ލައިން ބަލަހައްޓަމުން ދިޔަ އޮފިޝަލެއްގެ ގައިގައި ގަސްތުގައި ބޯޅައަކުން ޖެހުމުން ދުނިޔޭގެ އެއްވަނައިއަށް ސީޑުކޮށްފައިވާ ޓެނިސް ކުޅުންތެރިޔާ ނޮވަކް ޖޮކޮވިޗް މިހާރު ކުރިއަށްދާ ޔޫއެސް އޯޕަންއިން ޑިސްކޮލިފައިކޮށްފި އެވެ.

ކޮރޯވާ ވައިރަހުގެ ސަބަބުން އައި ބޮޑު މެދުކެނޑުމަށްފަހު ފުރަތަމަ ފަހަރަށް ބޭއްވި ގްރޭންޑް ސްލޭމްގެ ފެވަރިޓެއްގެ ގޮތުގައި ގިނަ ބަޔަކު ގަބޫލު ކުރި ޖޮކޮވިޗް މުބާރާތުން ބޭރުކޮށްލަން މެޗު ބެލެހެއްޓި އޮފިޝަލުން ނިންމީ ލައިން ބަލަހައްޓަމުން ދިޔަ އަންހެން އޮފިޝަލެއްގެ ގައިގައި ބޯޅައަކުން ޖެހި މައްސަލައިގަ އެވެ. ސްޕެއިނުގެ ޕަބްލޯ ކަރޭނޯއާ ދެކޮޅަށް ކުޅުނު އެ މެޗުގައި ހިނގި މި ހާދިސާ ހިނގި އިރު 6-5 އިން ކުރީގައި އޮތީވެސް ޖޮކޮވިޗް އެވެ.

އެހެން ނަމަވެސް ޖޮކޮވިޗް ކުރި ސާވްއެއް ގެއްލުމުން ކުރިމަތިވި ނުތަނަވަސްކަމުގައި އޭނާ ޖީބުން ބޯޅަ ނަގައި އެ ބޯޅަ އަރިމަައްޗަކަށް ފޮނުވާލީ ބަލާލުމެއް ނެތި އެވެ. އެ ބޯޅަ ގޮސް އޮފިޝަލް ގަައިގައި ޖެހުންތަން ފެނުމާ އެކު ޖޮކޮވިޗް ވަނީ ވަގުތުން ގޮސް އެކަމަށް މައާފަށް އެދިފަ އެވެ. އެކަމަކު އެ މެޗުގެ އޮފިޝަލުން ވަނީ ޖޮކޮވިޗްގެ މައްސަލަ ބަލައި މުބާރާތުގައި އިތުރަށް ވާދަ ނުކުރެވޭނެ ކަމަށް ބުނެފަ އެވެ.

"އެއްވެސް ކުޅުންތެރިއަކަށް، މެޗުގެ ތެރޭގައި އެހެން ކުޅުންތެރިއަކަށްވެސް، ރެފްރީއަކަށް ވެސް އަދި ސަޕޯޓަރަކަށް އަނިޔާވާނޭ ފަދަ އަމަލެއް ނުކުރެވޭނެ. އެފަދަ އަމަލެއް ހިނގައިފިނަމަ މުބާރާތުގެ އޮފިޝަލުންނަށް ކުޅުންތެރިނާ މުބާރާތުން ވަކި ކުރުމުގެ ފުރުސަތު އޮންނާނެ." ގްރޭންޑް ސްލޭމުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަހުގެ ޝިކާރައަކަށް މީގެ ދެ މަސް ކުރިން ޖޮކޮވިޗް ވެގެންދިޔަ އިރު އޭނާ ވަނީ އެ ބަލިން ރަނގަޅުވުމާ އެކު އަލުން ޓެނިސް ކުޅެން ފަށައިފަ އެވެ.

އުމުރުން 32 އަހަރުގެ ޖޮކޮވިޗް ވަނީ މީގެ ކުރިން 17 ގްރާންޑް ސްލޭމް ހޯދައިފަ އެވެ.