07 Sep 2020, 13:54
ތައުލީމާ ބެހޭ ބިލެއް ސަރުކާރުން މަޖިލީހަށް ހުށަހެޅީ ނިމިދިޔަ އަހަރުގެ ޑިސެމްބަރު ހަތް ވަނަ ދުވަހު އެވެ. އެ ބިލު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު މުމްތާޒެވެ.
އެ ބިލުގެ އިބްތިދާއީ ބަހުސް ނިންމައި ކޮމިޓީއަށް ބިލު ފޮނުވީ މާޗު މަހުގެ 11 ވަނަ ދުވަހު އެވެ. ނަމަވެސް ކޮމިޓީއިން އެ ބިލު ދިރާސާ ކުރަން ފެށީ ޖޫން މަހުގެ 10 ވަނަ ދުވަހު ކަމަށް ބިލު ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓުގައި ބުނެފައިވެ އެވެ. ކޮމިޓީއަށް ފޮނުވި ފަހުން މިހާރު ހަމަސް ދުވަސް ވެފައިވާއިރު ކޮމިޓީއިން ނިންމާފައި ފޮނުވި އެ ބިލު އިއްޔެ ވަނީ އަނެއްކާވެސް އަނބުރާ ކޮމިޓީއަށް ފޮނުވާލާފަ އެވެ.
ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީގެ މުގައްރިރު އަހުމަދު އަބްދުﷲ ވިދާޅުވީ ތައުލީމު ބިލު އިއްޔެ އަނބުރާ ކޮމިޓީއަށް ފޮނުވާލީ ކޮމިޓީއިން ފާސްކުރި ގޮތާ ހިލާފަށް ކުދި ކުދި ލިޔުމުގެ މައްސަލަތައް ހުރުމުން އެކަންކަން އިސްލާހު ކުރެވޭނީ އަނބުރާ ކޮމިޓީއަށް ފޮނުވައިގެން ކަމަށް ވާތީ ކަމަށެވެ. އެހެންވެ އެ އިސްލާހުތަކާއެކު އަލުން ކޮމިޓީއިން ބިލު ފާސްކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ތައުލީމު ބިލާ ގުޅޭގޮތުން ގައުމީ ތަރައްގީއާއުި ތަރިކައިގެ ކޮމިޓީއިން ކުރިއަށް ގެންދިޔަ ބައްދަލުވުމެއްގެ ތެރެއިން --
ކޮމިޓީގައި އެ ބިލު ދިރާސާކުރަން ހަ މަސް ނެގީ ކީއްވެތޯ ސުވާލު ކުރުމުން މެމްބަރު އަހުމަދު އަބްދުﷲ ވިދާޅުވީ ކޮމިޓީއިން ބިލަށް ބޮޑެތި އިސްލާހުތަކެއް ގެނެސް ދިރާސާ ކުރަން ވަގުތުތަކެއް ހޭދަވި ކަމަށެވެ.
"ކޮމިޓީއިން ފާސްކުރިއިރު އޮންނާނީ މުޅި ބިލު ބަދަލުކޮށްފައި. މިހާރު އެއީ މަޖިލީހަށް ހުށަހެޅި އިރު އޮތް ބިލެއް ނޫން. އެކި ބޭފުޅުންގެ ހިޔާލާ އެއްގޮތަށް ބިލަށް ބޮޑެތި ބަދަލުތަކެއް ގެނައިން." ގައުމީ ތަރައްގީއާ ތަރިކައިގެ ކޮމިޓީގެ މުގައްރިރު އަހުމަދު އަބްދުﷲ ވިދާޅުވި އެވެ.
ކޮމިޓީގެ މުގައްރިރު އެ ވިދާޅުވާ ބޮޑެތި ބަދަލުތަކަކީ ކޮބައިތޯ ބަލައިލަން އެބަޖެހެ އެވެ. ގައުމީ ތަރައްގީ ކޮމިޓީއިން ބިލު ދިރާސާކޮށް ނިންމައި ތަޅުމަށް ހުށަހެޅީ އޮގަސްޓު މަހުގެ 27 ވަނަ ދުވަހު އެވެ.
