14 Jan 2012, 11:52
ގެމަނަފުށީ ކޯޓުގެ މެޖިސްޓްރޭޓަށް އިންޒާރުދިން މީހާގެ މައްސަލަ ފެށޭ ހަފުތާގައި ޕީޖީ އަށް ފޮނުވާނެ ކަމަށް ފުލުހުން ބުނެފި އެވެ.
ގއ. ވިލިނގިލީގައި ބޯޓް އެހެލުން މަނާކޮށްފައިވާ ސަރަހައްދަށް ބޯޓެއް އެހެލަން އުޅުމުން އެކަން ހުއްޓައިލަން ކޯޓުން އަމުރު ކުރުމުން އެކަމާ ހިތްހަމަ ނުޖެހި އެ އަމުރު ނެރުނު ގެމަނަފުށީ ކޯޓުގެ މެޖިސްޓްރޭޓް އަބްދުﷲ ފަހުމީ އަށް އިންޒާރު ދީފައިވަނީ ވިލިނގިލީ، އިރުމަތީއާގޭ، ޝުހޫދު އަހުމަދެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ މެޖިސްޓްރޭޓަށް އިންޒާރުދިން މައްސަލަ މިހާރު ތަހުގީގުކޮށް ނިމިފައިވާ ކަމަށާއި ފެށޭ ހަފުތާގެ ތެރޭގައި މައްސަލަ ޕީޖީ އޮފީހަށް ފޮނުވާނެ ކަމަށެވެ.
މިދިޔަ އަންގާރަ ދުވަހުގެރޭ ޝުހޫދު މެޖިސްޓްރޭޓަށް އިންޒާރު ދިނުމާއި ގުޅިގެން ވިލިނގިލީ ކޯޓުން ވަނީ އޭނާ ވަގުތުން ހައްޔަރުކޮށް އެ މައްސަލަ ތަހުގީގުކުރުމަށް ފުލުހުންނަށް އަމުރުކޮށްފަ އެވެ.
ގެމަނަފުށީ ކޯޓުގެ މެޖިސްޓްރޭޓް އަބްދުﷲ ފަހުމީ ސޮއިކުރައްވައި މިދިޔަ އަންގާރަ ދުވަހުގެ ރޭ ވިލިނގިލީ ކޯޓުން ނެރުނު ވަގުތީ އަމުރެއްގައި ބުނަނީ ޝުހޫދު އަހުމަދު ދުއްވާ ވިލިބޯޓް، ބޯޓުފަހަރު އެހެލަން މަނާކޮށްފައިވާ ސަރަހައްދަކަށް އެހެލަން އުޅޭތީ ވިލިނގިލީ ކައުންސިލް އިދާރާ އިން އެ ކޯޓަށް ހުށަހަޅާފައިވާ މައްސަލައާމެދު ކޯޓުން ވަކިގޮތެއް ނިންމެންދެން ބޯޓު އެހެލުމުގެ މަސައްކަތް "މިހިނދުން މިހިނދަށް" ހުއްޓާލަން ޝުހޫދުއަށް އަންގާ އަމުރުކުރާ ކަމަށެވެ.
ވިލިނގިލީ ކޯޓުގެ ކޯޓު އޮފިސަރު ރަޝީދު އަހުމަދު ކުރިން ވިދާޅުވެފައި ވަނީ މިދިޔަ އަންގާރަ ދުވަހުގެރޭ 7:30 އެހާކަންހާއިރު ގއ. އަތޮޅުގެ އިސް މެޖިސްޓްރޭޓާއި ކޮލަމާފުށީ ކޯޓުގެ މެޖިސްޓްރޭޓާއެކު ފަހުމީ ކޯޓުން ނުކުންނަވަނިކޮށް ފަހުމީ އާ ދިމާލަށް އަތް ހޫރުވުމަށް ފަހު "ވިސްނައިގެން އުޅެއްޗޭ" މިހެން ބުނެ ޝުހޫދު އިންޒާރު ދީފައިވާ ކަމަށެވެ.
ޝުހޫދު އަކީ ވިލނގިލީ ކައުންސިލަށް އެމްޑީޕީ ޓިކެޓްގައި ވާދަކޮށް އިންތިޚާބުގައި ނާކާމިޔާބު ވެފައިވާ މީހެކެވެ.