14 Jan 2012, 12:03
އިސްލާމް ދީނާއި ރާއްޖޭގެ ގާނުނާއި ހިލާފު އަމަލުތަކެއް ހިންގާތީވެ "ޔުނައިޓެޑް މެޑިކަލް ސެންޓަރު" ހެލްތު މިނިސްޓްރީން މިދިޔަ ބުރާސްފަތި ދުވަހު ބަންދުކޮށްފި އެވެ.
ހެލްތު މިނިސްޓްރީން ބުނީ ޑޮކްޓަރީ ބޭހުގެ ހިދުމަތް ދޭ ކްލިނިކެއްގެ ގޮތުގައި އެ މިނިސްޓްރީގައި ރަޖިސްޓްރީކޮށްގެން ހިންގާ ޔުނައިޓެޑް މެޑިކަލް ސެންޓަރު ބަންދުކުރީ އިންސްޕެކްޓުކުރިއިރު ކްލިނިކް ހިންގާ އުސޫލާއި ހިލާފު ކަންތައް ކުރާކަން ފާހަގަކުރެވިގެން ކަމަށެވެ.
"އިސްލާމް ދީނާއި ގާނުނާއި ހިލާފު އަމަލު ހިންގާކަން ފާހަގަކުރެވިފައިވާތީ ޔުނައިޓެޑް މެޑިކަލް ސެންޓަރު ބަންދުކުރިކަން އަންގާ އިއުލާން ކުރަން،" އެ މިނިސްޓްރީން ނެރެފައިވާ އިއުލާންގައި ވެއެވެ.
ދިވެހި ބޭހާއި އޯލްޓަނޭޓިވް މެޑިސިން ފަދަ ސިއްހީ ފަރުވާދޭ ތަނެއް ހެލްތު މިނިސްޓްރީން ވަނީ މިދިޔަ ހަފްތާގެ ތެރޭގައިވެސް ބަންދުކޮށްފަ އެވެ.
ހެލްތު މިނިސްޓްރީން މީގެކުރިން ބުނެފައިވަނީ ދިވެހި ބޭހާއި އޯލްޓަނޭޓިވް މެޑިސިން ހިދުމަތް ދޭ ތަން އިންސްޕެކެޓް ކުރުމަށްފަހު ބަންދުކުރީ އެތަނުން ފެނުނު ކަންތަކުން ހިދުމަތް ދިނުމުގެ އުސޫލާއި ހިލާފު ގިނަ ކަންތައްތަކެއް ހިންގަމުން ގެންދާކަމަށް ފާހަގަކުރެވިފައިވާތީ ކަމަށެވެ. ނަމަވެސް އެފަހަރު ބަންދުކުރީ ކޮން މެޑިކަލް ސެންޓަރެއްކަން ބުނެފައެއް ނުވެއެވެ.
ޑިސެމްބަރު 23 ވަނަ ދުވަހު ކުރި ބޮޑު މުޒާހަރާގައި ބައިވެރިން ސަރުކާރަށް ގޮވާލާފައިވަނީ މާލޭގައި ހިންގާ ބިއުޓީ ސެލޫންތަކާއި މަސާޖާ ޕާލްތަކުގެ އިތުރުން އޯލްޓޭނެޓިވް މެޑިސިން ފަދަ ހިދުމަތްދޭ ތަންތާގައި ހަށިވިއްކުމުގެ ފާހިޝް އަމަލުތައް ހިންގާ ކަމަށާއި، އަދި އެފަދަ 60 ތަނަށްވުރެ ގިނަ ތަންތަން މާލޭގައި ހުރުމުން އެތަންތަން ވަގުތުން ވަގުތަށް ބަންދުކުރުމަށް ވަނީ ގޮވާލާފަ އެވެ.
ނަމަވެސް ހަށިވިއްކާ ތަންތަން ބަންދު ނުކޮށްގެން، ބޮޑު މުޒާހަރާގެ ބައިވެރިން ސަރުކާރަށް ކުރި ޑިމާންޑާ ގުޅިގެން ހެލްތު މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ މަސާޖާއި ސްޕާގެ ހިދުމަތް ދިނުމުގެ ނަމުގައި ހިންގާ ތަންތަނުގައި ހަށިވިއްކަމުގެ މަސައްކަތް ކުރާއިރު އެ މިނިސްޓްރީން އަޅާނުލާ ކަމަށް ބުނެ، ބައެއް ފަރާތްތަކުން ވާހަކަ ދައްކަމުންދަނީ ހަގީގަތް އޮޅޭގޮތަށް ކަމަށެވެ.
އެ މިނިސްޓްރީން ބުނެފައިވާ ގޮތުގައި މަސާޖްކުރުމާއި ސްޕާ ހިދުމަތް ދިނުން 2006 ޖޫން އިން ފެށިގެން ވަނީ މަނާކޮށްފަ އެވެ. އެހެންކަމުން ތަފާތު ނަން ނަމުގައި އެފަދަ ތަންތަން ހިންގަމުން ދާނަމަ، އެ ގެންދަނީ އެ މިނިސްޓްރީގައި ރަޖިސްޓްރީކޮށް ހުއްދަ ލިބިގެންނެއް ނޫން ކަމަށާއި އަދި އެފަދަ ތަންތަން ހިންގުމަށް ހުއްދަ ދިނުމަކީ އެ މިނިސްޓްރީގެ މެންޑޭޓްގެ ތެރޭގައި ހިމެނޭ ކަމެއް ނޫން ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.