ކޮމިޓީއިން ގެނައީ ކޮން ބަދަލުތަކެއް!؟
ޖުމްލަ 10 ބާބު 47 މާއްދާގެ މައްޗަށް އެކުލެވޭ އެ ބިލަށް ކޮމިޓީއިން ގެނެސްފައިވަނީ މައިގަނޑު 21 އިސްލާހެކެވެ. އިސްލާހުތަކުގެ ތެރޭގައި ބޮޑަށް ހިމެނެނީ މާއްދާތަކުގެ ވަކި ވަކި އަކުރުތަކަށް ގެނެސްފައިވާ އިސްލާހުތަކެވެ.
ތައުލީމު ބިލު ދިރާސާ ކުރަން 15 ބައްދަލުވުމެއް ބާއްވައި 19 ގަޑިއިރު މެމްބަރުން ހޭދަކުރި ކަމަށް ކޮމިޓީ ރިޕޯޓުގައި ބުނެފައިވެ އެވެ.
ކޮމިޓީއިން ގެނެސްފައިވާ މައިގަނޑު ބަދަލުތަކުގެ ތެރޭގައި މުދައްރިސުން ރެޖިސްޓްރީކޮށް ލައިސަންސް ދިނުމަށް ފަސް މެމްބަރުންގެ ބޯޑެއް އެކުލަވާލުމާއި އެޑިއެކޭޝަން މިނިސްޓްރީގެ ދަށުން އެކުލަވާލާ އެ ބޯޑުގައި ހިމެނެންވީ ދާއިރާތަކުގެ މީހުން ކަނޑައެޅުން ހިމެނެ އެވެ.

ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީގެ މުގައްރިރު އަހުމަދު އަބްދުﷲ --- ފޮޓޯ/ މަޖިލިސް
އޭގެ އިތުރުން ބިލުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ބައެއް ކަންކަމަށް ބަދަލުގެނެސްފައިވެ އެވެ. އަދި ރެޖިސްޓްރީ ނުކޮށް ނުހިންގޭނެ ތައުލީމު ދޭ ތަންތަނުގެ ތެރެއަށް ގުރުއާން ކްލާސްތައް ހިމަނަން ބަދަލު ގެނެސްފައިވެ އެވެ.
އޭގެ އިތުރުން ތައުލީމީ ނިޒާމުގައި ހިމެނެންޖެހޭ ކަންކަމުގެ އުސޫލީ ބައެއް ބަދަލުތަކުގެ ވާހަކަ ބަދަލުތަކުގެ ތެރޭގައި ހިމަނާފައިވެ އެވެ.
ކަންބޮޑުވުންތަކަށް ހައްލު ލިބުންތަ؟
ތައުލީމު ބިލަކީ އެބިލު މަޖިލީހަށް ހުށަހަޅައި އިބްތިދާއީ ބަހުސް މަރުހަލާގައިވެސް މަޖިލީހުގެ މެމްބަރުން ބޮޑެތި އިސްލާހުތަކެއް ގެންނަންޖެހޭ ބިލެއްގެ ގޮތުގައި ފާހަގަކުރި ބިލެކެވެ. އެގޮތުން ބިލުގައި ހުރި ހަމަނުޖެހޭ ކަންކަމާއި ބިލުގައި ހިމަނާފައި ހުރި ބައެއް ކަންކަމުގެ ސަބަބުން ތައުލީމީ ނިޒާމަށް އަންނާނެ ދަތިތަކުގެ ވާހަކަ މެމްބަރުން ފާހަގަ ކުރި އެވެ.
