14 Jan 2012, 11:31
މެންޗެސްޓާ ސިޓީގެ އާޖެންޓީނާ ފޯވާޑް ކާލޮސް ޓެވޭޒް އިންޓަމިލާން ގެންދަން ބޭނުންވާ ކަމަށް އެކުލަބުގެ ރައީސް މަސިމޯ މޮރާޓީ ބުނެފި އެވެ.
އިންޓަ އަށް ގެންދިއުމަށް މަސައްކަތްކުރާ އިރު، އެކުލަބުގެ އަވައްޓެރި އޭސީ މިލާނުން ވެސް ޓެވޭޒް ގެންދިއުމަށް މަސައްކަތް ކުރަމުން ދެއެވެ.
އުމުރުން 27 އަހަރުގެ ޓެވޭޒް ގެންދިއުމަށް އިންޓަ އިން މަސައްކަތް ކުރަނީ ލޯނުގެ ދަށުން ކަމަށާއި، އަންނަ ސީޒަނު ފެށުމުން 27 މިލިޔަން ޔޫރޯ އަށް ޓެވޭޒް ހޯދުމަށް މަސައްކަތްކުރާނެ ކަމަށް އިޓަލީގައި ބާރަށް ފެތުރެމުންދާ ރިޕޯޓްތަކަކުން ބުނަމުން ދެއެވެ. ނަމަވެސް އެރިޕޯޓްތަކުން ބުނާގޮތުގައި ޓެވޭޒް ދިއުން އެންމެ ކައިރީ ވާދަވެރި އޭސީ މިލާނަށް ކަމަށެވެ.
"ޓެވޭޒް ހޯދުމަށް ކުރާ މަސައްކަތަކީ ރަނގަޅު ކަމެއް. އަހަރެމެން އޭނާ ހޯދުމަށް ކުރަމުންދާ މަސައްކަތަށް އެކަށީގެންވާ މަސައްކަތާއި ހޯދޭނެ ގޮތްތައް ވެސް ބަލައިފިން. ޓްރާންސްފާ މުއްދަތު ތެރޭގައި އަދި ބާކީ ތިން ހަފްތާ އެބައޮތް. އެމުއްދަތުގެ ތެރޭގައި ކުލަބަށް ޓެވޭޒް ގެނެވޭތޯ މަސައްކަތް ކުރާނަން." މޮރާޓީ ބުންޏެވެ.
ޗެމްޕިއަންސް ލީގުގައި މިދިޔަ ސެޕްޓެމްބަރު މަހު ބެޔާން މިއުނިކާއި ދެކޮޅަށް މެންޗެސްޓާ ސިޓީ ކުޅުނު މެޗުގައި މެޗަށް އެރުމަށް ދެކޮޅު ހެދުމުން ޓެވޭޒް އަށް ސަސްޕެންޝަނާއި އެކު ޖޫރިމަނާ ވެސް ކުރެވިފައި ވެއެވެ. އެ މެޗަށް ފަހު މެންސިޓީގެ ބެންޗުން ވެސް ޓެވޭޒް ފެނިފައެއް ނުވެ އެވެ.