ.
ފެން ރައްކާކުރުމުގެ އިތުރު ދެ ތާންގި ބެހެއްޓުމުގެ މަސައްކަތް ފުރަތަމަ ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މާލޭގެ 378 ނަމްބަރު ސްލޮޓުގައި ކަމަށް އެމްޑަބްލިއުއެސްސީއިން ބުންޏެވެ.
އެ މަޝްރޫއުގެ ދަށުން ދެ ތާންގީގެ އިތުރުން ފެން ފޯރުކޮށްދިނުމަށް ޕަމްޕް ރޫމެއް ގާއިމުކުރާނެ އެވެ. އަލަށް ބަހައްޓާ ދެ ތާންގީން ކުރެ ކޮންމެ ތާންގީ އަކުވެސް 13،648 ކިއުބިކް މީޓަރުގެ ފެން ރައްކާކުރެވޭނެ ކަމަށް ފެން ކުންފުނީން ބުނެއެވެ.
އެމްޑަބްލިއުއެސްސީއިން ބުނާގޮތުގައި އެ މަޝްރޫއު ނިމިގެންދިޔުމުން މާލޭގައި ފެން ރައްކާކުރެވޭ މިންވަރު 50،296 ކިއުބިކް މީޓަރަށް އިތުރުވެގެން ދާނެއެވެ.
އެ މަޝްރޫއު ނިންމާލުމަށް ކަނޑައަޅާފައިވަނީ ތާރީހަކީ އަންނަ އަހަރުގެ ޑިސެމްބަރުގެ ނިޔަލަށެވެ. އެ މަސައްކަތަށް ޖުމްލަ 82 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އެކުންފުނީން ބުނެއެވެ.
އެމްޑަބްލިއުއެސްސީ އިން ބުނެފައިވަނީ އެ މަޝްރޫއުގެ މަގުސަދަކީ މާލޭގައި އެކުންފުނީން ފެން ރައްކާކުރެވޭ މިންވަރު އިތުރުކޮށް، މެދުކެނޑުމެއްނެތި ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރި ސާފު ބޯފެން ފޯރުކޮށްދިނުން ކަމަށެވެ.
ގްރޭޓާ މާލޭ ރީޖަން ވޯޓާ ސެކިއުރިޓީ ޕްލޭންގެ ދަށުން، އެމްޑަބްލިއުއެސްސީ އިން ފެން އުފެއްދުން ޑީސެންޓްރަލައިޒްކޮށް، މާލޭގެ ދެ ސަރަހައްދެއްގައި ފެން އުފައްދާ މަރުކަޒުތައް ވަނީ ގާއިމްކޮށްފައެވެ. އަދި މާލެ ހުލުމާޅެ ބުރިޖު މެދުވެރިކޮށް އެމްޑަބްލިއުއެސްސީ އަޅާފައިވާ ފެނުގެ ވިއުގަ ގުޅާލުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށް އެމްޑަބްލިއުއެސްސީއިން ބުނެއެވެ.