މީގެ ކުރިން ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރި މިހާރު އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އެ ބިލުގެ އިބްތިދާއީ ބަހުސް މަރުހަލާގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ރެޖިސްޓްރީ ނުކޮށް ޓީޗަރުންނަށް މަސައްކަތް ނުކުރެވޭނެ ކަމަށް ބިލުގައި ބުނެފައިވާއިރު ހުރިހާ ފަންނެއްގެ މީހުންނަކީ ޓީޗަރުން ނޫން ކަމަށެވެ. އެހެން ނަމަވެސް، ބައެއް ފަންނުތައް ދަސްކޮށް ދިނުމަށް ސުކޫލަތަކަށް ބައެއް ފަރާތްތަކުން ދާން ޖެހޭ ކަމަށާއި އެހެންވެ އެއަށް ޖާގަ ލިބޭގޮތަށް ބިލު އިސްލާހު ކުރަން ޖެހޭ ކަމަށް ރޮޒައިނާ ވިދާޅުވި އެވެ.

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް --- ފޮޓޯ/ މަޖިލިސް
"އެ މީހުންނަކީ އަޅުގަނޑުމެންނަށް ސްކޫލުތަކުގައި ކުދިންނަށް ފަންނު ދަސްކޮށްދިނުމަށް ހަމަ ވަރަށް މުހިންމު ވަސީލަތްތަކެއްގެ ގޮތުގައި ބޭނުންކުރެވިދާނެ ބައެއް. އެހެންވީމާ، މި ބިލުގެ ތެރެއިން، ފަންނީ މަސައްކަތް ދަސްކޮށްދޭ މީހުންނަށް ސްކޫލުތަކުގައި ގޮސް އެކަން ކޮށްދެވޭނެ އިންތިޒާމެއް ހަމަޖެހިގެންދާނެ ގޮތަކަށް ބިލު ބައްޓަންކުރުމަކީ އަޅުގަނޑު ދަންނަވާނީ ވަރަށްމުހިންމު ކަމެކޭ،" ތައުލީމު ބިލުގެ އިބްތިދާއީ ބަހުސް މަރުހަލާގައި ރޮޒައިނާ ވިދާޅުވި އެވެ.
އެހެން ނަމަވެސް، ތައުލީމު ބިލު ދިރާސާކޮށް ނިމުނުއިރު އެކަމަށް ހައްލެއް ހޯދައިދީފައެއް ނުވެ އެވެ. ޓީޗަރުން ގޮތުގައި ރެޖިސްޓްރީކޮށްގެން ނޫނީ ސުކޫލުތަކުގައި ކިޔަވައި ނުދެވޭނެ ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ. ދެން އެ ކަންބޮޑުވުމަށް އޮތް ހައްލަކީ ކޮބައިތޯ އެއީ އުފެދޭ ސުވާލެކެވެ.
އެ ބިލުގެ އިބްތިދާއީ ބަހުސް މަރުހަލާގައި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވިދާޅުވީ ތައުލީމު ބިލުގެ 14 ވަނަ މާއްދާގައި މަޖުބޫރު ތައުލީމު ހަތަރު އަހަރާއި 16 އަހަރާއި ދެމެދުގެ ކޮންމެ ކުއްޖަކަށް ލާޒިމުވާނެ ކަމަށް ބުނެފައިވީ ނަމަވެސް އެކަން ނުކުރާ ބެލެނިވެރިންނާ ދޭތެރޭ އަޅާނެ ފިޔަވަޅެއް ބިލުގައި ހިމަނަން ޖެހޭ ކަމަށެވެ.
