ނިއުދިއްލީ (ސެޕްޓެމްބަރު 7) : އިންޑިއާ ގައި ކޮވިޑް-19 އަށް 90 ހާސް މީހުން އިއްޔެ ޕޮޒިޓިވްވެ ދުނިޔޭގައި ކޮވިޑްގެ ކޭސްތައް ދެވަނައަށް އެންމެ ގިނަ ގައުމަކަށް އިންޑިއާ ވުމުން ދުވަސްކޮޅެއްގެ ތެރޭގައި އެބަލީގެ މައި މަރުކަޒަކަށް އިންޑިއާ ވެދާނެކަމުގެ ބިރު ހީވެއްޖެއެވެ.

އިންޑިއާގެ މައިސަރުކާރުގެ ސިއްޙަތާބެހޭ ވުޒާރާއިން އިއްޔެ ބުނެފައިވަނީ އާދީއްތަ ދުވަހު 90 ހާސް މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވިކަން ރިޕޯޓްކޮށްފައިވާ ކަމަށާ މިއީ އެއްދުވަހުގެ ތެރޭގައި މިހަ ގިނަ އަދަދަކަށް ކޭސްތައް ރިޕޯޓްކުރި ފުރަތަމަ ދުވަސްކަމުގައެވެ. މިއާއެކު އިންޑިއާ ވަނީ ކުރިން ކޮވިޑް ދެވަނައަށް އެންމެ ބޮޑަށް ފެތުރިފައިވާ ދެވަނަ ގައުމު ކަމަށްވާ ބްރަޒިލް ފަހަތަށް ޖައްސާލުމަށްފަހު މިހާރު ކޮވިޑް ގެ ކޭސްތައް ދުނިޔޭގައި ދެވަނައަށް އެންމެ ގިނަ ގައުމުކަމަށް ވެގެން ގޮސްފައެވެ.

އިންޑިއާގައި ކޮވިޑް ފެތުރެމުންދާމިންވަރުގެ ބޮޑުކަމުން އެގައުމުގެ ސިއްޙަތާބެހޭ މާހިރުންވެސްވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެބޭފުޅުން ލަފާކުރައްވާގޮތުގައި މިހާރު އިންޑިއާގައި ފެތުރެމުންދާ އަވަސް ސްޕީޑްގައި ކޮވިޑް ފެތުރެމުން ދާނަމަ ކުރިޔަށްއޮތް މަހެއްހާ ދުވަހުގެ ތެރޭގައި އެމެރިކާއަށްވުރެވެސް ކޮވިޑްގެ ކޭސްތައް އިންޑިއާގައި މައްޗަށް ދާނެއެވެ. ރިޕޯޓް ނުކުރާ ކޭސްތައް މީގެ އެތަށް ގުނައެއްގައި އިންޑިއާގައި އުޅޭނެކަމަށްވެސް އިންޑިއާގެ ސިއްހަތާބެހޭ މާހިރުން ލަފާކުރައްވައެވެ.

އިންޑިއާގެ ހެލްތު މިނިސްޓްރީން ހާމަކުރާ ރިޕޯޓްތަކަށް ބަލާއިރު އިންޑިއާގައި ކޮވިޑް-19 ފެތުރެމުންދަނީ ދުވާލެއްގެ މައްޗަށް 70 ހާހާއި 90 ހާހާ ދެމެދުގެ އަދަދެއްގައެވެ. މިއީ އެމެރިކާގައި ދުވާލެއްގެ މައްޗަށް ކޮވިޑް ޖެހޭ މީހުންނަށްވުރެވެސް މާމަތީ އަދަދެކެވެ.

ދުނިޔޭގެ ސިއްޙަތު ޖަމްއިއްޔާއިންވެސް ވަނީ އިންޑިއާގެ ހާލަތާމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. އެޖަމްއިއްޔާ ބުނާގޮތުން ދުނިޔޭގައި މިހާރު އެންމެ ފުޅާދާއިރާއެއްގައި އަދި އެންމެ ނުރައްކާތެރި ދަރަޖައަކަށް ކޮވިޑް-19 ފެތުރެމުން ދަނީ އިންޑިއާގައި ކަމުގައެވެ.

އިންޑިއާގައި ކޮވިޑްގެ ނުރައްކާ މިހާ ބޮޑުވެފައިވަނީ އިންޑިއާގެ ރަށްފުށުގެ ސަރަހައްދުތަކުގައި ކޮވިޑް-19 ގެ ބަލިމަޑުކަން ކޮމިއުނިޓީ ސްޕްރެޑަކަށް ގޮސްފައިވާއިރު އެ ބަލި ކޮންޓްރޯލް ކުރުމަށް އިންޑިއާ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެ އެމަސައްކަތްތައް ނާކާމިޔާބުވެފައިވާތީ ކަމަށް ރިޕޯޓްތައް ބުނެއެވެ. އިންޑިއާގެ ރަށްފުށުގެ ހިސާބުތަކުގައި ކޮވިޑް އާދަޔާ ޚިލާފަށް ފެތުރުމުގެ ސަބަބުތަކުގެ ތެރޭގައި ފަގީރުކަން ބޮޑުވުމާއި ހޭލުންތެރިކަން ކުޑަވުމާއި ސާފުތާހިރުކަން ނެތުން ހިމެނެއެވެ.

މިހާރަށް ބަލާއިރު ދުނިޔޭގައި ކޮވިޑްގެ ކޭސްތައް އަދިވެސް އެންމެ ގިނައީ އެމެރިކާގައެވެ. އަދި ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދުވެސް އެންމެ ގިނައީ އެމެރިކާގައެވެ. ނަމަވެސް އިންޑިއާގެ އެތެރޭގެ ހާލަތު އޮތްގޮތުން ކޮވިޑް ކޮންޓްރޯލް ވުމުގެ ފުރުސަތު އެމެރިކާއަށްވުރެ ކުޑައީ އިންޑިއާގައި ކަމަށްވެއެވެ. އެެހެންކަމުން ކޮވިޑްގެ އެންމެ ނުރައްކާތެރި މަރުކަޒެއްގެ ގޮތުގައި އިންޑިއާ ވަނީ ސިފަކުރެވެން ފަށާފައެވެ.

އެމެރިކާގައި 6.4 މިލިޔަން މީހުންނަށް ކޮވިޑް ޖެހިފައިވާއިރު އޭގެތެރެއިން އެއްލައްކަ ނުވަދިހަ ތިންހާހަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ. އިންޑިއާގައި ކޮވިޑް ޖެހުނުކަމަށް ރިޕޯޓްކޮށްފައިވަނީ 4.2 މިލިޔަން މީހުންނެވެ. އޭގެތެރެއިން ހަތްދިހަ އެއްހާހަށްވުރެ ގިނަ މީހުން މިހާތަނަށްވަނީ މަރުވެފައެވެ. އިންޑިއާގައި ކޮވިޑްގެ ކޭސްތައް އެންމެ ގިނައީ އެގައުމުގެ ދެކުނާއި އިރުމަތީގެ ސްޓޭޓްތަކުގައެވެ. މީގެތެރެއިން ޓެމިލްނާޑޫ ހިމެެނެނީ އެންމެ ބާރަށް ފެތުރެމުންދާ ސްޓޭޓްތަކުގެ ތެރޭގައެވެ. (ނޫސްއެޖެންސީތައް)