07 Sep 2020, 12:49
ރާއްޖޭގެ ޖުމްލަ ދަރަނި 73.9 ބިލިއަން ރުފިޔާ އަށް އަރައިފި އެވެ.
ފިނޭންސް މިނިސްޓްރީ އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް ބޭރުގެ ދަރަނި ހުރީ 37.7 ބިލިއަން ރުފިޔާގަ އެވެ. އެތެރޭގެ ދަރަނި ހުރީ 36.1 ބިލިއަން ރުފިޔާގަ އެވެ.
ބޭރުގެ ދަރަނި ހުރީ ޖީޑީޕީގެ ނިސްބަތުން ބަލާއިރު 55 ޕަސެންޓުގައެވެ. އެތެރޭގެ ދަރަނި ހުރީ ޖީޑީޕީގެ ނިސްބަތުން ބަލާއިރު 53 ޕަސެންޓުގަ އެވެ.
ފިނޭންސްގެ ތަފާސްހިސާބުތަކަށް ބަލާއިރު، ޖުމްލަ ދަރަނީގެ ނިސްބަތް ހުރީ ޖީޑީޕީ އާއި އަޅަބަލާއިރު 108 ޕަސެންޓުގައެވެ. ޖޫންމަހުގެ ނިޔަލަށް ތާއްޖޭގެ ޖީޑީޕީ ހުރި 68.3 ބިލިއަން ރުފިޔާގަ އެވެ.
މި ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރު ނިމުނު އިރު ރާއްޖޭގެ ޖުމްލަ ދަރަނި ހުރީ 68 ބިލިއަން ރުފިޔާގަ އެވެ. މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ ނިޔަލަށް ޖުމްލަ ދަރަނި ވަނީ 69 ބިލިއަނަށް އިތުރުވެފަ އެވެ.
ދެހާސް އަށާރަވަނަ އަހަރު ނިމުނު އިރު ޖުލްމަ ދަރަނި ހުރީ 48.2 ބިލިއަން ރުފިޔާގަ އެވެ.
މިއަހަރުގެ ދެވަނަ ކުއާޓަރުގެ ނިޔަލަށް ރާއްޖޭގެ ދަރަނި ގާތްގަނޑަކަށް 74 ބިލިއަނަށް އަރާފައިވާއިރު ސަރުކާރުން ވަނީ ކޮވިޑް19 އާއި ގުޅިގެން އެކި ކަންތަކަށް ބޭރުން ލޯނު ހޯދައިފައެވެ. ރާއްޖެއަށް އާމްދަނީ ލިބެމުން އައި މައި ސިނާއަތްކަމަށްވާ ޓޫރިޒަމް ސިނާއަތް ހުއްޓި އާމްދަނީ ލިބެނެ ގޮތްތައް ހުއްޓިފައިވާއިރު، ރައްޔިތުންނަށް ފޯރުކޮށްދެންޖެހޭ ހިދުމަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުން ވަނީ ގިނަ އަދަދެއްގެ ލޯނު ނަގައިފައެވެ. އަދި ސެންޓްރަލް ބޭންކުން ވަނީ ހަތަރު ބިލިއަން ރުފިޔާ އޯވާޑްރޯ ކޮށްފަ އެވެ.
ފިނޭންސްގެ ތަފާސް ހިސާބުތައް ދައްކާގޮތުން މި ހިނގާ 2020 ވަނަ އަހަރު ސަރުކާރުން ވަނީ 12 ލޯނެއް ނަގައިފަ އެވެ.
ދަރަނި ނުދެއްކިގެން ގައުމު ސޮވެރިން ޑިފޯލްޓަކަށް ނުދާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ވިދާޅުވެފަ އެވެ.