"އެހެންނަމަވެސް އެކަން ނުކުރާ ބެލެނިވެރިންނާ ދޭތެރޭގައި އެޅޭނމެ ފިޔަވަޅުގެ ވާހަކައެއް މިއަކު ނެތް. އިއްޒަތްތެރި ރައީސް. އަޅުގަނޑު ހިތުން އެއީ ވަރަށް މުހިންމު ކަމެއް. ކަމެއް ލާޒިމުކޮށްފައި އެކަން ނުކުރީމާ ދެން ވާނެ ގޮތް އެއީ، ބިލުގެ ނުވަތަ ގާނޫނުން ހަދާގަވާއިދުތައް ދޫކޮށްލުމުގެ ބަދަލުގައި ގާނޫނުގައި ކަނޑައެޅިފައި އޮތުން." މެމްބަރު ހަސަން ލަތީފު ވިދާޅުވެފައިވެ އެވެ.
ނަމަވެސް ބިލު ކޮމިޓީއިން ދިރާސާކޮށް ނިންމައި ތަޅުމަށް ފޮނުވިއިރު އެކަމަށްވެސް ހައްލެއް ހޯދާފައެއް ނުވެ އެވެ. މުހިންމު ކަމެއްގެ ގޮތުގައި މެމްބަރު ހަސަން ލަތީފު ފާހަގަ ކުރެވި އެ މައްސަލައަށް ބިލުގައި ހައްލު ހޯއްދަވާފައި ނުވުމަކީ ކަންބޮޑުވުމެކެވެ.
އޭގެ އިތުރުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ފާހަގަ ކުރެއްވި ކަންކަމަށްވެސް ބިލުގައި ހައްލު ހޯދައިދީފައެއް ނުވެ އެވެ. ހިސާން ވިދާޅުވީ ރާއްޖޭގައި ސުކޫލު ނެތް ރަށްރަށާއި އަދި ވަކި ގްރޭޑަކުން މަތިވުމުން ކިޔެވޭނެ ގޮތް ނެތް ރަށްރަށްވެސް ހިމެނޭ ކަމަށާއި އެހެންވީމަ އެ ރަށްރަށުގެ ކުދިންނަށް ވާންވީ ކިހިނެތްކަން ތައުލީމުގެ ބިލުން އެނގެން ޖެހޭ ކަމަށެވެ.
ހިސާން ވިދާޅުވީ އުމުރުން ހަތަރު އަހަރުން ފެށިގެން 16 އަހަރާއި ދެމެދުގެ ކުދިންނަށް ތައުލީމު ލާޒިމު ކުރާއިރު ރާއްޖޭގެ ބައެއް ރަށްރަށުގައި ސުކޫލު ނެތް ކަމަށެވެ. އަދި ބައެއް ރަށްރަށަކީ އުމުރުން ހަތަރު އަހަރުން ފެށިގެން 16 އަހަރާއި ހަމައަށް ތައުލީމު އުނގަންނައި ދޭނެ ސުކޫލުތައް ނެތް ރަށްރަށް ކަމަށްވެސް ހިސާން ވިދާޅުވި އެވެ. ނަމަވެސް ހިސާންގެ އެ ކަންބޮޑުުވުމަށްވެސް ބިލުން ހައްލެއް ހޯދައި ދީފައެއް ނުވެ އެވެ.
އޭގެ އިތުރުން ތައުލީމީ ދާއިރާގެ އެތައް ބައެއްގެ ކަންބޮޑުވުންހުރި ކަމަކަމަށް އެ ބިލުން ހައްލު ހޯދިފައި ނުވާއިރު އަލުން ބިލު ކޮމިޓީއަށް ފޮނުވާލުމުން އިސްލާހުތަކެއް ގެންނާނެ ކަމަށް ދާއިރާގެ ގިނަ ބަޔަކު އުންމީދު ކުރެ އެވެ. ބިލެއް ކޮމިޓީއިން ރަނގަޅަށް ދިރާސާ ނުކުރުމަކީ ކަންބޮޑުވުމެކެވެ. އަދި ފަހުން ދަތިތަކާއި ކުރިމަތިލާން ޖެހި އަލުން އިސްލާހުތަކެއް ހުށަހަޅަން ޖެހިގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ.