ވޮޝިންޓަން (ސެޕްޓެމްބަރު 7): އެމެރިކާގެ ފޮކްސް ނޫހުގެ ރިޕޯޓަރަކު ވަޒީފާއިން ވަކި ކުރަން އެގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގޮވާލައްވައިފި އެވެ.

ފޮކްސް ނޫހުގެ ގައުމީ ސަލާމަތާ ބެހޭ ކޮރެސްޕޮންޑެންޓް ޖެނިފާ ގްރިފިން ވަޒީފާއިން ވަކި ކުރަން ޓްރަމްޕް ގޮވާލެއްވީ، އެމެރިކާއިން ބައިވެރިވި ހަނގުރާމަތަކުގައި މަރުވި އެގައުމުގެ ސިފައިންނާ ބެހޭ ގޮތުން އޭނާ އިހާނެތިކޮށް ވާހަކަ ދެއްކެވި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ގްރިފިން ބުނި ފަހުންނެވެ.

ގްރިފިން ބުނި ގޮތުގައި 2018 ވަނަ އަހަރު ޓްރަމްޕް ފްރާންސަށް ވަޑައިގެންނެވި އިރު، އެގައުމުގައި އެމެރިކާގެ ސިފައިން ވަޅުލާފައިވާ ގަބުރުސްތާނަކަށް އޭނާ ޒިޔާރަތް ނުކުރެއްވީ އެކަން ކުރައްވަން ބޭނުންފުޅު ނުވުމުންނެވެ. އަދި ވައިޓް ހައުސްއިން ބުނި ގޮތާ ހިލާފަށް، އެއީ މޫސުން ގޯސްވުމުގެ ސަބަބުން ނޫން ކަމަށެވެ.

ޓްރަމްޕްގެ ސަރުކާރުގެ ކުރީގެ ދެ އޮފިޝަލަކާ ހަވާލާދީ ގްރިފިން ބުނި ގޮތުގައި ރައީސް ދެކިލައްވާ ގޮތުގައި ވިއެޓްނާމް ހަނގުރާމައަކީ ތާކުންތާކު ނުޖެހޭ ހަނގުރާމައެކެވެ. އަދި އެ ހަނގުރާމައަށް ދިޔަ އެންމެންނަކީ ވެސް ނުވިސްނޭ މީހުންނެވެ.

މީގެ އިތުރުން "ގައުމު ދިފާއު ކުރުމުގައި މީހަކު މަރުވާންވީ ސަބަބެއް ޓްރަމްޕަށް ފެނިވަޑައިނުގަންނަވާ ކަމަށާއި އެއީ ކުރަން ޖެހޭ ވަރު ކަމެއް ކަމަށް ޓްރަމްޕް ދެކިނުލައްވާ ކަމަށް" އޭގެ ތެރެއިން އެއް އޮފިޝަލަކު ވިދާޅުވިކަން ގްރިފިން ހާމަ ކުރި އެވެ.

އެމެރިކާގެ އެޓްލާންޓިކުން އެންމެ ފުރަތަމަ ރިޕޯޓު ކުރި އެ ވާހަކަތައް ޓްރަމްޕް ވަނީ ދޮގު ކުރައްވާފަ އެވެ. އަދި ގްރިފިންގެ ވާހަކަތައް ރިޕޯޓު ކުރި އިރު އޭނާ ވައިޓް ހައުސްގެ ބަހެއް ނުހޯދާ ކަމަށާއި، އޭނާ ވަޒީފާއިން ވަކިކުރަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

"މިފިދަ ގޮތަކަށް ރިޕޯޓު ކުރުމުން ޖެނިފާ ގްރިފިން ވަޒީފާއިން ވަކިކުރަން ޖެހޭ. އަޅުގަނޑުމެންގެ ބަހެއް ހޯދަން އެއް ފަހަރު ވެސް މަސައްކަތެއް ނުކުރޭ. ފޮކްސްނޫސް އެ ދިޔައީ،" ޓްރަމްޕް ޓުވީޓު ކުރެއްވި އެވެ.

ގްރިފިން އާއި ފޮކްސް ނޫހުގެ އެހެން ބައެއް ނޫސްވެރިން ވަނީ އޭނާގެ ދިފާއުގައި ވާހަކަ ދައްކާފަ އެވެ. އަދި ގްރިފިން ވަނީ އޭނާއަށް މައުލޫމާތު ދިން ފަރާތްތަކުގެ ނަން އޭނާ ހާމަ ނުކުރި ނަމަވެސް އެއީ ކޮން ބަޔެއްކަން ޓްރަމްޕަށް އެނގިލައްވާނެ ކަމަށް ބުނެފަ އެވެ.

އެމެރިކާގެ ސިފައިންނާ ބެހޭ ގޮތުން ޓްރަމްޕް ދެއްކެވި ކަމަށް ބުނާ ވާހަކަތަކާ ގުޅިގެން އޭނާގެ ރިޕަބްލިކަން ޕާޓީގެ މެމްބަރުންނާއި އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ މެމްބަރުން ވެސް ވަނީ ފާޑުކިޔާފަ އެވެ. އަދި އަސްކަރިއްޔާއާ ގުޅުން ހުރި ޖަމާއަތްތަކުން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ.